އެސްބީއައި އޮފީހަށް ބޮޑެތި ގެއްލުން، މާދަމާ ހިދުމަތް ދެވޭތޯ ބަލަނީ

އެސްބީއައި އޮފީސް ހުންނަ އިމާރާތުގައި ރޭ ރޯވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މާލޭ ބްރާންޗު ހިންގާ ހ. ސަންލީޓް ބިލްޑިން (ގަދަގޭ މުހައްމަދުފުޅު ބިލްޑިން) ގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ ބޭންކުގެ ހިދުމަތްދޭ ފްލޯތަކަށްވެސް ގެއްލުން ލިބިފައިވާ ކަމަށް އެސްބީއައި އިން ބުނެފި އެވެ.

އެސްބީއައި އިން ބުނީ އެ އިމާރާތުގައި އެ ބޭންކުން ހިދުމަތްދޭން ބޭނުންކުރާ ފަސް ފްލޯ އަށްވެސް ރޭގެ ހާދިސާގައި ގެއްލުންވެފައިވާ ކަމަށެވެ.

"މިހާރު މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ބޭނުންވާނެ އަސާސީ ހިދުމަތްތައް މާދަމާ ދޭން ފެށޭތޯ. ކަމާ ބެހޭ މުވައްސަސާ ތަކާ ގުޅިގެނ އެ މަސައްކަތް ކުރިއަށް އެބަދޭ،" އެސްބީއައި އިން ބުންޏެވެ.

ބޭންކުން ބުނީ ހިދުމަތް ފެށުމަށް، ސާފުކުރަންޖެހޭ ތަންތަން ސާފުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

ރޭ އެންމެ ފުރަތަމަ އަލިފާން ރޯވީ ސަންލީޓް ބިލްޑިން އާއި ޖެހިގެން ހުންނަ ކެފޭއެއްގަ އެވެ. ކެފޭގައި ރޯވި އަލިފާންގަނޑު ސަންލީޓް ބިލްޑިން އަށްވެސް ފެތުރުނު އިރު އެ އިމާރާތުގައި އެސްބީއައި އާއި އުރީދޫގެ އޮފީސްވެސް ހިންގަ އެވެ.

އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބުނު ނަމަވެސް މިލިއަނުން ގެއްލުން ވާނެ ކަމަށް ލަފާކުރެވެ އެވެ. ރޭ 9:40 ހާއިރު ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ދެ ގަޑިއަށްވުރެ ގިނަ އިރުގެ މަސައްކަތުންނެވެ.

comment ކޮމެންޓް