ސްޕޭސް އެކްސްގެ އެސްޓްރޮނޯޓުން އެނބުރި ދުނިޔެއަށް އަތުވެއްޖެ

ސްޕޭސް އެކްސްގެ ޑްރެގަން ކެޕްސުލް ވަނީ އިއްޔެ ގަލްފް އޮފް މެކްސިކޯއަށް ތިރިކޮށްފަ -- ފޮޓޯ: އޭޕީ

އެެމެރިކާގެ ޖައްވީ އުޅަނދުތައް އުފައްދާ ކުންފުނި ސްޕޭސް އެކްސްގެ އުޅަނދެއްގައި މީގެ ދެ މަސް ކުރިން ބައިނަލްއަގުވާމީ ޖައްވީ އިދާރާ (އައިއެސްއެސް)އަށް ދިޔަ އެސްޓްރޮނޯޓުން އިއްޔެ އެނބުރި ދުނިޔެއަށް އަތުވެއްޖެ އެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ދެ އެސްޓްރޮނޯޓުން ކަމަށްވާ ޑަގް ހާލީ އާއި ބޮބް ބެންކެން ދަތުރު ކުރި ޑްރެގަން ކެޕްސުލް އިއްޔެ ދުނިޔޭގެ ޖައްވަށް ވަދެ، ވައިކުޑައިގެ އެހީގައި ސްޕީޑު ދަށް ކުރުމަށް ފަހު ތިރިކޮށްފައި ވަނީ ފްލޮރިޑާ ކައިރިއަށް ކަނޑަށެވެ.

އެއަށް ފަހު ރިކަވަރީ ކުރޫއަކުން ވަނީ ޑްރެގަން ކެޕްސުލް ބޯޓަކަށް އެރުވުމަށް ފަހު، އޭގެ ތެރެއިން އެސްޓްރޮނޯޓުން ނެރެފަ އެވެ. އަދި އެމީހުން ހެލިކަޕްޓަރެއްގަ އާއި މަތިންދާބޯޓެއްގައި ޓެކްސަސްގެ ހިއުސްޓަންއަށް ގެންގޮސް، އާއިލާއާ ބައްދަލު ކުރަން ވަނީ ފުރުސަތު ދީފަ އެވެ.

ސްޕޭސް އެކްސްގެ އުޅަނދުގައި ޖައްވަށް ދިޔަ އެމެރިކާގެ ދެ އެސްޓްރޮނޯޓުން ކަމަށްވާ ޑަގް ހާލީ އާއި ބޮބް ބެންކެން -- ފޮޓޯ: ގެޓީ

ހާލީ އާއި ބޮބް ބެންކެންއާ އެކު މެއި 30ގައި ދަތުރު ފެށި ޑްރެގަން ކެޕްސުލް ލޯންޗު ކޮށްފައި ވަނީ ސްޕޭސް އެކްސްގެ ފެލްކަން-9 ރޮކެޓަކުން، ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުންނެވެ.

އެއީ ޕްރައިވެޓް ކުންފުންޏަކުން ޑިޒައިންކޮށް އުފެއްދި އުޅަނދަކުން އެސްޓްރޮނޯޓުން އައިއެސްއެސްއަށް ދިޔަ ފުރަތަމަ ފަހަރެވެ. އަދި އެއީ ފާއިތުވި ނުވަ އަހަރު ތެރޭ އެމެރިކާގެ ސްޕޭސް ސެންޓަރަކުން އެގައުމުގެ އެސްޓްރޮނޯޓުން ޖައްވަށް ފޮނުވި ފުރަތަމަ ފަހަރެވެ. މިދިޔަ ނުވަ އަހަރު ތެރޭގައި އެގައުމުން އެސްޓްރޮނޯޓުން އައިއެސްއެސްއަށް މީހުން ފޮނުވަމުން ދިޔައީ ރަޝިއާގެ ލޯންޗް ސިސްޓަމް މެދުވެރިކޮށެވެ.

ސްޕޭސް އެކްސްގެ އުޅަނދެއްގައި ނާސާއިން އެސްޓްރޮނޯޓުން ޖައްވަށް ފޮނުވާފައި ވަނީ ޖައްވީ ދަތުރުތައް ކޮމާޝަލް ކުރުމަށް ޕްރައިވެޓް ކުންފުނިތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެ އިދާރާއިން މީގެ 15 އަހަރު ކުރިން ފެށި ޕްރޮގްރާމުގެ ދަށުންނެވެ. އަދި ނާސާއިން ވަނީ އެމެރިކާގެ އެސްޓްރޮނޯޓުންނަށް ޖައްވުގައި "ޓެކްސީ ކޮށްދިނުމަށް" ސްޕޭސް އެކްސްގެ އިތުރުން ބޯއިން ކުންފުންޏާ އެކުވެސް ކޮންޓްރެކްޓުތައް ހަދާފަ އެވެ.

comment ކޮމެންޓް