MTCC
Dhiraagu

ތެލަސީމިއާ ކުދިންގެ އާދޭސްތައް ކޮޅުން ލަނީ، ހާލަތު ވަރަށް ދަށް!

ތެލަސީމިއާ ކުއްޖަކު--ފޮޓޯ:ޓްވިޓާ

ދިރިހުރުމަށް ޓަކައި މި ކުދިންނަށް ކޮންމެ 14 ދުވަހަކުން ނުވަތަ 20 ދުވަހަކުން ލޭ ބޭނުންވެ އެވެ. ލޭކޮޅެއް ހަދިޔާ ކޮށްދޭނެ މީހަކު ވޭތޯ އެ ކުދިންނާއި އާއިލާތަކުން ޖެހެނީ ސަލާން ޖަހާށެވެ. ގިނަ ފަހަރަށް ކޮންމެ ރެއަކު ނިދަން އޮށޯންނަމުން ދެހަން ދޭތެރެއަށް ޑެސްފަރޮލް އިންޖެކްޝަން ޖަހައިގެން 12 ގަޑިއިރާއި 24 ގަޑިއިރު މަޑު ކުރަން ޖެހެ އެވެ. ހޭލުމަށްފަހު ސްކޫލަށް ދިޔަޔަސް، އޮފީހަށް ދިޔަޔަސް ދާންޖެހެނީ އެއާއި އެއްކޮށެވެ. މިއީ ތެލަސީމިއާ ކުދިންގެ ހަޔާތުގައި އުފުލަމުން ދާ ވޭނާއި ހިތްދަތިކަމުގެ ކުޑަ މިންވަރެކެވެ.

Ooredoo

އެކަމަކު މި ކުދިންގެ މި ވޭނުގެ ވާހަކަ އަޑުއަހާ ތަސައްލީއެއް ހޯދައިދޭން ޕޮލިސީ ލެވަލްގައި ކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟ މިއީ ބޮޑު ސުވާލެވެ.

ތެލަސީމިއާ ކުދިންގެ ޝަކުވާ އަކީ އެ މީހުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިގުލައިގެން ގޮސް، ދުވަހެއް ދުވަހަކަށް ހާލަތު ގޯސްވުމެވެ. އެކަމަކު މި މައްސަލަތަކަށް ހައްލެއް ހޯދަން އިދާރާތަކުގައި މި ކުދިންނާއި އާއިލާތައް އާދޭސް ކުރާތާ އެތައް އަހަރުތަކެއް ވަނީ އެވެ. އެކަމަކު އެދެވޭ ބަދަލުތަކެއް އައިސްފައި ވަނީ ވަރަށް ވެސް މަދުންނެވެ. އަދި މައްސަލަތައް ހައްލު ކުރަން ހިނގަން ޖެހިފައި އޮތް މަގު ވަރަށް ވެސް އުނދަގުލެވެ.

ރާއްޖޭގައި ތެލަސީމިއާ ސެންޓަރެއް އުފެއްދީ 1994 ވަނަ އަހަރު އެވެ. އޭގެ ކުރިން އެ ކުދިންނަށް ހިދުމަތް ދެމުން އައީ، އޭރުގެ ސެންޓްރަލް ހޮސްޕިޓަލްގަ އެވެ. އޭގެ އަހަރުތަކެއް ފަހުން އެކުދިންނަށާއި އާއިލާތަކަށް ލިބިގެންދިޔަ އެންމެ ބޮޑު އުންމީދަކަށްވީ "ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނު" ގެ ނަމުގައި ތަސްދީގު ކުރި ގާނޫނެވެ. މި ގާނޫނުގެ ދަށުން އޭރު ހިންގަމުންދިޔަ ނެޝެނަލް ތެލެސީމިއާ ސެންޓަރާއި އަދި ނެޝެނަލް ބްލަޑް ޓްރާންސްފިއުޝަން ސެންޓަރު ބަދަލުވީ މޯލްޑިވްސް ބްލަޑް ސާވިސަސް އަށެވެ.

ނަމަވެސް ހިތާމައަކީ ގާނޫނަށް އަށް އަހަރު ގުނަމުން ދާއިރުވެސް އޭގެ ހަގީގީ ފޮނި މީރުކަން މި އާއިލާތަކަށް ނުލިބުމެވެ. ގަބޫލު ކުރަން ޖެހިފައިވާ ހަގީގަތަކީ ތެލަސީމިއާ ކުދިން މުހިންމު އެތަށް ފަރުވާތަކަކާއި ރަނގަޅު ބޭސްފަރުވާއަކުން މަހުރޫމުވެ، އެތަށް ފުރާނަތަކެއް ގެއްލި އަދި ނުރައްކަލަށް ހުށަހެޅިފައިވާ ކަމެވެ.

ތެލަސީމިއާ ކުދިން ލޭއަޅަނީ--ފޮޓޯ:ސަންއެމްވީ

މިވީހާ ދުވަހު، ދާއިމީ ހެމަޓޮލޮޖިސްޓެއް ނެތް!

ތެލަސީމިއާ ފަދަ ލޭގެ ބައްޔަކަށް ހާއްސަ ފަރުވާދޭ، ހެމަޓޮލޮޖިސްޓުން މަދުމަދުން ރާއްޖެއަށް އައިސް ފަރުވާދިން ނަމަވެސް 650 އަށްވުރެ ގިނަ ލޭއަޅާކުދިން ތިބި މި ރާއްޖޭގައި ދާއިމީ ގޮތެއްގައި ފަރުވާދޭ ހެމަޓޮލޮޖިސްޓެއް ނެތްކަމަށް ތެލަސީމިއާކުދިން ފާހަގަ ކުރެ އެވެ.

"މިއީ ވަރަށް ޒަމާންވީ މައްސަލަތަކެއް ހަގީގަތުގައި. ސެންޓަރު ފުރަތަމަ އުފެދިގެންވެސް އޭރު ސަރުކާރުން ގެންގުޅުނު ވިސްނުމެއް ތެލަސީމިއާ ކުދިންނަށް ހާއްސަކޮށް ފަރުވާދޭ ހެމަޓޮލޮޖިސްޓެއް ރާއްޖެއަށް ހޯދުން. އެއީ މި ބަލީގައި އެންމެ މުހިންމު ފަރުވާތަކެއް ދެވޭ މެޑިކަލް ޑޮކްޓަރުންނަށް ވާތީ. އެކަމަކު ސެންޓަރު އުފެދިގެން މިވީ 25 އަހަރުދުވަހުވެސް އެކަމެއް އަދި ނުވޭ" ތެލަސީމިއާ ކުދިންގެ ހައްގުގައި މަސައްކަތްކުރާ އަބްދުލް މުއިޒް ހަސަން ބުންޏެވެ.

އޭގެފަހުން ސަރުކާރުތައް ބަދަލުވެ، އާ ހުވަފެންތަކެއް ކުރެހުނު ނަމަވެސް އަދިއަދަށްދާން ވެސް މިފަދަ ޑޮކްޓަރެއް ރާއްޖެއަށް ގެނެވޭނެކަމުގެ އެއްވެސް އަލިމަގެއް ނުފެނެ އެވެ. އެހެންކަމުން އުމުރުން 18 އަހަރުން މަތީ ތެލަސީމީއާ ކުދިން ވެސް އެކިކަންކަމުގައި ދައްކަންޖެހެނީ އަދިވެސް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކަށެވެ.

ތެލެސީމިއާ ސެންޓަރުގެ ހާލަތު ދަށް، އެއްވެސް ރިކޯޑެއް ނެތް!

ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ހަ ވަނަ މާއްދާގައިވާ ގޮތުގައި ތެލެސީމިއާގެ ކަންކަމުގައި ގައުމީ ފެންވަރުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާނެ ތަނަކީ ތެލަސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ގެ ނަމުގައި ހުޅުވާ ސެންޓަރެވެ. މިތަން ހިންގުމަށްޓަކައި ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުން ދޭންޖެހޭއިރު، މި ސެންޓަރުގެ އެންމެ އިސްވެރިއަކީ ސިވިލް ސާރވިސް ކޮމިޝަނުން އައްޔަނުކުރާ ޑިރެކްޓާ ޖެނެރަލް އެވެ.

ތެލަސީމިއާ ކުދިންގެ ހައްގުގައި އަޑުއުފުލާ، އަބްދުﷲ ޝަނީޒް "ސަން"އަށް ބުނިގޮތުގައި ސެންޓަރުގައި މިވަގުތުވެސް ޑީޖީ އެއް ނެތެވެ. ސެންޓަރު ހިންގަމުން އަންނަނީ ތެލަސީމިއާ ޕޭޝަންޓުންގެ ކަންކަމަށް އިސްކަންދިނުމުގެ ބަދަލުގައި ސްޓާފް އޮރިއެންޓެޑް ތަނެއްގެ ގޮތުގައި ކަމަށް އޭނާ ފާހަގަ ކުރި އެވެ.

ލޭއެޅުމަށްޓަކައި ކުދި ބޮޑު އެންމެން ގިނަ ވަގުތުތަކެއް ސެންޓަރުގައި ހޭދަކުރަންޖެހޭއިރު، ޝަނީޒް ސިފަކުރާގޮތުގައި ސެންޓަރު މިހާރު ހަމަ 'ބޮލަށް ވެއްޓެނީ އެވެ."

މީގެއިތުރުން ތަނުގެ ހިދުމަތުގެ ފެންވަރާއިމެދު އެތަށް ސުވާލުތަކެއް ކުރެވޭއިރު އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި މުއިޒް ފާހަގަކުރަނީ ކުދިންގެ މެޑިކަލް ރިކޯޑުތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިފައި ނުވާކަމެވެ. އަދި އެކުދިންގެ ސިއްހީ ހާލަތު މޮނިޓާކުރެވެމުންވެސް ނުދިއުމެވެ.

"ކުދިން މޮނިޓާ ކުރެވިގެން ނޫނީ ކުދިންނަށް އެކަށީގެންވާ ގޮތަށް ފަރުވާތައް ބައްޓަންކުރެވިގެނެއް ނޫން މި ފަރުވާދެވެނީ ކީއެއް. މިސާލަކަށް ކުއްޖެއްގެ ހާޓް ފެއިލްވުމުގެ ކުރިން އެކުއްޖާ ދެނެގަނެވި، އެކަށީގެންވާ ފަރުވާއެއް ދެވޭނެ ސިސްޓަމްއެއް ނެތް. ޤާނޫނުގައިވެސް މިބުނަނީ އެކަންކަން ފުރިހަމަކުރަން. ތަންފީޒުކުރާތަނެއް ނުފެނޭ،" މުއިއްޒު ބުންޏެވެ.

ކިތަންމެ ހިތްހަމަނުޖެހުނަސް، އަދި ހިތްދަތިވާ ވަގުތުތައް އަޔަސް، ތެލަސީމިއާ ކުދިން ކެތްކޮށްލައިގެން އެ ތިބީ އެތަނަކީ ހަމަ މާދަންވެސް އެނބުރި ލޭއަޅަން ދާންޖެހޭ ތަނަށްވާތީ އިހްތިރާމްކުރުމުގެ ގޮތުން ކަމަށް ޝަނީޒް ބުންޏެވެ.

ތެލަސީމިއާ ކުދިންގެ ޓްރާންސްފިއުޝަން ރެކޯޑްސް --- ފޮޓޯ:ޓްވިޓާ

ހަމައެޔާއެކު ޓެކްނޮލަޖީގެ ގޮތުން މިހާކުރިއަރާފައިވާ ޒަމާނުގައިވެސް ތެލަސީމިއާ ކުދިންގެ ޓްރާންސްފިއުޝަން ރިކޯޑްސް ބަލަހައްޓަމުން އަންނަނީ 1980 އިން ފެށިގެން އެކަން ކުރަމުން އަންނަ ކަރުދާހުގަ އެވެ. ބައެއްފަހަރު މި ރިޕޯޓްތައް ގެއްލި އެފަދަ މައްސަލަތައް ފެންމަތިވާންފެށުމާއެކު، ޖޫންމަހުގެ 15 އިން ފެށިގެން ޕޭޕަރު ފައިލްއެއްގައި ކުދިންގެ މައުލޫމާތު ރެކޯޑް ކުރަން ފަށާފައިވާކަމަށްވެސް "ސަން"އާ ވާހަކަދެއްކި ތެލަސީމިއާ ކުދިންގެ ޓީމުން ބުންޏެވެ.

ތެލަސީމިއާ ކުދިން ބޭނުންކުރާ ޑެސްފަރޮލް އިންޖެކްޝަން--ފޮޮޓޯ:ޓްވިޓާ

"މަލްޓި ޑިސިޕްލިނަރީ ކެއާ އެބަ ބޭނުންވޭ"

ތެލަސީމިއާ ކުއްޖެކޭ ބުނެފިނަމަ އެންމެނަށް ވެސް ހީވެފައި އޮންނާނީ ލޭ އެޅުމުގެ އިތުރަށް ޑެސްފަރޮލް ޖެހުމުން އެ ނިމުނީ ކަމަށެވެ. ނަމަވެސް މިކަމުގައި އެވަރުން ފުއްދާލެވޭކަށް ނެތެވެ. ކުދިންގެ ހެދިބޮޑުވުން ބަލަހައްޓާ، ހިތާއި ފުރަމޭ ފަދަ ގުނަވަންތައް ގަވާއިދުން މޮނިޓާކޮށް ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ސައިކޯ ސޯޝަލް ސަޕޯޓް މިކުދިންނަށް ބޭނުންވެ އެވެ. ހަކުރު ބަލި ހުންނަ ކުއްޖެއް ނަމަ އެކަމަށްވެސް އެހީތެރިކަން ބޭނުންވެ އެވެ. ނަމަވެސް ހިތާމައަކީ ވެރިރަށް މާލޭގައި އެކަނި ހުންނަ ސެންޓަރުން ލިބެނީ ހަމައެކަނި ލޭއެޅުމާއި ޑެސްފަރޮލް އާއި ބައެއް ބޭސްތައްކަމެވެ. އަދި އަތޮޅުތެރޭގައި ތިބި ކުދިންގެ ހާލަތެއް ނުވެސް އެނގޭކަމަށް މި ޓީމުން ބުންޏެވެ.

ހަމައެޔާއެކު، އައިޖީއެމް ހޮސްޕިޓަލްގައި ތެލަސީމިއާއާ ގުޅިގެން ފަރުވާދިނުމަށް ޓްރެއިންވެފައި ތިބި މަދު ޑޮކްޓަރުންތަކެއް ތިބިއިރު އެ ޑޮކްޓަރުންނާއި ސީދާ ގުޅައިގެން ނުވަތަ ދެއްކޭނެ ރެފަރެލް ސިސްޓަމްއެއްވެސް މިހާތަނަށް އައިއިރު އެކަށައެޅިފައެއް ނުވެ އެވެ.

"މިހާރުވެސް އެބަތިބި ތެލަސީމިއާ ޕޭޝަންޓުންގެ ތެރެއިން މާބަނޑު 3 މީހުން. ނޯމަލް ޕްރެގްނެންސީ އަކާއި ވަރަށް ތަފާތުވާނެ. އާންމުކޮށް ލޭ އަޅަންޖެހޭ މިންވަރަށްވުރެ ލޭއަޅަންޖެހޭ މިންވަރުވެސް އިތުރުވާނެ. އެކަމަކު ސެންޓަރުން މި ފޮނުވާލަނީ އާންމު ހޮސްޕިޓަލަކަށް. އެވަރުން ފުދޭނެތޯ؟" ޝަނީޒް ސުވާލުކުރި އެވެ.

މީގެ އިތުރުންވެސް ހަށިގަނޑުން ދަގަނޑުގެ މާއްދާތައް މަދުކުރަން ބޭނުންކުރާ ޑެސްފެރޯލްގެ ސަބަބުން ބޮޑެތި ސައިޑް އެފެކްޓްސް ތަކެއް ކުދިންނަށް ހުރިއިރު، އޭގެ ސަބަބުން ލޮލުގެ ފެނުމަށާއި، އަޑިއިވުމުގެ ހިއްސުތަކަށް ކުރާ އަސަރު އެއްވެސް ވަރަކަށް މޮނިޓާއެއް ނުކުރެވެ އެވެ. ގިނަފަހަރު ކަމެއް ގޯސްކަން އެނގޭއިރު އޮންނަނީ ވަގުތު ފާއިތުވެ ނޭވާ ހޮޅިއަށް އެޅިފަ އެވެ.

"ނިއު ނޯމަލްގައި ލޭއަޅަން ޖެހެނީ އެޕޮއިންޓްމަންޓް ނަގައިން"

މިހުރިހާ ކަމަކާއިއެކު ތެލަސީމިއާ ޕޭޝަންޓުންނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ލޮކްޑައުން އާއިއެކު ލޭއެޅުމުގެ ހިދުމަތް ދިނުމަށް ގެނައި ބަދަލެވެ. ކުރިންނަމަ ވަޒީފާއާއި ސްކޫލްގައި އުޅޭކުދިންނަށްވެސް އެކަށޭނަގެން ވަގުތުތައް 'ފްލެކްސިބަލް'ކޮށް އޮތްނަމަވެސް، މިފަހުން ލޭއެޅުމުގެ ޚިދުމަތްލިބެނީ އެޕޮއިންޓްމަންޓް ހަދައިގެންނެވެ. އަދި ހުރިހާ ޑޯނަރުންނާއި ލޭއަޅާކުދިން ވެސް ގުޅަން ވަކިން ދެ ނަންބަރެއް އޮންނައިރު، ލައިން ބިޒީވުމުން ގިނަފަހަރު ދަނީ ފޯނުވެސް ނުނެގި އެވެ.

ނިއުނޯމަލްއަށް ސަރުކާރާއި، އަމިއްލަ ތަންތަނުގެ އިތުރަށް ބައެއް ހޮސްޕިޓަލްތައްވެސް ހިދުމަތްދޭން ފަށާފައިވާއިރު، ތެލަސީމިއާ ސެންޓަރުން އަދިވެސް ކުދިންނަށް މި ނޫން ލުޔެއް ދީފައިނުވާތީ އެތަށް ބަޔަކު ދަނީ ސޯޝަލް މީޑިއާގައިވެސް ނުރުހުން ފާޅުކުރަމުންނެވެ.

ޝަނީޒް ބުނާގޮތުން މިފަދަ ގޮތަކަށް އިންތިޒާމްތައް ހަމަޖެހުމުން ޑޯނަރުންނަށްވެސް ލޭ ހަދިޔާކުރުމަށް ދިއުމަށް އުނދަގޫވެ، ވަޒީފާގައި އުޅޭ ކުދިންނަށް ލޭ އެޅުމަށް ދާން އުނދަގޫތަކެއް ދިމާވެ އެވެ.

ތެލަސީމިއާ ކުދިން ލޭ އަޅަނީ--ފޮޓޯ:ސަންއެމްވީ

މިނޫނަސް ތެލަސީމީއާ ކުދިންނަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތައް ނުހަނު ގިނަ އެވެ. ގާނޫނެއްގައި އެކުދީންނަށް އެންމެ ރަނގަޅު ފެންވަރުގެ ނަތީޖާ ހޯދައިދިނުމަށް އެދިފައިވިޔަސްވެސް އެއީ ހަމައެކަނި ލިޔެވިފައިވާ ލަފްޒުތަކަކަށްމިވަނީ ވެފަ އެވެ.

މި ސަރުކާރުގެ އެކި މުވައްސަސާތަކަށްވެސް މިކުދިންނާއި، އަދި ތެލަސީމިއާ ސޮސައިޓީގެ ފަރާތުންވެސް އިސްވެ ވަނީ ބައްދަލުކޮށްފަ އެވެ. އަދި މިހާތަނަށް އަލިމަގެއް ނުފެނުނު ނަމަވެސް ނައިބު ރައީސް ފައިސަލް ނަސީމް ގުޅުއްވާ ތެލަސީމިއާ ކުދިންގެ މި މައްސަލަތައް ބެއްލެވުމަށް ހާއްސަ ކޮމިޓީއެއް މިހާރު ވަނީ އެކުލަވާލައިފަ އެވެ.

ތެލަސީމިއާ ކުދިންގެ ޝަކުވާތަކަކީ މީގެ އެތަށް އަހަރެއް ކުރީއްސުރެ އުފުލަމުން ދިޔަ އަޑުތަކެކެވެ. އެދެވޭ ނަތީޖާއެއް ނުލިބި ދުވަސްތައް ފާއިތުވެ، އެކުގައި އުޅުނު އަމިއްލަ އާއިލާއެއް ފަދަ ގާތްބަޔަކު މިކަންކަމުގެ ސަބަބުން ފުރާނަ ދޫކޮށްދިޔައިރު އެ އަޒުމަކަށް އެ ހިތްވަރަކަށް ބަދަލެއް ނާދެ އެވެ. އަދިވެސް އުންމީދަކީ، ތެލަސީމިއާގެ އަދުގެ ޅަޒުވާންޖީލަށް އަދަށްވުރެ ފެހި މާދަމާއެއް ހޯދައި ދިނުމެވެ.

Redstar
comment ކޮމެންޓް

comment ޝިފާހު

5 year 8 month ago

އޭ+ 9944405

comment މުހައްމަދު ޒަމީރު

5 year 9 month ago

ޢެޕޮއިންޓްމެންޓް ހޯދައިގެން ހުރިހާތާކުންވެސް ހިދުމަތް ދެނީ. ތީއާކަމެއްތަ؟ މަވެސް ލޭދޭން ދަން ވޮލެންޓިއަރކޮށް. ދެން ފަހަރަކުން އެޕޮއިންޓމެންޓް ހައްދާނަން.

comment ކަށިވިދުރި

5 year 9 month ago

ސަރުކާރުން ކަމެއް ނުކޮއްދެޔޭ ބުނާއިރު، މި ކުދިންނަށް ހުރިހާކަމެއްވެސް ސަރުކާރުން ކޮށްދެނީ ހިލޭ. މި ޤައުމުގަ ތި ނޫނަސް އެތައް ބަލިތަކެއްގަ މާ ވޭނުގަ އުޅޭމީހުން އެބަތިބި ސަރުކާރުގެ މާބޮޑު އަޅާލުމެއް ނުލިބި. ދެއިރު ދެ ދަޅަޔަށް އެމީހުން ތިހާވަރަކަށް ޝަކުވާއެއްނުކުރޭ. ބުނަންތަ ރަނގަޅުވާހަކައެއް. މާ ރަނގަޅުވާނެ ތި ހުރިހާ ކުދިންވެގެން ތެލެސީމިއާ ކުދިންނަށް ޝުކުރުކުރަން ދަސްކޮށްދިނިއްޔާ. އަސްލުވެސް. ޝުކުރުނުކޮށް އުޅެނިކޮށް މިހާރު ތިލިބޭ މިންވަރުވެސް ނުލިބިދަނެ. ކިހިނެއްތަ ކޮންމެ ބައްޔަކަށް ސެންޓަރެއް ހަދައިގެން އުޅޭނީ. ދެން ތި ޤާނޫނުގެ ވާހަކަ. އެ ޤާނޫނުގަ އޮތީ ސަރުކާރަކަށް ނުކުޅަދާނަ ވާވަރަށް ކަންކަން ލާޒިމްކޮށްފަ. ދުނިޔޭގެ އެއްވެސް ހިސާބެއްގަ މި ރާއްޖޭގަ ދޭ ފެންވަރަކަށް ހިލޭސާބަހަށް ޚިދުމަތެއްނުދޭ. ކުދިންނޭ. ޝުކުރުކުރަން ދަސްކޮށްބަލަ. ބޮޑެތިވެފަތިބި ކުދިންގެ އަމިއްލަ ޒިންމާ ކޮބައިތަ؟؟؟

reply ފަތްތޫރަ

5 year 9 month ago

އަލްޙަމްދުﷲ. މިހާރު މި ވާ ވަރަށް ވެސް ޝުކުރުކުރަން. އެކަމަކު 600 700 އެތައް ބަޔަކު ފަރުވާ ކުރާ ބައްޔަކަށް އެކަށީގެންވާ ރަނގަޅު ޑޮކްޓަރެއް ނެތީމަ އެވާހަކަ ދެއްކުންއެއީ ޝުކުރު ނުކުރުން ތޯ. ކޮންމެ ބަލިމަޑު ކަމަކީވެސް ތަކުލީފު ތަކެއް ހުންނާނެ ކަމެއް. މިއަދާ ހަމަ އަށް އެކުދިން ކެތްކުރާ ވަރު؛ އެކުދިން ކުރާ ދުޢާ ނޭނގޭ ޙާލު ތިފަދަ ބަސް ތައް ރައްދު ނުކުރައްވާ. އެކުދިންނަކީ ދުނިޔެއަށް ލީ ނޭވަޔާއެކު އެބަލި ތަޙައްމަލު ކުރަމުންދާބައެއް. އެންމެ ތުއްތު އިރުއްސުރެ އެތައް ވޭނެއް ތަޙައްމަލު ކުރަމުން ދިރިއުޅޭ ބައެއް. ކޮންމެ މަހަކު ދެ ފަހަރައް ތިންފަހަރައް ލޭފޮދަކައް ސަލާން ޖަހަމުން މީހުންގެ ބަދު ބަސް ތަކާ ކުރިމަތިލަމުން މާދމާ އައް ކުރާއުއްމީދު އާކުރަން މަސަތްކަތް ކުރާއިރު އެކުދިން ނައް ޓަކާ މި އުފުލާ އަޑައް ތިފަދަ ރައްދު ނުދެއްވާ. ތި ބޭފުޅުންނައް ނުލިބިވާ ޙައްގެއް ވާނަމަ އެޔައް އަޑު އުފުލުމަކީ ތިބޭފުޅުންގެ

reply ސަލީމާ

5 year 9 month ago

ހުވައޭ.. އަހަރެންވެސް ދަންނަން ތިޔަށްވުރެން މާ ހާލުގަ ކެންސަރުބައްޔަށް ފަރުވާކުރާ މީހުން. ތިބުނަ ފުރިހަމަ ޚިދުމަތްތަކެއް އެމީހުންނަކަށް ނުލިބޭ. ހިލޭ ހުރިހާ ޚިދުމަތްތަކެއް ލިބޭއިރު އެކަމަށް ޝުކުރުކުރިއްޔާ މާ ތާހިރުވާނެ އެއްނު.

comment ފެނާނު

5 year 9 month ago

އަމާނާތްތެރި ސޯލިހު އިބޫ ސަރުކާރުގަ އާދޭސް ކުރަން ޖެހުމަކީ ލަދުވެތި ކަމެއް. އެއްވެސް ކަމަކަށް ސަލާމްޖަހާ އާދޭސް ކުރާކަށް ނުޖެހޭނެ. މިއޯގާތެރިކަން ފުރިގެން ބަންޑުން ވެފައިވާ ސަރުކާރެއް

comment ޢައްމު

5 year 9 month ago

ސަރުކާރުގެ ވާހަކަދައްކާއިރު ކޮބާ މައިންބަފައިންގެ ޒިއްމާ؟ ދެއިރުދެދަޅައަށް އެގޮވަނީ ދެކެރިއަރުން ކައިވެނި ނުކުރާށޭ އެކަމަކުވެސް ވަގަށް ކުރަނީ. ކޮށްގެން ދަރިންވެސް ހޯދަނީ. މިއީ ދެވޭ އަނިޔާއެއް ނޫންތަ. މައިންބަފައިންގެ އަމިއްލަ އެދުންވެސް ކުޑަވާން އެބަޖެހޭ.

reply ފާތުން

5 year 9 month ago

ޙާދަ ނުވިސްނޭ ކަޓު ވިސްނުމެކޭ ތިއީ!

comment ދޮން ބަބުރު ސޮރު

5 year 9 month ago

އެކުދީންނަށް އެއްމެ އޯގާތެރި ވާން ޖެހޭ ފަރާތުން އޯގާތެރި ނުވީމަ ދެން ކޮންބައެއްތޯ އެކުދީންނަށް އަަޅާލާ ނީ

comment ފަރުދީ ޒިންމާ

5 year 9 month ago

މިތާ މުވައްޒަފުން ކުފޫ ހަމަނުވޭ މިވަޒީފައަކަށް އަންކޮލިފައިޑް، ޤާނުނު އޮތްކަން އެކަނި. ޢަމަލެއް ނުކުރޭ. ޤާނޫނާ ހިލާފުމިވަނީ މިއިދާރާ އާއި މިޤާނޫނުގައިވާ ފަދައިން ޒިންމާވާ ފަރާތް ހެލްތު މިނިސްޓަރު. އެމް.ބީ.އެސްގަ ކެޕޭސިޓީއެއް ނެތް. ޢަމިއްލަ ގޭގެ ކަންތައްތައް ނިންމާހެން އެމް.ބީ.އެސް ވެރިން ކަންތައް ނިންމަނީ، ޤާނޫނެއް ޤަވައިދެއް އަމަލު ކުރުމެއް ނެތް. ޖަވާބުދާރީ ވާންޖެހޭ ދުވަސް އަދި އަންނާނެ ނެގްލެޖެންސް ކޭސްއަކާއި އެކު

reply ރައްޔިތު މީހާ

5 year 9 month ago

ކޮލިފައިޑް ނޫން ބަޔެކޭ ތިބުނަނީ އެތާ ތިބީ މަގުމަތިން ހޮވާފަތިބި ބައެއްތަ؟ ހާދަ ކަންކަމަކަށް ތިޔަބުނާކަހަލަ ޤާނޫނުތަށް ހަދާފަހުރެޔޭ. ރަށްރަށު ސިއްޙީދާއިރާއަށް ނިކަން ޙަރަދުކޮއްބަލަ ސަރުކާރުން.😡

comment ކެރިއަރ

5 year 9 month ago

މިއީ އެކުދިންނަށް ވެވޭ ކިހާ ބޮޑު އިހުމާލެއްތޯ؟