ދެ މިނިސްޓަރަކާއި ޕީޖީ މާލީ ބަޔާން ހުށަނާޅުއްވާ: އޮޑިޓް އޮފީސް

ޝަމީމް، އަމީން، އިމްރާން --- ސަން ފައިލް ފޮޓީ

މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތުގައި މިހާރު ކެބިނެޓުގައި ތިއްބެވި ދެ މިނިސްޓަރަކާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމު ކުރި މައުލޫމާތުތަކުން ހާމަވެއްޖެ އެވެ.

ނޮވެމްބަރު 17، 2018 އިން ފެށިގެން އޮޑިޓާ ޖެނެރަލްއަށް މާލީ ބަޔާން ހުށަހަޅަން ޖެހޭ ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން މާލީ ބަޔާން ހުށަހެޅި ފަރާތްތަކާްއި ނާޅާފަރާތްތަކުގެ މައުލޫމާތު އޮޑިޓާ ޖެނަރަލްގެ އޮފީހުން ވަނީ އާންމުކޮށްފަ އެވެ.

ކެބިނެޓު މިނިސްޓަރުން މާލީ ބަޔާން ހުށަހަޅުއްވަން ލާޒިމު ކުރަނީ ގާނޫނު އަސާސީގެ 138 ވަނަ މާއްދާގެ ދަށުންނެވެ. މަގާމާ ހަވާލުވެވަޑައިގަންނަވާއިރު އަދި ކޮންމެ އަހަރަކު އެއްފަހަރު މާލީ ބަޔާން ހުށަހަޅަން އެ މާއްދާއިން ލާޒިމް ކުރެ އެވެ.

އޮޑިޓް އޮފީހުން ހާމަ ކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި، މިހާރު މަގާމުގައި ތިއްބެވި ކެބިނެޓް މިނިސްޓަރުންގެ ތެރެއިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން 2018 ވަނަ އަހަރު މަގާމާ ހަވާލުވެވަޑައިގެންނެވި އިރު ވެސް އަދި 2019 ވަނަ އަހަރުވެސް އޮޑިޓާ ޖެނެރަލްއަށް މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމު ކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި ޕީޖީ ޝަމީމް މަގާމާ ހަވާލުވެވަޑައިގެންނެވި އިރު މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ. އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު އެވެ.

މި ސަރުކާރުގެ ކުރީގެ ދެ ވަޒީރަކު ވެސް އެއްގޮތަކަށްވެސް މާލީ ބަޔާން ހުށަނާޅުއްވަ އެވެ. އެއީ ޖެންޑާ މިނިސްޓަރުކަން ކުރެއްވި ޝިދާތާ ޝަރީފާއި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަލީ ވަހީދެވެ. ޝިދާތާ މަގާމުން އިސްތިއުފާ ދެއްވީ މި އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވި، އަލީ ވަހީދު މިނިސްޓަރު ކަމުން ވަކި ކުރީ މި އަހަރުގެ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

މަގާމާ ހަވާލުވަޑައިގެންނެވިއިރު މާލީ ބަޔާން ހުށަހެޅުއްވި ނަމަވެސް، ޖެހިގެން އައި އަަހަރު މާލީ ބަޔާން ހުށަނާޅުއްވާ ވަޒީރުންވެސް އެބަ ތިއްބެވި އެވެ. އެގޮތުން މިނިސްޓަރު އާތިފާ 2018 ވަނަ އަހަރު މާލީ ބަޔާން ހުށަހެޅުއްވި ނަމަވެސް، 2019 ވަނަ އަހަރުގެ މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ. މިނިސްޓަރު އާތިފާ ވަނީ މި އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

މިހާރު މަގާމުގައި ތިއްބެވި މިނިސްޓަރުންގެ ތެރެއިން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް 2018 ވަނަ އަހަރު މާލީ ބަޔާން ހުށަހެޅުއްވި ނަމަވެސް، 2019 ވަނަ އަހަރު މާލީ ބަޔާން ހުށަނާޅުއްވަ އެވެ.

comment ކޮމެންޓް