ކުޑަހުވަދޫއިން ޕޮޒިޓިވްވި އެއް މަހުގެ ކުއްޖާ އައިސީޔޫގައި، ހާލު ރަނގަޅު!

ލ ގަމުގައި ހުންނަ ކޮވިޑް ފެސިލިޓީ: އެއް މަހުގެ ކުއްޖަކަށް އެ ފެސެލިޓީ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުން ---

މާލެ އިން ދ. ކުޑަހުވަދޫއަށް ގޮސް ފުރަބަންދު ކަރަންޓީނުގައި ހުއްޓާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނު އެއް މަހުގެ ތުއްތު ކުއްޖާއަށް އައިސީޔޫގައި ފަރުވާ ދެމުން އައި ނަމަވެސް އެ ކުއްޖާގެ ހާލު ގޯސް ނޫން ކަމަށް ލ. ގަން ކޮވިޑް ފެސިލިޓީ އިން ބުނެފި އެވެ.

އެ ކުއްޖާ ޕޮޒިޓިވްކަން އެނގިފައިވަނީ މާލެއިން ކުޑަހުވަދޫއަށް ގޮސް ކަރަންޓީން ފުރިހަމަކޮށް، މި މަހުގެ އެއްވަނަ ދުވަހު ރިލީޒް ސާމްޕަލް ނެގުމުންނެވެ. އެއް މަހުގެ ތުއްތު ކުއްޖާގެ އިތުރުން ތިން އަހަރުގެ ފިރިހެން ކުއްޖަކާއި 24 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެއް ވެސް އެ ރަށުން ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ތުއްތު ކުއްޖާގެ މަންމަ ވެސް ހިމެނެ އެވެ.

ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަލީ ނަޝީދު "ސަން" އަށް ވިދާޅުވީ، ކުޑަހުވަދޫއިން ޕޮޒިޓިވްވި އެއް މަހުގެ ކުއްޖާ، ކޮވިޑް ފެސިލިޓީއަށް ގެނައިސްފައިވަނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށާއި އަދި އެ ކުއްޖާ މިވަގުތު އޮތީ އައިސީޔޫގައި ކަމަށެވެ.

އެ ކުއްޖާ އައިސީޔޫގައި އޮތީ ހާލު ގޯސްވެގެން ނޫންކަމަށާއި އެއީ ގާތުން މޮނީޓަރުކުރުމަށްޓަކައި ކަމަށް ނަޝީދު ވިދާޅުވިއެވެ. ތުއްތު ކުއްޖާއާއެކު އެ ކުއްޖާގެ މަންމަ ވެސް ހުރިއިރު ދެ މައިންގެ ހާލު ރަނގަޅު ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ގަން ކޮވިޑް ފެސިލިޓީގައި 20 އައިސީޔޫ ބެޑްގެ އިތުރުން 15 އައިސޮލޭޝަން ބެޑް ހުރި އިރު އެ ފެސިލިޓީއިން މިވަގުތު ފަރުވާ ދެމުން އަންނަނީ އެ ދެމައިންނަށް އެކަންޏެވެ.

comment ކޮމެންޓް