ޓްރަމްޕަށް ހަމަލާދިނުމުގެ ކުރިން ކްރޫކްސް ވަނީ ކެނެޑީ އަވަހާރަކޮށްލި ގޮތް ގޫގްލުކޮށްފައި

ތޯމަސް މެތިއު ކްރޫކްސް: ޓްރަމްޕަށް ހަމަލާ ދިނުމުގެ ކުރިން އޭނާ ކެނެޑީ އަވަހާރަކޮށްލުމާ ގުޅޭ ދިރާސާތައް ހެދި --

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަޑިން ހަމަލާދިން ތޯމަސް މެތިއު ކްރޫކްސް އެ ހަމަލާ ދިނުމުގެ ކުރިން، އެގައުމުގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީ އަވަހާރަކޮށްލި ގޮތުގެ މައުލޫމާތު ގޫގުލް ކުރި ކަމަށް އެފްބީއައިއިން ބުނެފިއެވެ.

ކޮންގްރެސްގެ ކޮމިޓީއެއްގެ ކުރިމަތީގައި ހެކިބަސް ދެއްވަމުން އެފްބީއައިގެ ވެރިޔާ ކްރިސްޓޮފާ ރޭ ވިދާޅުވީ، ކްރުކްސް ގޫގުލްއިން ހޯދި މައުލޫމާތުގެ ތެރޭގައި ކެނެޑީ އަވަހާރަކޮށްލަން ބަޑި ޖެހި މީހާ ހުރި ދުރުމިން ފަދަ ތަފުސީލު ހިމެނޭ ކަމަށެވެ.

އޭނާ އެ ހަމަލާ ދުރާލާ ރޭވިކަން ހާމަކޮށް އެފްބީއައިއިން ބުނީ، ޓްރަމްޕް ކެމްޕެއިން ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ދެ ގަޑިއިރު ކުރިން ކްރޫކްސް ވަނީ ޖަލްސާ ބޭއްވި ސަރަހައްދުގެ މަތިން ޑްރޯންއެއް އުދުއްސައިފައި ކަމަށެވެ.

ޑްރޯން އުދުއްސައިފައި ވަނީ ހަމަލާދިން ދުވަހު މެންދުރު 3:50 އާއި 4:00އާ ދެމެދު 11 މިނެޓް ވަންދެން ކަމަށްވެސް ރޭ ވިދާޅުވިއެވެ. އަދި ޑްރޯން އުދުއްސައިފައި ވަނީ ސްޓޭޖާ 200 މީޓަރު ދުރުން ކަމަށާއި ޑްރޯނާއި އޭގެ ކޮންޓްރޯލާ ވެސް ކްރޫކްސްގެ ކާރުން ފަހުން ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަލާ ދިން ދުވަހު ކްރޫކްސް ވަނީ ހަރުގަނޑެއްވެސް ގަނެފައި ކަމަށާއި ނަމަވެސް އޭގެ ބޭނުންކޮށްފައި ނުވާ ކަމަށް އެފްބީއައިއިން ބުނެއެވެ. އޭގެ ބަދަލުގައި އޭނާ އިމާރާތުގެ ފުރާޅަށް އަރައިފައި ވަނީ ބިންމަތީގައި ހުރި ބައެއް މެކޭނިކަލް އިކުއިޕްމަންޓްތަކާއި ހޮޅިތަކުގެ އެހީގައި ކަމަށް ރޭ ވިދާޅުވިއެވެ.

އެ ހަމަލާ ދިނުމުގެ ފަހަތުގައި ވާ އަސްލު މަގުސަދު ސާފުނުވާ ކަމަށާއި މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޭ ވިދާޅުވީ އެ ހަމަލާ ދިނުމުގައި ކްރޫކްސްއާއެކު އެއްވެސް ބަޔަކު އުޅުނު ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

ޓްރަމްޕަށް އަމާޒުކޮށް ބަޑީގެ ހަމަލާ ދިނީ ޕެންސިލްވޭނިއާގައި ބޭއްވި ކެމްޕޭން ރެލީއެއްގައި ވާހަކަފުޅު ދައްކަވަނިކޮށް މި މަހުގެ 13 ވަނަ ދުވަހުއެވެ. ބަޑިއަމާޒުވެފައި ވަނީ ޓްރަމްޕްގެ ކަނާތު ކަންފަތަށެވެ.

އެ ހަމަލާދިން އުމުރުން 20 އަހަރުގެ ކްރޫކްސް ހަމަލާ ދިން ވަގުތު ސީކްރެޓް ސާވިސްއިން ވަނީ ބަޑި ޖަހައި މަރައިލައިފައެވެ.

ޓްރަމްޕަށް ދިން ހަމަލާއާ ގުޅިގެން، އެމެރިކާގެ ސިޔާސީ އިސް ފަރާތްތައް ހިމާޔަތް ކުރުމުގެ ޒިންމާ އޮންނަ ސީކްރެޓް ސާވިސްގެ ޑިރެކްޓަރު ކިމްބާލީ ޗީޓްލް ވަނީ އިސްތިއުފާ ދެއްވައިފައެވެ. އަދި އެ މައްސަލައިގައި ސެކިއުރިޓީ ބެލެހެއްޓުމުގައި ފެއިލް ވެފައިވާތީ އެކަމުގެ ފުރިހަމަ ޒިންމާ ނަންގަވާ ކަމަށްވެސް ޗީޓްލް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގައި 1961ގައި ވެރިކަމަށް އިންތިޚާބުވި ކެނެޑީ އަވަހާރަކޮށްލީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް ޓެކްސަސް ވަޑައިގެން އުޅުއްވަނިކޮށް ނޮވެމްބަރު 22، 1963ގައެވެ.

ކެނެޑީއަށް ބަޑިން ހަމަލާދިން ވަގުތު އޭނާ ދަތުރުކުރައްވަމުން ގެންދެވީ މޮޓޯކޭޑުގައެވެ. ކެނެޑީގެ ހަށިކޮޅަށް ދެ ވަޒަން އަރައި، އަވަހާރަވެފައިވާކަން 30 މިނިޓު ތެރޭ ހޮސްޕިޓަލުން ކަނޑައެޅިއެވެ.

އެ ހަމަލާ ދިން ލީ ހާވޭ އޮސްވަލްޑް ހައްޔަރުކޮށް ދައުވާ ކުރި ނަމަވެސް، އޭނާ ހައްޔަރުކޮށްފައި ހުއްޓައި ޖެކް ރޫބީ ކިޔާ މީހަކު އޭނާ މަރާލިއެވެ. ރޫބީ އެ ހަމަލާ ދިނީ ކެނެޑީގެ މަރަށް ބަދަލުހިފުމުގެ ގޮތުން ކަމަށް ބެލެވޭއިރު، އޭނާގެ މައްޗަށް ކުށް ސާބިތުވެ މަރަން ވެސް ހުކުމްކުރިއެވެ. ނަމަވެސް މައްސަލަ އިސްތިއުނާފު ކުރުމުން އެ ހުކުމް ބާތިލުކުރިއެވެ.

އޭގެ ފަހުން، 1967ގައި ރޫބީ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ވަނީ މަރުވެފައެވެ.

comment ކޮމެންޓް