މިއަދު ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން، ޕީއެންސީގެ ލީޑަރު، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަވަގުރާނަ ގޮވައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގައިޑްލައިނާ ހިލާފަށް މިދިޔަ ހުކުރު ދުވަހު މާލޭގައި މުޒާހަރާކުރި މައްސަލާގައި މިއަދު އަދުރޭ ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.
ފުލުހަށް ހާޒިރުވެ ނޫސްވެރިންނާ ވާހަކަދައްކަވަމުން އަދުރޭ އަވަގުރާނަ ގޮވާފައި ވަނީ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މި ފަހުން ނެރުއްވި "ދެ ރަދުން" ފޮތާ ގުޅުވައިގެންނެވެ.
އަދުރޭ ވަނީ އެ ފޮތް ބެއްސެވުމަށް މަޖިލިސް ރައީސް މާސްކް އެޅުއްވުމެއް ނެތި، އަދި ގައިދުރުކަމެއް ވެސް ނުބަހައްޓާ ކުރިއަށް ގެންދިޔަ ހަރަކާތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"އެ ނެރުއްވައިގެން އުޅޭ ދެ ރ** ފޮތް...." މި ހިސާބަށް ވިދާޅުވުމަށް ފަހު އަދުރޭ ވަނީ އިރުކޮޅަކަށް ވާހަކަ މެދުކަނޑާލައްވައިފަ އެވެ. އަދި ފަހުން އެ ފޮތުގެ ނަން ރަނގަޅަށް ވިދާޅުވެ ވާހަކަ ކުރިއަށް ގެންދެވި އެވެ.
"ދެ ރަދުންގެ ފޮތް ބައްސަވަން ރެސްޓޯރެންޓުތަކަށާއި އެ ނޫން ތަންތަނަށް ވަޑައިގެން ވަޒީރުންނާއި އަމީރުންނާއި ނޫނިއްޔާ އެމްޑީންނާއި މެމްބަރުންނާ ބޭފުޅުން މޭޒުކޮޅު ކައިރީގައި ބައިތިއްބަވައިގެން ސޮއިކުރައްވާ ފޮތް ދެއްވާއިރު މާސްކް އެޅުއްވުމެއް ނެތް އަދި ގައިދުރުކަމެއް ވެސް ނެތް،" އަދުރޭ ވިދާޅުވި އެވެ.
ހަމައެއާ އެކު މަޖިލިސް ރައީސް މިދިޔަ ހުކުރު ދުވަހު އަމިއްލަ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމަށް، އެއާޕޯޓަށް ވަޑައިގެން ބައެއް މަޖިލިސް މެމްބަރުންނާ އެކު އެއާޕޯޓުގައި އިންނެވިއިރު ވެސް މާސްކް ނާޅުއްވާކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
އަދުރޭ އެފަދަ ހަޑިހުތުރު ބަހެއް ބޭނުންކޮށް ދެއްކެވި ވާހަކަ ބައެއް މީޑިއާތަކުން ވަނީ ވަގުތުން ދުރަށް ވެސް ދައްކައިފަ އެވެ.
އެޗްޕީއޭއުގެ ގައިޑްލައިނާ ހިލާފަށް ކުރިއަށް ގެންދިޔަ މުޒާހަރާއާ ގުޅިގެން އަދުރޭ އާއި ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ 1،000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.
އަދި ޕީޕީއެމްއާއި ޕީއެންސީ ވަނީ 75،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.