މާލީ ބަޔާން ހުށަނޭޅުމުގެ ބަހަނާއަކަށް ޕީޖީ ދެއްކެވީ މައުލޫމާތު ނުލިބުން

ޖުލައި 14، 2020: ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުށަހަޅަން ޖެހޭ މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަނޭޅުނީ، މާލީ ބަޔާނުގައި ހިމަނަން ޖެހޭ މައުލޫމާތެއް ނުލިބިގެން ކަމަށާއި އެކަން އޮޑިޓާ ޖެނެރަލްގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ނޮވެމްބަރު 17، 2018 އިން ފެށިގެން އޮޑިޓާ ޖެނެރަލްއަށް މާލީ ބަޔާން ހުށަހަޅަން ޖެހޭ ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން މާލީ ބަޔާން ހުށަހެޅި ފަރާތްތަކާއި މާލީ ބަޔާން ހުށަނާޅާ ފަރާތްތަކުގެ މައުލޫމާތު އޮޑިޓާ ޖެނަރަލްގެ އޮފީހުން ވަނީ އާންމުކޮށްފަ އެވެ.

އެ އޮފީހުން އާންމު ކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި ޕީޖީ ޝަމީމް މަގާމާ ހަވާލުވެވަޑައިގެންނެވި އިރު މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި ޝަމީމް ވިދާޅުވީ، މާލީ ބަޔާނުގައި ހިމަނަންޖެހޭ ބައެއް މައުލޫމާތު ނުލިބުމުގެ ސަބަބުން، މާލީ ބަޔާން ހުށަހެޅިފައި ނުވާ ވާހަކަ އޮޑިޓާ ޖެނެރަލްގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.

އެމައުލޫމާތުތައް ހޯދުމުގެ މަސައްކަތް ކުރާ ކަމަށާއި ލިބުނުހާ އަވަހަކަށް މާލީ ބަޔާން ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަޔާން އާންމު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޕީޖީގެ މަގާމާ ހަވާލުވުމުގެ ކުރިން އަދި ކޮންމެ އަަހަރަކު އެއް ފަހަރު މާލީ ބަޔާން ހުށަހަޅަން ގާނޫނު ޒާލިމު ކުރެ އެވެ. ޝަމީމް ޕީޖީގެ މަގާމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު އެވެ.

ދެ މިނިސްޓަރަކާއި ޕީޖީ މާލީ ބަޔާން ހުށަނާޅުއްވާ: އޮޑިޓް އޮފީސް

comment ކޮމެންޓް