ހިއްސާދާރުންނަށް ފައިދާ ނުބެހުމަށް އެމްއެމްއޭއިން ބޭންކުތަކަށް އަންގައިފި

މަރުކަޒީ ބޭންކް، އެމްއެމްއޭ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރާއްޖޭގައި އޮޕަރޭޓް ކުރާ އެއްވެސް ބޭންކަކުން މިއަހަރު ހިއްސާދާރުންނަށް އެއްވެސް ފައިދާ، (ޑިވިޑެންޑް)އެއް ނުބެހުމަށް މަރުކަޒީ ބޭންކު އެމްއެމްއޭ އިން ބޭންކުތަކަށް އަންގައިފި އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ސޮއި ކުރައްވާ މިދިޔަ މަހުގެ ކުރީކޮޅު ބޭންކުތަކަށް ފޮނުވި ސިޓީގެ ކޮޕީއެއް "ސަން"އަށް ލިބިފައިވާ އިރު އެ ސިޓީގައި ބުނެފައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދަށް އަންނާނެ ލޮޅުންތައް ލަފާކުރަން އުނދަގޫވެފައިވާ މިދަނޑިވަޅުގައި ބޭންކުތަކުން ހިއްސާދާރުންނަށް ފައިދާ ބަހައިފި ނަމަ، ބޭންކުތަކުގެ ރައުސްމާލަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އަދި މިދަނޑިވަޅުގައި ބޭންކުތަކުގެ މާލީ ހާލަތު ރަނގަޅުކޮށް ލުއިދިނުމުގެ ގޮތުން އެމްއެމްއޭގައި ބަހައްޓަން ޖެހޭ މިނިމަމް ރިޒާވް ރިކުއާމަންޓް ވެސް ދަށްކޮށް ދީފައިވާ އިރު، ޑިވިޑެންޑް ބަހާ ނަމަ، އެއީ ބޭންކުތަކުގެ މާލީ ހާލަތު ނުވަތަ ލިކުއިޑިޓީއަށް އަސަރު ކުރާނެ ކަމަކަށް ވާނެ ކަމަށެވެ.

އެހެންކަމުން އެ ސިޓީގައި އެމްއެމްއޭއިން ބުނީ ފަހުގެ ތާރީހެއްގައި ދައްކާ ގޮތަށް ނަމަވެސް، އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާ ބަހަން އެއްވެސް ކަހަލަ ނިންމުމެއް ނިންމުމުގެ ހުއްދަ ރެގިއުލޭޓަރުގެ ހައިސިއްޔަތުން ދެވެން ނެތް ކަމަށެވެ. އަދި އެފަދަ ނިންމުމެއް ނިންމި ނަމަވެސް، އެ ފައިސާ ބެހުމުގެ ހުއްދަ އެމްއެމްއޭއަށް ދެވެން ނެތް ކަމަށް ވެސް އެ ސިޓީގައި ވަނީ ބޭންކުތަކަށް އަންގައިފަ އެވެ.

"ޓޫރިޒަމަށް އަސަރުކޮށްފައިވުމާއި ބޭންކަށް ލޯނުތައް ދެއްކުން ފަސްކޮށްދީފައިވުމުން ބޭންކަށް ލިބޭނެ ގެއްލުމާއި ބޭންކުގެ ރައުސްމާލާއި މާލީ ހާލަތަށް މުސްތަގުބަލުގައި އަންނާނެ ބަދަލުތައް އަންދާޒާ ކުރަން ވަނީ ދަތިވެފަ އެވެ. އެހެންކަމުން ބޭންކުގެ ސްޓޭބިލިޓީ އާއި މާލީ ހާލަތު ދަމަހައްޓާ ޑިޕޮސިޓަރުންގެ ހައްގުތައް ހިމާޔަތްކުރުމުގެ ގޮތުން ރެގިއުލޭޓަރުގެ ހައިސިއްޔަތުން ޑިވިޑެންޑް ރެސްޓްރިކްޝަނެއް ގެނެވިފައިވާ ވާހަކަ ދެންނެވީމެވެ،" އެމްއެމްއޭއިން ބޭންކުތަކަށް ފޮނުވި ސިޓީގައިވެ އެވެ.

އެ ސިޓީއާ ގުޅިގެން އެމްއެމްއޭގެ މީޑިއާ އޮފިޝަލް ވެސް "ސަން"އަށް މިއަދު ވިދާޅުވީ ޑިވިޑެންޑާ ގުޅޭ ގޮތުން ބޭންކުތަކުގެ ބޯޑުން ނިންމާ ނިންމުންތަށް އެމްއެމްއޭއަށް ހުށަހަޅާ ހުއްދަ ހޯދުމަށް ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކަށް ވެސް މިހާރު އަންގާފައިވާ ކަމަށެވެ. އަދި އެގޮތަށް އަންގަން ޖެހުނީ، ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ބޭންކުތަކުގެ ސަލާމަތަށް މިވަގުތަށް އެ ފިޔަވަޅު އަޅަން ޖެހޭތީ ކަމަށެވެ.

މަރުކަޒީ ބޭންކުން އެފަދަ އެންގުމެއް އެންގީއިރު، ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 31ގައި އޮންލައިންކޮށް ބޭއްވުމަށް އެ ބޭންކުން ވަނީ މިހާރު އިއުލާންކޮށްފަ އެވެ. އެ ޖަލްސާގައި ހިއްސާގެ ފައިދާ ބެހުމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާ ނިންމުމެއް ފާސްކުރާނެ އެވެ.

ޓެކްސްއަށް ކެނޑުމަށް ފަހު މިދިޔަ އަހަރު ބީއެމްއެލްއަށް ވަނީ، 1.04 ބިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފަ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު މޯލްޑިސް އިސްލާމިކް ބޭންކު (އެމްއައިބީ)އިން ވަނީ، އެ ބޭންކުގެ އަހަރީ އާންމު ޖަލްސާ ބާއްވާ މިދިޔަ އަހަރުގެ ފައިދާގެ ތެރެއިން 35.4 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ނިންމައިފަ އެވެ. އެއީ، ހިއްސާ އަކަށް 1.575 ރުފިޔާ އެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ބޭންކުތަކުން ވަނީ އެތަންތަން މެދުވެރިކޮށް ނަގާފައިވާ ލޯނުތައް ދެއްކުން ހަމަސް ދުވަހަށް ފަސްކޮށްދީފަ އެވެ. މީގެ އިތުރުން ހާއްސަ ސްކީމްތަކެއްގެ ދަށުން ބީއެމްއެލްއިން އަންނަނީ، ރިލީފް ލޯނުތައް ވެސް ވިޔަފާރިތަކަށް ދޫކުރަމުންނެވެ.

comment ކޮމެންޓް