ރަންވޭ މަތިން ކަހާލި އެއާ އިންޑިއާ ބޯޓުގައި ތިބި 18 މީހަކު މަރުވެއްޖެ

އެއާ އިންޑިއާ އެކްސްޕްރެސްގެ ބޯޓު އެކްސިޑެންޓުވެ، ބޯޓު ވަނީ ދެފަޅި ވެފަ -- ފޮޓޯ: އީޕީއޭ

ދިއްލީ (އޮގަސްޓް 8): ދުބާއީން ފުރައިގެން، އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކާލިކަޓު އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓެއް ރޭ ރަންވޭ މަތިން ކަހާލުމުގެ ސަބަބުން ހިނގި އެކްސިޑެންޓުގައި 18 މީހަކު މަރުވެއްޖެ އެވެ.

އެއާ އިންޑިއާ އެކްސްޕްރެސްގެ ބޯއިން 737 މަރުކާގެ އެ މަތިންދާބޯޓު ކެރެލާއަށް ދިޔައީ ކޮރޯނާވައިރަހުގެ ސަބަބުން ދުބާއީގައި ތާށިިވި މީހުން ގޮވައިގެންނެވެ. އަދި ބޯޓުގައި 184 ފަސިންޖަރުންނާއި ހަ ކުރޫއިން ތިއްބެވެ.

ކެރަލާގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން ވިދާޅުވި ގޮތުގައި އެކްސިޑެންޓުވި ބޯޓުގައި ތިބި މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ނިންމާލުމަށް ފަހު، އަނިޔާވި މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި އެހާދިސާގައި 18 މީހަކު މަރުވުމުގެ އިތުރުން 15 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ.

އެއާ އިންޑިއާ އެކްސްޕްރެސްއިން ބުނި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ދެ ޕައިލެޓުންވެސް ހިމެނެ އެވެ.

https://sun.mv/141203

ކާލިކަޓު އިންޓަނޭޝަނަލް އެއާޕޯޓުގައި އެބޯޓު ރޭ ފުރަތަމަ ޖައްސަން މަސަައްކަތް ކުރި ވަގުތު ބޯކޮށް ވާރޭ ވެހެމުން ދިޔުމުން ބޯޓު ޖެއްސޭ ގޮތެއް ނުވި އެވެ. އަދި ދެވަނަ ފަހަރު ޖައްސަން މަސައްކަތް ކުރުމުން ރަންވޭ މަތިން ކަހާލައިގެން ގޮސް، 35 ފޫޓު ތިރިއަށް ވެއްޓި، ދެ ފަޅިވީ އެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ވަނީ އެގައުމުގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯއިން އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ބުނެފަ އެވެ.

އިންޑިއާގައި ޖޫން މަހުން ސެޕްޓެމްބަރު މަހަށް ކުރާ މޫސުމީ ވިއްސާރައިގައި މީގެ ކުރިންވެސް މަތިންދާބޯޓު އެކްސިޑެންޓުވުމުގެ ހާދިސާތައް ހިނގާފައިވެ އެވެ. އެގޮތުން 2010 ވަނަ އަހަރު އެއާ އިންޑިއާގެ އެކްސްޕްރެސްގެ ބޯޓެއް މަންގަލޯރު އެއާޕޯޓުގެ ރަންވޭ މަތިން ކަހާލުމުގެ ސަބަބުން ހިނގި އެކްސިޑެންޓުގައި 158 މީހަކު މަރުވި އެވެ.

comment ކޮމެންޓް