ޓުއަރިޒަމް މިނިސްޓަރަކަށް މައުސޫމަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ޑރ. އަބްދުﷲ މައުސޫމް އައްޔަނުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ޓުއަރިޒަމް މިނިސްޓަރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވާފައިވާ ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ނިންމައިފި އެވެ.

ޓުއަރިޒަމް މިނިސްޓަރު ކަމަށް މައުސޫމު އައްޔަނު ކުރެވުނީ މިމަހުގެ ހަވަނަ ދުވަހު އެވެ. އެމައްސަަލަ ކޮމިޓީއިން ނިންމާ އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ މައުސޫމަށް ރުހުން ދޭން އެ ކޮމިޓީއަށް ފެންނަ ކަމަށެވެ. ކޮމިޓީގައި އެދުވަހު ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ވަނީ އެގޮތަށް ފާސްވެފަ އެވެ. ކޮމިޓގައި ބައިވެރިވީ ހަތް މެމްބަރުންނެވެ.

ޓޫރިޒަމް ދާއިރާގައި ތަޖުރިބާކާރު ޑރ. އަބްދުﷲ މައުސޫމް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައިވެސް ޓޫރިޒަމް މިނިސްޓަރުކަން އަދާކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރުކަންވެސް މީގެ ކުރިން ކުރެއްވިއެވެ.

އެންވަޔަރަމެންޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ. މައުސޫމަކީ އިނގިރޭސިވިލާތުގެ ބާމިންހަމް ޔުނިވަރސިޓީއިން ޑޮކްޓަރ އޮފް ފިލޯސޮފީ ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.

ސަރުކާރުގެ އިސް މަގާމުތަކުގެ އިތުރުން ޑރ. މައުސޫމް ވަނީ ސްޓްރީމް ލައިނަރސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ. އަދި 2018 ވަނަ އަހަރާ ހަމައަށް ސަން އައިލެންޑްގެ ޖެނެރަލް މެނޭޖަރުކަން ވެސް ކުރެއްވިއެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ ސިޔާސީ ދާއިރާއަށް ވަގުތުދެއްވުމަށެވެ.

މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އަލީ ވަހީދު މަގާމުން ވަކިކުރީ، ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައިގެން އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވި، މަގާމުން އިސްތިއުފާ ދޭން އެންގުމުން ވެސް އިސްތިއުފާ ނުދެއްވުމުންނެވެ.

comment ކޮމެންޓް