އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ޒަޚަމުވެ އަވަސް ފަރުވާ ބޭނުންވާ ޣައްޒާގެ 15 ކުދިން މިސްރުން ސްޕެއިނަށް ދަތުރުކުރަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފިއެވެ.
އެ ކުދިންގެ އުމުރަކީ ތިން އަހަރާއި 17 އަހަރު ކަމަށާއި އޭގެ ތެރެއިން އެއް ކުއްޖެއްގެ މަންމަ ވެސް ފަރުވާ ހޯދުމަށް ގޮސްފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.
"މިއީ ވަރަށް ބަލި ކުދިން. މި ކުދިންނަށް ބޭނުންވާ ފަރުވާ ލިބޭނީ ގައުމުތަކުން އެއްބާރުލުން ދިނީމާ،" ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.
އެ ކުދިން މިސްރުގެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބޭތާ އެތައް މަހެއް ވެފައިވާ ކަމަށާއި، އެ މީހުންނަކީ ފަލަސްތީނުގެ ސަރަހައްދުން ބޭރުގައި ޚާއްސަ ސިއްހީ ފަރުވާ ހޯދަން ބޭނުންވާ ޣައްޒާގެ އެތައް ހާސް ކުޑަކުދިންނާއި ބޮޑެތި މީހުންގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް ވެސް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.
މިސްރާއި ސްޕެއިނުން ފޯރުކޮށްދޭ އެހީތެރިކަމަށް ތައުރީފުކުރައްވައި ޓެޑްރޯސް ވަނީ އަމިއްލަ އެއްވެސް ކުށެއް ނެތި ހަނގުރާމައަށް ހުށަހެޅިފައިވާ މީހުންނަށް ގާބިލުކަމާއި ސިއްހީ ވަސީލަތްތައް ހުރި އެހެން ގައުމުތަކުން މަރުހަބާ ކިޔުމަށް އިލްތިމާސްކުރައްވާފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތްވަނަ ދުވަހު އިސްރާއީލުގެ ދެކުނަށް ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ދިން ހަމަލާއަކާ ގުޅިގެން ހަނގުރާމަ ފެށި ފަހުން ފަލަސްތީނުން ބޭރުން ފަރުވާ ހޯދުމަށް 50،000 މީހުން ވަނީ ފޮނުވައިފައެވެ. އޭގެ ތެރެއިން 80 އިންސައްތަ މީހުން ފަރުވާ ހޯދާފައިވަނީ މިސްރާއި ގަތަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އިންނެވެ. އަދި، އަވަސް ފަރުވާ ބޭނުންވާ އިތުރު 10،000 މީހުން މިހާރު ވެސް ޣައްޒާގައި ތިބި ކަމަށް ޓެޑްރޮސްގެ ބަޔާނުގައިވެއެވެ.
ޣައްޒާއާއި މިސްރު ގުޅޭ ރަފަހް ސަރަހައްދީ ރޮނގާއި އިސްރާއީލާއި ޣައްޒާ ގުޅޭ ކަރީމް އަބޫ ސާލިމް ހުރަސް މެދުވެރިކޮށް ބަލި މީހުންނަށް ބޭސް ފަރުވާ ހޯދަން ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ޑަބްލިޔުއެޗްއޯއިން ވަނީ ގޮވައިލައިފައެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކަށް ނުވަ މަސް ދުވަސްވެފައިވާއިރު، މިހާތަނަށް ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 39،000 އަށް އުފުލިފައެވެ. ހަނގުރާމައިގެ ސަބަބުން އެތައް ބަޔަކު ޒަޚަމުވެފައިވާއިރު، ކާނާއާއި، ފެނާއި، ބޭސް ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާނެ ތަކެތި ލިބުން ވެސް ވަނީ ދަތިވެފައެވެ.