އިންޑިއާގެ ބޮޑު ކުންފުންޏަކުން "ޕީރިއަޑް ލީވް" ދޭން ނިންމައިފި

ޒޮމާޓޯގެ ޑެލިވަރީ މަސައްކަތުގައި އުޅޭ މީހަކު--

ނިއުދިއްލީ (އޯގަސްޓް 10) --- ކާބޯތަކެތި ޑެލިވަރީކޮށްދިނުމުގެ ހިދުމަތްދޭ އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ޒޮމާޓޯ އިން އެ ކުންފުނީގެ ހުރިހާ އަންހެން މުވައްޒަފުންނަށް "ޕީރިއަޑް ލީވް" ދޭން ނިންމައިފި އެވެ.

ޕީރިއަޑް ލީވްގެ ގޮތުގައި އަހަރަކު ދޭން ނިންމީ 10 ދުވަހެވެ. އެގޮތުން ޕީރިއަޑްވާ ކޮންމެ ފަހަރަކު އެއް ދުވަސް "ލީވް"ގެ ގޮތުގައި ލިބޭނެ އެވެ.

މީގެ ކުރިން އިންޑިއާގެ ބައެއް އެހެނިހެން ކުންފުނިތަކުން ވެސް ވަނީ އެ އުސޫލު ތައާރަފްކޮށްފަ އެވެ. ނަމަވެސް މިއީ ބޮޑު ކުންފުންޏަކުން އިންޑިއާގައި އެ އުސޫލު ތައާރަފްކުރި ފުރަތަމަ ފަހަރެެވެ.

ޒޮމާޓޯގެ ސީއީއޯ ދީޕަންދުރަ ގޮޔާލް ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ މުވައްޒަފުންގެ މެދުގައި އިތުބާރު އުފައްދައި އެންމެން ވެސް ބަލައިގަންނަ ކުންފުންޏަކަށް ހެދުން ކަމަށެވެ. އަދި އަންހެނުން ޕީރިއަޑްވެފައި ތިބޭ ނަމަ އީމޭލުންނާއި އިންޓާނަލް ގްރޫޕްތަކުގައި ލަދު ނުގަނެ އެކަން އެންގުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

އޭނާ އިތުރަށް ވިދާޅުވީ މައްސަރުކަންތަކަކީ އަންހެނުން ވަރަށް ބޮޑަށް ވޭން އަޅާ ކަމެއް ކަމަށާއި އެމީހުން އަރާމްކުރަން ބޭނުންވުމުން އެކަމަށް އިޖާބަދޭން ޖެހޭ ކަމަށެވެ.

މައްސަރުކަންތައްތަކަކީ އިންޑިއާގައި އަދި ވެސް ވަރަށް ބޮޑަށް ދައްކަން ޖެހިލުންވާ ވާހަކަތަކެކެވެ. އަދި މައްސަރުކަންތައް ޖެހުމުން ގިނަ ގޭގޭގައި އަންހެނުން ކެއްކުމުން ދުރުވެ މީހުންނާއި ކައިރިވެއެއް ނޫޅެ އެވެ.-- ސީއެންއެން--

comment ކޮމެންޓް