މިފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން އެންމެ ގާތް ދެ ޓީމަކީ އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީ އާއި، ފްރާންސްގެ ޕީއެސްޖީ ކަމަށް ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓްގެ ހެޑްގެ މަގާމާ ހަވާލުވެ ހުރި އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
ފްރާންސަށް އުފަން އުމުރުން 70 އަހަރުގެ ވެންގާ 22 އަހަރު އާސެނަލަށް ކޯޗުކޮށްދިނުމަށް ފަހު 2018 ވަނަ އަހަރުގެ މެއި މަހު އެ ޓީމު ދޫކޮށްލިިއިރު، އެ ޓީމު އޮތީ ބޮޑެތި ޓީމުތަކުގެ ރޭހުގެ ފަހަތަށް ވެއްޓިފަ އެވެ. ވެންގާ އަށް ފަހު އާސެނަލާ ހަވާލުވި ފުރަތަމަ ކޯޗު އުނާއި އެމެރީ އަށް ޓީމު ކުރިއަށް ގެންދިއުމުގައި ކާމިޔާބެއް ނުލިބި އެންމެ ފަހުން ވަނީ މަގާމުން ދުރުކޮށްފަ އެވެ. އެމެރީ ވަކިކޮށް އާސެނަލުން ކޯޗަކަށް ހަމަޖެއްސީ އެ ޓީމުގެ ކުރީގެ ކެޕްޓަން މިކޭލް އާޓެޓާ އެވެ.
އާސެނަލާ އެކު ކުރިން ބޮޑެތި ކާމިޔާބީތަކެއް ހޯދި ވެންގާ ވަނީ މުޅި ޔޫރަޕް ހައިރާން ކޮށްލުމަށްފަހު އެއްވެސް މެޗަކުން ބަލިނުވެ ޕްރިމިއާ ލީގުގެ ތަށި އުފުލާލައިފަ އެވެ. އެއީ މިއަދާ ޖެހެންދެން ވެސް ޓީމަކަށް ލީގުގައި އެ ޝަރަފު ހޯދުނު ހަމައެކަނި ފަހަރެވެ. އެކަމަކު މިފަދަ ބޮޑެތި އެތައް ކާމިޔާބީތަކެއް ވެސް ކޯޗިންގް ކެރިއަރުގައި ހޯދި އާސެން ވެންގާއަށް ނުލިބުނު އެއް އުފަލަކީ ޗެމްޕިއަންސް ލީގުގައި އަތް ޖައްސާލުމެވެ.
އާސެނަލްގެ ކޯޗުކަމާ ދުރުވުމަށް ފަހު ވެސް ފުޓުބޯޅައިގެ އާއިލާއިން ދުރަށް ނުގޮސް ހިދުމަތުގައި ހުރި ވެންގާ ބުނި ގޮތުގައި މިފަހަރުގެ ޗެމްޕިއަންސް ލީގު ހޯދުން އެންމެ ގާތީ މީގެ ކުރިން އެ ތަށި އަތު ޖެހިފައި ނުވާ ދެ ޓީމަކަށެވެ. އެއީ ސިޓީ އަދި ޕީއެސްޖީ ކަމަށް އޭނާ ބުންޏެވެ.
"މީގެ ހަތަރު ވަރަކަށް އަހަރު ކުރިއާ އަޅާ ބަލާ އިރު ޔޫރަޕުގެ ފުޓުބޯޅައިގެ ކޮލިޓީ މިވަނީ ކޮންމެސް ވަރަކަށް ދަށަށް ގޮސްފައި. ޓީމުތަކުގެ ފެންވަރަށް ބެލިޔަސް އެކަން ފާހަގަވޭ. މަދު ޓީމުތަކެއް މިއުޅެނީ އެންމެ މަތީ ލެވެލްގައި ވާދަކޮށްލެވޭ ވަރުގެ،" ވެންގާ ބުންޏެވެ.
އޭނާ އަދި ބުނީ، އެތުލެޓިކޯ މެޑްރިޑާއި އެޓްލަންޓާ ފަދަ ޓީމުތައް ކުޅޭ މެޗުތަކުގެ ނަތީޖާ އަންނާނެ ގޮތެއް ނޭނގޭ ކަމަށާއި މިހާރު ފެންނަ ފެނުމަށް އެންމެ ވަރުގަދަ ކޮށް އޮތީ ޕީއެސްޖީ އާއި ސިޓީ ކަމަށެވެ.
ކޮވިޑުގެ ސަބަބުން ބޮޑު މެދުކެނޑުމަކަށް ފަހު އަންނަ ހަފުތާ ޗެމްޕިއަންސް ލީގުގެ ކުޅުން ފަށާއިރު މެންޗެސްޓާ ސިޓީ ނުކުންނާނީ ޔޫރަޕުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑާ ދެކޮޅަށެވެ. އަނެއް ކޮޅުން ކުއާޓާގެ ދެވަނަ ރައުންޑުން މިހާރު ޖާގަ ހޯދާފައިވާ ޕީއެސްޖީ ނުކުންނާނީ އެޓްލަންޓާއާ ދެކޮޅަށެވެ.