ކޮވިޑަށް ހޭލުންތެރިކުރަން މީޑިއާތަކުން ހާއްސަ ކެމްޕޭނެއް ފަށަނީ

މީޑިއާތަކުން އެޗްއީއޯސީ އާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ

ރާއްޖޭގެ އޮންލައިން ނޫސްތަކާއި ޓީވީ، އަދި ރޭޑިއޯގެ އިތުރުން ނިއު މީޑިއާ ގުޅިގެން ކޮވިޑާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ހާއްސަ ކެމްޕޭނެއް ފަށަން ނިންމައިފި އެވެ.

އެޑިޓާސް ގިލްޑް އިން ނެރުނު ބަޔާނެއްގައި ބުނީ މި "ހާއްސަ ކެމްޕޭން" ހިންގަން ނިންމީ، ރާއްޖޭގެ ކޮވިޑްގެ ހާލަތަށް އެދެވޭ ހެޔޮ ބަދަލެއް ގެނައުމަށް މީޑިއާތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކެއް ފާހަގަކޮށް އެ މަގަށް މަސައްކަތް ކުރުމަށް ކަމަށެވެ.

އެގޮތުން ކޮވިޑާ ގުޅޭ ހަބަރާއި މައުލޫމާތު، މީޑިއާތަކުން މިހާރު ގެނެސްދޭ މިންވަރަށް ވުރެ ފުޅާކޮށް، ހުރިހާ މީޑިއާއެއްގައި އެއް ބާވަތެއްގެ މެސެޖުތަކެއް ދެވޭނެ ގޮތަކަށް މަސައްކަތް ކުރުމަކީ މި ހާއްސަ ކެމްޕޭނުގެ އަމާޒު ކަމަށް ބަޔާނުގައިވެ އެވެ.

އެޑިޓާސް ގިލްޑުން ބުނީ މި މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާއި އިސްކަންދޭނެ ހަބަރާއި މައުލޫމާތާ ގުޅޭ ގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިސް ބޭފުޅުންނާ އެކު މީޑިއާތަކުން މިއަދު ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ.

އެ މަޝްވަރާ ބައްދަލުވުމުގައި ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހްމަދު ޒާހިރު (ހިރިގާ)، މިހާރު ނޫހުގެ އެޑިޓަރު މޫސާ ލަތީފް، ވަން އޮންލައިންގެ ސީއީއޯ އަދި އެޑިޓަރު ސިނާން އަލީ، ދުވަސްގެ އެޑިޓަރުގެ އަޒްމީ އަލީ، ވޮއިސްގެ އެޑިޓަރު ޝަފްރާޒް އަހްމަދު ހުސައިން، ވަގުތު ނޫހުގެ މެނޭޖިން އެޑިޓަރު ޒަހީން އަބްދުﷲ، ދަ ޕްރެސްގެ އެޑިޓަރު އަލީ ޝަމްއާން އަދި ޕީއެސްއެމްގެ ނިއުސް އެންޑް ކަރަންޓް އެފެއާޒް ޑިރެކްޓަރު މުހައްމަދު އަފްސަލްގެ އިތުރުން ޗެނަލް 13ގެ އެޑިޓަރު ފަތޯނާ ފާއިޒު ބައިވެރިވި އެވެ.

އެ މަޝްވަރާތަކުގެ އަލީގައި ކެމްޕޭނު ކުރިއަށް ގެންދާނެ ގޮތް ރާވާ އިންތިޒާމުކޮށް ހެދުމުގައި އެކިއެކި މީޑިއާތައް ހިމެނޭ ގޮތުން ސްޓިއަރިން ކޮމެޓީއެއް ވެސް ވަނީ އެކުލަވާލައިފަ އެވެ.

މި ހާއްސަ ކެމްޕޭނުގެ މަސައްކަތް ކުރިއަށް ގެންދާނީ ހުރިހާ މީޑިއާތަކެއްގެ ބައިވެރިވުމާ އެކު ސްޓިއަރިން ކޮމިޓީގެ ލަފާގެ މަތިން ކަމަށް އެޑިޓާސް ގިލްޑުން ބުންޏެވެ.

comment ކޮމެންޓް