އެންމެ ބޮޑު އިހުމާލެއްވީ މާލީ ޒިންމާދާރުވެރިޔާއާއި ބިޑް ކޮމިޓީ: އޮޑިޓާ ޖެނެރަލް

ކޮމިޓީގެ ބައްދަލުވުމުގައި ޒިޔަތު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހެލްތް މިނިސްޓްރީން ވެންޓިލޭޓަރު ގަތުމުގައި ހިންގި ކަންތައްތަކުގައި އެންމެ ބޮޑު އިހުމާލެއް ވެފައި ވަނީ، އެ މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ އާއި ބިޑް ކޮމިޓީ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ހެލްތް މިނިސްޓްރީގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓްގައި ބޮޑެތި މަކަރާއި ހީލަތުން ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާކަން ވަނީ ފެންމަތިވެފަ އެވެ.

އެ އޮޑިޓް ރިޕޯޓް ހުށަހެޅުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ މަލިއްޔަތު ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަސަން ޒިޔަތު ވިދާޅުވީ، ވެންޓިލޭޓަރުތައް ގެނައުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިނގާފައިވާ ކަމަށެވެ. އަދި އެކަމުގައި އެންމެ ބޮޑު އިހުމާލެއް ވެފައި އޮތީ، މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާ އަހްމަދު އަސްލަމް އަދި ހެލްތުގެ ބިޑް ކޮމިޓީކަމަށް އޭނާ ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވީ، ބިޑު ކޮމިޓީއަށް އަހްމަދު އަސްލަމް ފޮނުވި ލިޔުމުގައި ވެންޓިލޭޓަރު ގަންނާނެ ވަކި ކުންފުންޏެއް ހޮވާފައިވާ ކަމަށެވެ. އެގޮތުން 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލު ކުރި ދުބާއިގެ ކުންފުންނަކީ، ރާއްޖޭގައި ހުންނަވާ ޑަބްލިޔުއެޗްއޯގެ ކަރަންޓްރީ ރެޕަރެސެންޓޭޓިވްއާއި ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއާ ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު ހޮވާފައިވާ ކުންފުންޏެއް ކަމަށް އަސްލަމް ބިޑް ކޮމިޓީއަށް ފޮނުވި މެމޯގައި ބުނެފައިވާ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

"އޭރުވެސް [ބިޑްގެ ކަންކަން ފެށިއިރުވެސް] މިއޮތީ ބަޔަކު ސެލެކްޓް ކުރެވިފައޭ. ބިޑު ކޮމިޓީގެ ޒިންމާ އޮންނަނީ، މާލީ ގާބިލިއްޔަތު، ފަންނީ ގާބިލްކަން ބަލަން. އެކަންވެސް ކުރަން މިގުޅަނީ އަނެއްކާވެސް ޑަބްލިޔުއެޗްއޯއަށް. ޑަބްލިޔުއެޗްއޯއިން އަޅުގަނޑުމެންނަށް ފޯރުކޮށްދިން މައުލޫމާތާއި ލިބިފައިވާ ލިޔެކިޔުންތަކާ ހެލްތް މިނިސްޓްރީގެ ލިޔެކިޔުންތަކާ ދިމާ އިދިކޮޅު،" ޒިޔަތު ވިދާޅުވި އެވެ.

"އެހެންވީމާ ބިޑު ކޮމިޓީގެ އިހުމާލު ވަރަށްބޮޑު. މާލީ ޒިންމާދާރުވެރިޔާގެ އިހުމާލުވެސް އެބައޮތް. ބަލަން ޖެހޭ ވަރަށް ބަލާފައި ނެތް... އެހެންވީމާ މާނައަކީ ބިޑު ކޮމިޓީއަށް ދިޔައިރުވެސް ކަންމިއޮތީ ނިމިފައޭ،"

އޭނާ ވިދާޅުވީ، ހެލްތް މިިނިސްޓްރީގެ ލިޔެކިޔުންތަކުގައި ވެންޓިލޭޓަރުތައް ގެނައުމަށް ކުންފުންޏެއް ކަނޑައެޅީ، ރާއްޖޭގެ ޑަބްލިއުއެޗްއޯ އޮފީހާއި ދުބާއީ ޑަބްލިއުއެޗްއޯގެ އޮފީހުގެ ލަފާގެ މަތިން ކަމަށް ވަރަށް ބޮޑަށް ދައްކަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯ ރިކޮމެންޑް ކުރި ކުންފުންޏެއް ނޫން ކަމަށް އެނގެން އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ސާފު. ބިޑު ކޮމިޓީގެ މަސްއޫލިއްޔަތު އަދާ ނުކުރާކަން. މާލީ ޒިންމާދާރުވެރިޔާވެސް މަސްއޫލިއްޔަތު އަދާ ނުކުރާކަން،" ޒިޔަތު ވިދާޅުވި އެވެ.

ކޮރަޕްޝަން ހިންގުމުގައި މިނިސްޓަރު އަމީންގެ ބައިވެރިވުމަށް ނުވަތަ އިހުމާލެއް އޮތް ކަމަށް ބެލެވޭތޯ ވަރަށް ގިނަ މެމްބަރުން ތަކުރާރުކޮށް ސުވާލު ކުރިއެވެ.

ކޮންމެ ފަހަރަކުވެސް އެ ސުވާލަށް ޖަވާބު ދެއްވަމުން ޒިޔަތު ވިދާޅުވީ، އެކަން އެނގޭނީ އެ މައްސަލަ ތަހުގީގު ކުުރުމުން ކަމަށެވެ.

ރާއްޖެއަށް 145 ވެންޓިލޭޓަރު ގެންނަން ތިން ކުންފުންޏަކާ ހަވާލުކުރިއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކޮރަޕްޝަނެއް ހިންގާފައިވަނީ 75 ވެންޓިލޭޓަރު ގެންނަން ހަވާލު ކުރި ދުބާއީ ކުންފުންޏާއެވެ. ހެލްތު މިނިސްޓްރީން ބުނާ ގޮތުނެ އެ ކުންފުންޏާ ވެންޓިލޭޓަރު ގެނައުމަށް ހަވާލު ކުރީ، އެއީ ޑަބްލިއުއެޗްއޯގެ ލަފައަކަށް ކަމަށެވެ. އެހެން ނަމަވެސް، އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯއިން ރިކޮމެންޑުކުރި ކުންފުންޏެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ރާއްޖެ ގެނެސްފައިވަނީ ވެސް އޯޑަރު ކުރި ވެންޓިލޭޓަރު ތަކެއް ނޫން ކަމަށާއި އެއީ ފެންވަރު ދަށް އަދި ބޮޑު އަގުގައި ގެނެސްފައިވާ ވެންޓިލޭޓަރުތަކެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ވެންޓިލޭޓަރު ގެނައުމަށް ޖުމްލަ 34.50 މިލިއަން ރުފިޔާއަށް ހަވާލުކުރި އިރު އެޑްވާންސްގެ ގޮތުގައި، މަސައްކަތުގެ 90 ޕަސެންޓަށްވާ ފައިސާ، 30.91 މިލިއަން ރުފިޔާ ވަނީ އެ ކުންފުންޏަށް ދީފަ އެވެ.

comment ކޮމެންޓް