ކުރީގެ ރައީސް ސިރިސޭނާ އެނބުރި މަޖިލިސް މެމްބަރުކަމަށް

ސްރީލަންކާގެ ކުރީގެ ރައީސް މައިތުރިޕާލަ ސިރިސޭނާ --

ސްރީލަންކާގެ ކުރީގެ ރައީސް މައިތުރިޕާލަ ސިރިސޭނާ، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކުރައްވައިފިއެވެ.

ސްރީލަންކާގައި 2015 އިން 2019 އަށް ރައީސްކަން ކުރެއްވި މައިތުރިޕާލަ ސިރިސޭނާ ވަނީ 1989 އިން 2015 އާ ހަމައަށް، މެދުނުކެނޑި ހަ އިންތިހާބެއްގައި ވާދަކުރައްވައި، މަޖިލީހުގެ މެމްބަރުކަނ ްކުރައްވާފައެވެ.. އެ ހަ ދައުރުވެސް މަޖިލީހަށް އިންތިހާބުވެވަޑައިގަތީ އުފަން ޕޮލޮންނަރުވަ ޑިސްޓްރިކްޓުންނެވެ. އެ ހަ ދައުރުގެ ތެރޭގައި، ދެ ރައީސެއްގެ ސަރުކާރުގެ މިނިސްޓަރުކަން އަދާކުރެއްވިއެވެ. އެއީ ރައީސް ޗަންދްރިކާ ކުމަރަތުންގަގެ ވެރިކަމުގައި 1997-2001 އަށް އަދި 2004-2005 އަށް އިރިގޭޝަން މިނިސްޓަރުކަމާއި ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި 2010-2014 އަށް ހެލްތު މިނިސްޓަރުކަމެވެ.

ރައީސްކަން ކުރެއްވި ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު، މިދިޔަ ބުދަ ދުވަހު އޮތް 2020 ގެ އިންތިހާބަށްވެސް ސިރިސޭނާ ވާދަކުރެއްވީ ޕޮލޮންނަރުވަ ޑިސްޓްރިކްޓުންނެވެ. މިހާރު ވެރިކަން ކުރާ ޕޮޑުޖަނަ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ސިރިސޭނާ ވާދަކުރެއްވި އިރު، ޕޮލޮންނަރުވަ ޑިސްޓްރިކްޓުގެ ފަސް ގޮނޑީގެ ތެރެއިން ހަތަރު ގޮނޑި އެ ޕާޓީން ކާމިޔާބުކުރިއެވެ. އަދި ޕްރިފަރެންޝަލް ވޯޓުން އެންމެ ގިނަ ވޯޓު ހޯއްދެވީ ކުރީގެ ރައީސް ސިރިސޭނާއެވެ. އޭނާ ވަނީ 111،137 ވޯޓު ކާމިޔާބުކުރައްވާފައެވެ. ޕޮލޮންނަރުވަ ޑިސްޓްރިކްޓުގެ ބާކީ ގޮނޑި ކާމިޔާބުކުރީ އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސަގެ ސަމަގި ޖަނަ ބަލަވޭވަޔަ (އެސްޖީބީ) ކޯލިޝަނުންނެވެ.

ދެހާސް ސާދަވަނަ އަހަރު ރައީސް މަހިންދަ ރާޖަޕަކްސަ ތިންވަނަ ދައުރަކަށް ރައީސްކަމަށް ކުރިމަތިލެއްވި އިރު ރާޖަޕަކްސައާ ދެކޮޅަށް އިންތިހާބަށް ސިރިސޭނާ ކުރިމަތިލެއްވީ އޭރު ފުރުއްވަމުން ގެންދެވި ހެލްތު މިނިސްޓަރުގެ މަގާމު ދޫކޮށްލެއްވުމަށްފަހުއެވެ.

އޭރުގެ އިދިކޮޅު ޔުނައިޓެޑް ނޭޝަނަލް ޕާޓީއާ އިއްތިހާދުވެ، ރައީސް ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ހިންގަވަމުން ގެންދެވި އިރު ދެ ބޭފުޅުންގެ ދެމެދުގައި ނުތަނަވަސްކަން އުފެދެމުން ދިޔައެވެ.

އަދި ރައީސް ސިރިސޭނާ 2018 ވަނަ އަހަރު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން ވަކިކުރައްވައި، އޭރުގެ އިދިކޮޅު ލީޑަރުކަމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމަށް އައްޔަނުކުރެއްވުމާއެކު ސްރީލަންކާގައި ދުސްތޫރީ ބޮޑު މައްސަލައެއްވެސް އުފެދިގެން ދިޔައެވެ.

ދެހާސް ނަވާރަވަނަ އަހަރު އޭޕްރިލް މަހުގައި ސްރީލަންކާގެ ކޮލޮމްބޯއާއި ބަޓިކަލޯގެ ނަސާރާ ފައްޅިތަކަކާއި ޓޫރިސްޓު ހޮޓެލްތަކެއްގައި ބޮމުގެ ހަމަލާތަކެއް ދިން އިރު، އޭރުގެ ސަރުކާރުން އެ ހާދިސާތަކަށް އިޖާބަ ދިން ގޮތާ ގުޅިގެން ގިނަ ރައްޔިތުންގެ ފާޑުކިޔުމާއި ހިތްހަމަނުޖެހުން ސިރިސޭނާއަށް އަމާޒުވިއެވެ.

އަދި ހަމަލާތައް ދިނުމުގެ ކުރިން އެއާ ބެހޭ އިންޓެލިޖެންސް މައުލޫމާތު ސަރުކާރަށް ލިބިފައި އޮތްކަން ހާމަވި އިރުވެސް ހާދިސާ ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތެއް ސަރުކާރުން ކޮށްފައި ނުވުމުންވެސް ސިރިސޭނާއާއި ސަރުކާރަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. މިކަންކަމާ ގުޅިގެންވެސް އެ ހާދިސާ ހިނގަން މެދުވެރިވުމުގެ ޒިންމާ ނަންގަވަން ރައީސް ސިރިސޭނާ ދެކޮޅު ހެއްދެވުމުން ގިނަ ބަޔަކު އޭނާއާ މެދު ނުރުހުން ފާޅުކުރިއެވެ.

ރައީސް މައިތުރިޕާލަ ސިރިސޭނާއަކީ ސްރީލަންކާގައި ރައީސްކަން ކުރެއްވުމަށްފަހު ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވި ދެވަނަ ރައީސެވެ. ރައީސްކަން ކުރެއްވުމަށްފަހު މަޖިލީހަށް އިންތިހާބުވި ފުރަތަމަ ކުރީގެ ރައީސަކީ މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައެވެ. ދެހާސް ފަނަރަވަނަ އަހަރު އޮތް އާންމު އިންތިހާބުން މަހިންދަ ރާޖަޕަކްސަ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި އިރު، ބުދަ ދުވަހު އޮތް 2020 ވަނަ އަހަރުގެ އިންތިހާބުގައިވެސް މަހިންދަ ވަނީ އޭނާގެ ގޮނޑި ދިފާއު ކުރައްވާފައެވެ.

comment ކޮމެންޓް