ކާރިސާއެއްގެ ހާލަތުގައި ނުވަތަ ގައުމުގައި ކުއްލި ނުރައްކަލެއް އިއުލާނުކޮށްފައިވާ ހާލަތުގައި މަތީ މަރުހަލާގު ކޯޓުތަކުގައި މައްސަލަ އިސްތިއުނާފު ކުރަން 30 ދުވަހުގެ މުއްދަތެއް ދޭންޖެހޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އަންގަވައިފިއެވެ.
ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލްކުރުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ މާޗު 12 ވަނަ ދުވަހުއެވެ.
ޕީޖީ ޝަމީމް މިއަދު ވިދާޅުވީ، އެ އިއުލާނާ ގުޅިގެން، އާންމު ސިއްހަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން އަޅުއްވާފައިވާ ފިޔަވަޅުތަކާއި ގުޅިގެން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އާންމު އުސޫލުތަކުގެ ދަށުން މައްސަލަތައް ތަހުގީގުކޮށް ދައުވާކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދައުވާކުރުމަށް ފޮނުވުމަށް ދަތިވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.
އަދި ރާއްޖޭގައި ކޮވިޑް19 ފެތުރެމުންދާ ދަނޑިވަޅެއްގައި، އެބަލީގެ އަލާމާތްތައް ހުރި ކުށެއްގެ ތުހުމަތުގައިވާ މީހަކު ފުލުހުންގެ މަރުކަޒަކަށް ހާޒިރުކުރުމުގެ ސަބަބުން ފުލުހުންގެ މަރުކަޒުތަކުގައި ބަލި ފެތުރުމުގެ ބިރު އޮތްކަމަށާއި، ހެކިބަސް ދޭންތިބި މީހުންވެސް ކޮވިޑް-19 ގެ ސަބަބުން ފުލުހުންގެ މަރުކަޒުތަކަށް ހާޒިރުވުމުގެ ދަތިތަކެއް ހުރިކަމަށާއި، ގާނޫނީ ވަކީލުންނަށް ފުލުހުންގެ މަރުކަޒުތަކަށް ނުވަތަ މީހުން ބަންދުކޮށްފައިވާ މަރުކަޒުތަކަށް ހާޒިރުވުމުގައި ފުލުހުންނަށާއި ގާނޫނީ ވަކީލުންނަށް ނުރައްކަލެއް އޮތްކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖޭގައި އުވައިލަންދެން، ނުވަތަ ޕީޖީ އެހެން ގޮތަކަށް ކަނޑައަޅަންދެން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 1-203 ވަނަ މާއްދާގެ (ބ) އިން، ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބިދީފައިވާ އިހްތިޔާރުގެ ދަށުން، އެއިހްތިޔާރު ބޭނުންކުރުމަށް ޕީޖީ ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ ގާނޫނުގެ ނަވާވީސް-1 ވަނަ ބާބުގައި ބަޔާންކުރާ ތަހުގީގުކުރުމާއި ދައުވާކުރުމާ ގުޅޭ އުސޫލުތަކަށް އަމަލު ކުރުމަށް ނިންމަވާފައިވާ ކަމަށް އެންގުމުގައިވެއެވެ.
ނަވާވީސް-1 ވަނަ ބާބުގައި ބުނެފައި ވަނީ ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރުލިބިގެން ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއް އިއުލާންކޮށް، އަދި އެ ހާލަތު ދެމިއޮތުމުގެ ސަބަބުން، އަދި އެ ހާލަތު އިއުލާންކޮށްފައިވާ ރަށާއި ސަރަޙައްދުގައި ރައްކާތެރިކަން އޮތް މިންވަރަށާއި ނުވަތަ އެ ހާލަތުގައި ކަންކަން މަނާކުރެވިފައިވާ މިންވަރަށް ރިއާޔަތްކުރާއިރު، ގާނޫނެއްގައި ނުވަތަ ގާނޫނަކުން ބާރުލިބިދީފައިވާ ގަވާއިދެއްގައި ބަޔާންކުރާ އިޖުރާއަތުތައް ހިންގެން ނެތްނަމަ، އެ ބާބުގައި ބަޔާންކުރާ ހާއްސަ އިޖުރާއަތުތަކަށް، އެ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން އަމަލުކުރެވިދާނެ ކަމަށެވެ.
އެ ބާބުގައި ބުނެފައި ވަނީ ކާރިސާގެ ހާލަތުގައި ގާނޫނު ބުނާ މުއްދަތުގައި މައްސަލައެއް ތަހުގީގުކުރުމަށާއި ދައުވާ އުފުލުމަށް ބޮޑެތި ހުރަސްތަކެއް ހުރިނަމަ ޕްރޮސެކިއުޓަ ޖެނެރަލަށް އެމައްސަލައެއް ތަހުގީގު ކުރުމަށް އިތުރު 60 ދުވަސް ދޭން ނިންމިދާނެ ކަމަށެވެ. އާންމު ހާލަތުގައި މައްސަލައެއް ތަހުގީގު ކުރަން ލިބޭނީ 30 ދުވަހެވެ.
އަދި ކާރިސާގެ ހާލަތުގައި މައްސަލައިގެ ހުކުމް ލިބޭ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރެވޭނެ ކަމަށްވެސް ބާބުގައި ވެއެވެ. އާންމު ހާލަތުގައި އިސްތިއުނާފު މުއްދަތަކީ 10 ދުވަހެވެ.
އޭގެ އިތުރުން އާންމުހާލަތުގައި ބައެއް ކުށްތަކުގައި ދައުވާ އުފުލަން އަދި ކޯޓުން ހުކުމް ކުރަން ދީފައިވާ މުއްދަތު ކާރިސާގެ ހަލާތާ ގުޅިގެން ބަދަލު އަންނާނެއެވެ.
އެގޮތުން ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށަށް ގާނޫނުގައި 30 ދުވަސް ދީފައިވީ ނަމަވެސް ކާރިސާގެ ހާލަތުގެ އެ މުއްދަތު 60 ދުވަހަށް އިތުރު ކުރެވިދާނެ ކަމަށް އެ ބާބުގައި ބުނެއެވެ. އަދި އެމައްސަލަތައް އިސްތިއުނާފު ކުރުމަށް 30 ދުވަސް ލިބޭނެއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި މިހާރު ބުނެފައިވަނީ އެ ގާނޫނުގެ ދަށުން މައްސަލައެއްގައި މީހަކު ބަންދުކޮށް ކޯޓަށް ހާޒިރުކުރާތާ 45 ދުވަހުގެ ތެރޭގައި މައްސަލައިގެ ތަހުގީގު ނިންމަން ޖެހޭނެ ކަމަށެވެ. އަދި 15 ދުވަހުގެ ތެރޭގައި ދައުވާ އުފުލަން ޖެހޭނެ ކަމަށް އެ ގާނޫނުގައިވެއެވެ. ނަމަވެސް ކުއްލި ނުރައްކާ އަދި ކާރިސާގެ ހާލަތުގައި ތަހުގީގަށް 60 ދުވަސް އަދި ދައުވާ އުފުލުމަށް 45 ދުވަސް ލިބޭނެއެވެ.