އެއާ އިންޑިއާ ފްލައިޓު ވެއްޓުމާ ގުޅިގެން ރައީސް ސޯލިހު ތައުޒިޔާ ފޮނުއްވައިފި

ރައީސް ސޯލިހު އިންޑިއާގެ ބޮޑުވަޒީރު މޯދީ ޢާއި ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް19 އާ ގުޅިގެން ދުބާއީގައި ތާށިވެފައި ތިބި އިންޑިއާގެ ރައްޔިތުން ގޮވައިގެން ކެރެލާއަށް ދަތުރުކުރި ބޯޓެއް ވެއްޓި ރޭ ހިނގި ހާދިސާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފިއެވެ.

އިންޑިއާ ގަޑިން ރޭ 19:40 އެހައިކަންހާއިރު ފްލައިޓު ޖެއްސުމުގެ ތެރޭގައި ރަންވޭ މަތިން ކަހާލައި، ފާރެއްގައި ޖެހި ހުސްބިމަކަށް ވެއްޓުމުގެ ސަބަބުން ބޯޓު ވަނީ ދެފަޅިވެފައެވެ.

އެ ހާދިސާއާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފްލައިޓު ވެއްޓުނު ހަބަރު އެއްސެވީ ފުން ހިތާމައާއި އެކުގައި ކަމަށާއި އެ ހާދިސާގައި އަސަރުކުރި މީހުންނާއި އެމީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާ ކަމަށެވެ.

ވެއްޓުނު ބޯޓުގައި ކުޑަކުދިންނާއި ކްރޫ ހިމެނޭގޮތުން، 184 މީހުން ދަތުރުކުރިއެވެ. އަދި އެ ހާދިސާގައި 18 މީހަކު މަރުވެފައި ވާކަން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އޭގެ ތެރޭގައި ބޯޓުގެ ދެ ޕައިލެޓުން ވެސް ހިމެނެއެވެ.

ކެރެލާގެ ޗީފް މިނިސްޓަރު ޕިނަރާޔީ ވިޖާޔަން ވިދާޅުވީ އެކްސިޑެންޓާ ގުޅިގެން މީހުން ސަލާމަތް ކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަން މިހާރު ނިމިފައިވާ ކަމަށާއި، ސަލާމަތްވި ހުރިހާ އެންމެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަހަމްވެފައެވެ.

އެކްސިޑެންޓު ހިނގި ވަގުތަކީ ކެރެލާއަށް ވަރަށް ބޯކޮށް ވާރޭވެހެމުން ދިޔަ ވަގުތެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް