އަންނަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އެއާ އިންޑިއާގެ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.
އިންޑިއާގެ ޓްރެވިންޑްރަމް އާއި މާލެ އާއި ދެމެދު ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހު ފްލައިޓު އޮންނާނެ އެވެ.
ގިނަ އަދަދެއްގެ ދިވެހިން އިންޑިއާ އަށް ބޭސްފަރުވާ އަށް ދާއިރު މިހާރު ބޭހަށް ދާ ދިވެހިން އިންޑިއާ އަށް ދަނީ އެ ގައުމުގެ ސަރުކާރުގެ ހާއްސަ ހުއްދައިގެ ދަށުން އާސަންދަ އިން ޗާޓަރު ކުރާ ފްލައިޓުތަކުގަ އެވެ.
ކޮވިޑް19 އާއި ގުޅިގެން އިންޑިއާގެ ބޯޑަރު އަދިވެސް އޮތީ ބަންދުކޮށްފަ އެވެ. ނަމަވެސް އެއާ އިންޑިއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށަނީ އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ގާއިމްކޮށްފައިވާ ޓްރެވަލް ބަބްލްގެ ތެރެއިންނެވެ.
މި އެއާ ބަބްލްއާއެކު ޝެޑިއުލް ފްލައިޓްތައް ދެ ގައުމުގެ މެދުގައި ފެށިގެންދާނެ ކަމަށެވެ ދަތުރުތައް ފެށިނަމަވެސް، ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެ ގައުމުންވެސް ދަމަހައްޓަމުން ގެންދާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
އެއާ ބަބްލްގެ ތެރެއިން އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއަށް އައުމަށް ފަސޭހަ ވެގެންދާނެ އެވެ. ރާއްޖެއަށް ކޮންމެ އަހަރަކުވެސް އިންޑިއާއިން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާއިރު، އެއާ ބަބްލްގެ ތެރެއިން ގިނަ އަދަދެއްގެ އިންޑިއާގެެ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ބެލެވެ އެވެ. މިދިޔަ އަހަރު ރާއްޖެ އަށް ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ އިންނެވެ.