އާންމުންގެ ތަރުހީބު ލިބިފައިވާ ދިރާގުގެ މަގުބޫލު ގުޑިފެސްޓް މާދަމާ ހުޅުމާލޭގައި ބޭއްވުމަށް ދިރާގުން ނިންމައިފިއެވެ.
ދިރާގުން ބުނީ މި ހަރަކާތް އޮންނާނީ މާދަމާގެ ހަވީރު 5:00 އިން 6:00 އަށް ހުޅުމާލެ ފޭސް ދެއަކަށް ވަންނަ ސަރަހައްދުގައި ކަމަށެވެ.
ހުރިހާ އުމުރުފުރާއެއްގެ ކުދިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ މި ހަރަކާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ދިރާގުގެ ފަރާތުން ގުޑިއެއް މުޅިން ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ގުޑިފެސްޓް: ހޮނިހިރު ދުވަހު މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ދިރާގުން ބޭއްވި ގުޑިފެސްޓުގެ ތެރެއިން --- ފޮޓޯ/ ދިރާގު
ދިރާގު ގުޑިފެސްޓްއަކީ ރަމަޟާން މަހު ދިވެހީންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއް ކަމުގައިވާ ގުޑި އެރުވުމަށް ގިނަ ކުދިން އަހުލުވެރި ކުރުވުމުގެ ގޮތުން 2023 ވަނަ އަހަރު އެ ކުންފުނިން ފެށި ހަރަކާތެކެވެ.
ވޭތުވެދިޔަ ރަމަޟާން މަސްމަހާ އެއްފަދައިން މި އަހަރު ވެސް ދިރާގު ގުޑިފެސްޓް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ގުޑިފެސްޓް: ހޮނިހިރު ދުވަހު މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ދިރާގުން ބޭއްވި ގުޑިފެސްޓުގެ ތެރެއިން --- ފޮޓޯ/ ދިރާގު
ދިރާގުން ވަނީ މި ރަމަޟާން މަހުގެ ފުރަތަމަ ގުޑިފެސްޓް މިދިޔަ ހޮނިހިރު ދުވަހު މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ބާއްވާފައެވެ. ދިރާގުން ބުނީ އެ ހަރަކާތްވީ ގިނަ ބަޔަކު ބައިވެރިވި އަދި ހޫނު ތަރުހީބެއް ލިބުނު ހަރަކާތަކަށް ކަމަށެވެ.
ދިރާގުން އަންނަނީ ރަމަޟާން މަހާ ގުޅުވައިގެން އާންމުންނަށް ތަފާތު ހަރަކާތްތަކާއި އަގުހުރި އޮފާތައް ގެނެސްދީ، ދިވެހި ސަގާފަތާއި ކުރީގެ އާދަކާދަތައް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.