ރަކީދޫ ބަނދަރު މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދައިފި

ވ. ރަކީދޫގެ ބަނދަރު ހަދަން ނިންމާފައިވާ ސަރަހައްދު: މިއީ އޮޑިފަހަރު އެހެލާ އަދި، ހިތްހަމަޖައްސާލަން ބޭނުން ކުރާ ބީޗެއް -- ފޮޓޯ/ ސޭވް ރަކީދޫ (ޓްވިޓާ)

ވ. ރަކީދޫ ބަނދަރު މަޝްރޫއާ ގުޅިގެން އެރަށު ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް އަޑުއަހައި، މައްސަލަ ހައްލު ކުރުމަށް ރައްޔިތުންނާ އެކު މަޝްވަރާ ކުރުމަށް، ރޭ އެރަށުގައި ބައްދަލުވުމެއް ބާއްވައިިފި އެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ޓީމަކާއި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގް އާއި، އުނގޫފާރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު އަދި ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމް ރޭ ވަނީ ރަކީދޫއަށް ވަޑައިގެން، އެރަށުފެ ފުޓްސަލް ގްރައުންޑުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ، ރައްޔިތުންނާ ގުޅޭ ކަންކަމުގައި އެންމެ މުހިންމު ވާނީ ރައްޔިތުންގެ ހިޔާލު ކަމަށާއި، ރަކީދޫ ރައްޔިތުންނާ ބައްދަލުކޮށް ހިޔާލު ހޯދީ އެހެންވެ ކަމަށެވެ.

އަށާރަ މިލިއަން ރުފިޔާއަށް، ރަކީދޫ ބަނދަރުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު އެއްވަނަ ދުވަހު އެވެ. ނަމަވެސް ބަނދަރުގެ ސަބަބުން އެރަށުގެ ހިތްގައިމު ގޮނޑުދޮށް ގެއްލި، ތިމާވެށްޓަށް ނޭދެވޭ އަސަރުކޮށް، އެރަށުގައި ފައްކާވަމުން އަންނަ ލޯކަލް ޓުއަރިޒަމަށް ގެއްލުން ވާނެކަމުގެ ކަންބޮޑުވުންތައް ރަށުގެ ގިނަ ބަޔަކު އަންނަނީ ފާޅުކުރަމުންނެވެ.

ވ. ރަކީދޫގައި ބަނދަރު ހަދަން އެންމެ ފުރަތަމަ ނިންމި ގޮތް (ވ) އަދި ފަހުން ނިންމި ގޮތް (ކ) -- ޑައިގްރާމް/ އީއައިއޭ ރިޕޯޓު (ވޯޓާ ސޮލޫޝަންސް)

ކަންބޮޑުވުންތަކާ ގުޅިގެން ޕްލޭނިންގ މިނިސްޓްރީން ވަނީ ރަށުގެ ބަނދަރު ތަރައްގީކުރެވިދާނެ ތަފާތު ކޮންސެޕްޓެއް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް 71 މީހުންގެ ސޮޔާއެކު ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން އެލްޖީއޭއިން ވަނީ މައްސަލައަށް ވަދެ، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހު ނޫނީ މަޝްރޫއު ކުރިއަށް ނުގެންދަން އެދިފަ އެވެ.

ނަމަވެސް މޫސުން ގޯސްވުމުގެ އިތުރުން ކޮވިޑް19 އާ ގުޅިގެން މާލެއިން ރަށްރަށަށް ދަތުރުކުރުމުގައި ހުރި ހުރަސްތަކާ ގުޅިގެން އެ މަޝްވަރާ ބައްދަލުވުން ބޭއްވޭ ގޮތް ވީ ރޭގަ އެވެ.

އަދި އެ މުއްދަތުގައި ބަނދަރާ ގުޅޭ އިތުރު ދެ ޕެޓިޝަނެއް ވެސް ލިބިފައިވާކަމަށް އަފްޝަން ވިދާޅުވި އެވެ. އެގޮތުން އެއް ޕެޓިޝަން އަކީ އެރަށުގައި ދިރިއުޅޭ މީހުންގެ ފަރާތުން ހުށަހެޅި ޕެޓިޝަނެކެވެ. ގާތްގަނޑަކަށް 100 މީހުންގެ ސޮޔާއެކު ހުށަހެޅި އެ ޕެޓިޝަނުގައި ބުނެފައި ވަނީ އެމީހުން ބޭނުންވަނީ ކުރީގެ ޑިޒައިނަށް ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ރަށުން ބޭރުގައި ދިރިއުޅޭ އެރަށު ރައްޔިތުންގެ ތެރެއިން 123 މީހުންގެ ސޮޔާއެކު ހުށަހެޅި ދެވަނަ ޕެޓިޝަނުގައި ބުނެފައި ވަނީ އެމީހުން ބޭނުންވަނީ އެހެން ޑިޒައިނެއް ކަމަށެވެ.

ނަމަވެސް ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު، ޕްލޭނިން މިނިސްޓްރީން ރޭ ތިން ވަނަ ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް އަފްޝަން ވިދާޅުވި އެވެ.

ރަކީދޫ ރައްޔިތުންގެ ތެރެއިން މާލޭގައި ދިރިއުޅޭ ގިނަ ބަޔަކަށް ރޭގެ ބައްދަލުވުމުގައި ބައިވެރިނުވެވުނެވެ. ނަމަވެސް ރަށުގައި މިވަގުތު ދިރިއުޅޭ މީހުން ބުނެފައި ވަނީ، އެމީހުންނަށް އަވަސް ހައްލެއް ބޭނުންވާ ކަމަށާއި އަދި ބަނދަރު ނެތުމުގެ ސަބަބުން ދިމާވާ އުނދަގުލަކީ އެމީހުން ކޮންމެ ދުވަހަކު ތަހައްމަލު ކުރާ ކަމަކަށް ވާއިރު، ހައްލު ހޯދައިދޭއިރު އިސްކަން ދޭން ޖެހޭނީ ރަށުގައި ދިރިއުޅޭ މީހުންގެ ކަންބޮޑުވުންތަކަށް ކަމަށެވެ.

ނަމަވެސް ރަށުން ބޭރުގައި ދިރިއުޅޭ މީހުން ބުނީ އެމީހުން ރަށުން ހިޖުރަކުރަން މަޖުބޫރުވީ ވެސް ރަށުގައި ހިދުމަތްތައް ލިބެން ނެތުމުން ކަމަށާއި، އެހެން ނަމަވެސް ލޯކަލް ޓޫރިޒަމް ފުޅާވުމުން އެ މައްސަލައަށް ހައްލެއް ލިބުން ގާތް ކަމަށެވެ. އަދި ފަތުރުވެރިކަން ތަރައްގީކުރަން ރަށުގެ ގޮނޑުދޮށް ވަރަށް މުހިންމު ކަމަށެވެ.

އާބާދީގައި ގާތްގަނޑަކަށް 370 މީހުން ހިމެނޭ ރަކީދޫގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 284 އެވެ.

"ނަމަވެސް މި ކުޑަކުޑަ އާބާދީން ރޭ ވަނީ ވަރަށް ބޮޑެތި ސުވާލުތަކެއް ބަހުސަށް ހުޅުވާލާފައި. ލޯކަލް އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ރަށުގެ ހުރިހާ ރައްޔިތުންނަށް އެއްވަރަކަށް ލިބޭއިރު، ތަރައްގީގެ މަޝްރޫއުތަކުގައި ރަށުގައި ދިރިއުޅޭ މީހުންގެ ބަސް ބޮޑަށް މުހިންމު ވާނެތޯ؟" އަފްޝަން ވިދާޅުވި އެވެ.

މީގެ އިތުރުން ބަނދަރު ފަދަ ގިނަ ދުވަހަށް އޭގަ އަސަރު ދެމިގެންދާނެ ފަދަ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަން ކުރުމުގެ މުހިންމުކަމާއި ކަމުގެ އިލްމާއި، ފަންނު ލިބިފައިވާ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު އެފަދަ މަޝްރޫއުތައް ޑިޒައިން ކުރުމުގެ މުހިންމުކަމާ މެދު ވެސް ވިސްނަން ޖެހޭކަން އަފްޝަން ފާހަގަކުރެއްވި އެވެ.

އަދި ރައްޔިތުންގެ ބައިވެރިވުމާއި، ރައްޔިތުންގެ ހިޔާލާ މަޝްވަރާއާއެކު ކަންކަން ނިންމާކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިިވާ އޮތޯރިޓީއަކަށް، މިފަދަ މައްސަލަތަކަށް ވަދެވޭނެ މިންވަރާއި، އަދި އުޖާލާ ދުވަސްތަކެއް ހޯދައިދޭނެކަމުގެ ވައުދުވެ، އެތައް ފަހަރަކު ނާއުންމީދުކޮށްލާފައި ތިބި ރައްޔިތުންނަށް އަނެއްކާވެސް އިތުރު އުންމީދެއް ދެވޭނީ ކިހާ ވަރަކަށްތޯ ވެސް އަފްޝަން ސުވާލު އުފެއްދެވި އެވެ.

އަފްޝަން ވިދާޅުވީ ބަނދަރުގެ މަސައްކަތް މުޅިން ހުއްޓާލުމުގެ ކަންބޮޑުވުން ރަކީދޫގެ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް އޮތް ކަމަށެވެ. ނަމަވެސް ރޭގެ މަޝްވަރާ ނިންމާލިއިރު، ބަނދަރުގެ މަޝްރޫއު ހުއްޓާނުލާނެ ކަމުގެ ޔަގީންކަން އެރަށު ރައްޔިތުންނަށް އަރުވާފައިވާނެ ކަމަށެވެ.

އަދި ރައްޔިތުންގެ މަޝްވަރާ ހޯދަން ކަމާބެހޭ ފަރާތްތަކުން ގޮސްފައި ވަނީ، ރައްޔިތުންގެ ހިޔާލަކީ މިފަދަ ކަންކަމުގައި އެންމެ މުހިންމު ކަމަކަށް ވާތީ ކަމަށެވެ.

"ގިނަ ރައްޔިތުން ބޭނުންވަނީ ކުރީގެ ޑިޒައިން. ރައްޔިތުންގެ ބަހަކީ އެއީ،" އަފްޝަން ވިދާޅުވި އެވެ.

ކޮންކްރީޓް ބަނދަރަކުން ރަކީދޫގެ ރީތިކަން އަބަދަށް ގެއްލެނީ

comment ކޮމެންޓް