މެންޗެސްޓާ ޔުނައިޓެޑާ އެކު ހަދާފައިވާ ލޯން އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އިންޓަ މިލާނަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒްގެ އެއްބަސްވުން އެކުލަބުން ދާއިމީ ކޮށްފި އެވެ.
ބާސެލޯނާގައި ކާމިޔާބު ދުވަސްތަކެއް ހޭދަ ކުރުމަށް ފަހު އިނގިރޭސި ޕްރިމިއާ ލީގަށް ސަންޗޭޒް ފުރަތަމައިން އައިސް ކުޅުނީ އާސެނަލަށެވެ. އެކުލަބުގައި ވެސް މޮޅު ކުޅުމެއް ދައްކާ ގިނަ ގޯލުތަކެއް ޖެހުމަށް ފަހު 2018 ވަނަ އަހަރު އެ ޓީމާއި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށް ސަންޗޭޒް ވަނީ ބަދަލުވެފަ އެވެ. އެކަމަކު އަނިޔާތަކާއި، ފޯމުގެ މައްސަލަތަކާ އެކު އޭނާއަށް ޔުނައިޓެޑުން ޖާގަ ލިބުނީ އެންމެ ސީޒަނެއްގަ އެވެ.
ޔުނައިޓެޑަށް ކުޅުނު 45 މެޗުގައި އެންމެ ފަސް ގޯލު ޖެހުމުން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ސަންޒޭޒް ލޯން އެއްބަސްވުމެއްގެ ދަށުން އިންޓަމިލާނަށް ބަދަލުވީ ނިމިގެން ދިޔަ ސީޒަނަށެވެ. އެކުލަބާއި ގުޅި ސަންޗޭޒް އަލުން ކުރީގެ ފޯމުގައި ކުޅެން ފެށުމާ އެކު އިންޓާއިން ވަނީ އޭނަގެ އެއްބަސްވުން ދާއިމީ ކުރުމަށް ޔުނައިޓެޑާ އެކު އެއްބަސްވެފަ އެވެ.
މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި ޔުނައިޓެޑާ އެކު ސަންޗޭޒް ހަދާފައިވާ އެއްބަސްވުން އެކުލަބުން އުވާލުމުން އިންޓާއަށް އޭނާ ބަދަލުވީ ފްރީ ޓްރާންސްފާއެއްގަ އެވެ. ތިން އަހަރު ދުވަހުގެ އެއްބަސްވުމަކަށް ސަންޗޭޒް އިންޓާއަށް ބަދަލުވި އިރު، އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ސަންޗޭޒްގެ ކުޅުމަށް ތައުރީފް ކޮށްފަ އެވެ.
ސަންޗޭޒްގެ ކުރީގެ ކުލަބުގެ ކޯޗު އޮލެ ގުނަ ސޮލްޝެއާ ބުނީ ޔުނައިޓެޑުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް ސަންޗޭޒް އަކީ ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށެވެ.
"އެމީހުން ސަންޗޭޒްއާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ. ސަންޗޭޒް އަކީ އެންމެ މަތީ ފަންތީގެ ކުޅުންތެރިއެއް. އޭނާ ހިތްހަމަ ޖެހޭ ކުލަބެއްގައި ކުޅެ، އެންމެ ރަނގަޅު ޕާފޯމެންސެއް ދެއްކުމަކީ މި ކުލަބުވެސް ބޭނުންވާ ގޮތް." ސޮލްޝެއާ ބުންޏެވެ.