ރަމޯސްއަށް 40 އަހަރު ވަންދެން ވެސް ކުޅެވިދާނެ: ވެންޑަވާޓް

ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް ސްޕެނިޝް ލީގުގެ ތަށްޓާ އެކު -- ފޮޓޯ//ލައިވްސްކޯ

ސްޕެއިނުގެ ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ޑިފެންޑަރު ކަމަށާއި، 40 އަހަރު ވަންދެން އެ ލެވެލްގައި އޭނާއަށް ހިފެހެއްޓިދާނެ ކަމަށް އެ ޓީމުގެ ކުރީގެ ކުުޅުންތެރިޔާ ވެންޑަވާޓް ބުނެފި އެވެ.

ނިމިގެން ދިޔަ ސްޕެނިޝް ލީގު ކެމްޕޭން ކާމިޔާބު ކުރުމުގައި ރެއާލް މެޑްރިޑަށް އެންމެ މުހިއްމު ދައުރެއް އަދާކޮށްދިން އެކަކަކީ ރާމޯސް އެވެ. މުޅި ޓީމުގެ ޑިފެންސް ހިފެހެއްޓުމުގެ އިތުރުން ޓީމަށް ނުވެދެގެންދާ ވަގުތު ކުރިއަށް އަރައި ގިނަ ރާމޯސް ވަނީ ގިނަ ގޯލުތަކެއް ވެސް ޖަހައިފަ އެވެ.

މިދިޔަ ސީޒަނުގައި އެކަނި ވެސް ޖެހި 11 ގޯލާ އެކު އޭނާ ވަނީ އެ ލީގުގައި 68 ގޯލު ހަމަކޮށް އެންމެ ގިނަ ގޯލު ޖެހި ޑިފެންޑަރުގެ ރެކޯޑް ހަދައިފަ އެވެ. ކުރިން މި ރެކޯޑް އޮތީ 67 ގޯލް ޖެހި ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ރޮނާލްޑް ކޮއެމަން އަތުގަ އެވެ.

ސްޕެއިނުގެ ސެވިއްޔާއިން ޒުވާން އުމުރުގައި ރެއާލް މެޑްރިޑަށް ރާމޯސް ބަދަލުވީ 2005 ވަނަ އަހަރު އެވެ. އޭރު އެކުލަބުގައި ދުނިޔޭގެ އެންމެ ފާހަގަ ކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް ތިބި އިރު އެދުވަސްވަރު އެ ޓީމަށް ކުޅުނު ވެންޑަވާޓް ވަނީ މިފަހުން ރާމޯސްގެ ކުޅުމަށް ތައުރީފްކޮށް ވާހަކަތަކެއް ދައްކައިފަ އެވެ.

"އަހަރެން ރެއާލަށް ކުޅުނު އިރު ރާމޯސްއަށް ވާނީ ގާތްގަނޑަކަށް 21 އަހަރު. އޭރުވެސް އޭނާ އަކީ ޓީމުގެ އެންމެ ބުންވަރު ރަނގަޅު އެއް ކުޅުންތެރިޔާ. ކޯނަރެއް ނެގިޔަސް، ފްރީ ކިކެއް ޖެހިޔަސް އޭނާ ބޭނުންވާނެ އެތަނެއްގައި ހުންނަން. އަހަރެން ގަބޫލު ކުރާ ގޮތުގައި އެފެންވަރުގެ ޑިފެންޑަރެއް މިހާރަކު ނެތް،" ވެންޑަވާޓް ބުންޏެވެ.

އޭނާ ބުނީ، ރާމޯސް އެންމެ ފަހުން ކުޅުނު މެޗެއް ބަލާލުމުން އޭނާ އަކީ 34 އަހަރުގެ ކުޅުންތެރިއެއް ކަމަށް ގަބޫލު ކުރަން ވެސް ދަތިވި ކަމަށެވެ. އަދި އިތުރު ހަ ވަރަކަށް އަހަރު ހަމަ އެފެންވަރުގައި ރާމޯސް ހިފަހައްޓާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެންޑަވާޓް ވަނީ ބުނެފަ އެވެ.

"ރާމޯސްގެ ހަށިގަނޑަކީ މެޝިނެއް ކަހަލަ އެއްޗެއް. ބުންވަރާއި، ހުނަރުން ފުރިފައި. އެއީ އޭނާ ކުރި ބުރަ މަސައްކަތުގެ ނަތީޖާ."

ސްޕެނިޝް ލީގުގެ ކާމިޔާބީއަށްފަހު ރެއާލް މެޑްރިޑްގެ ފޯކަހަކަށް ވެފައި ވަނީ އެ ޓީމު މިހާތަނަށް އެންމެ ގިނަ ކާމިޔާބީތަކެއް ހޯދި ޗެމްޕިއަންސް ލީގަށެވެ. ކޮވިޑުގެ މެދުކެނޑުމަށް ފަހު އަންނަ ހަފުތާގައި އެ މުބާރާތުގެ ކުޅުން ފަށާއިރު ކުއާރޓާ ފައިނަލުގެ ދެވަނަ ލެގުގައި އެ ޓީމު ބައްދަލު ކުރާނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީއާ އެވެ. މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން ނިމުނީ 1-2ގެ ނަތީޖާ އަކުން ސިޓީ މޮޅުވެގެންނެވެ.

comment ކޮމެންޓް