އެލްޖީއޭގެ ސީއީއޯގެ މަގާމުން ޒުލްފާ ވަކިކޮށް، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް

އެލްޖީއޭގެ ސީއީއޯއަކަށް ޑރ. މަރިޔަމް ޒުލްފާ އައްޔަންކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އެލްޖީއޭގެ ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. މަރްޔަމް ޒުލްފާ އެ މަގާމުން ވަކިކޮށް، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ.

މިކަން ރައީސް އޮފީހުން ވަނީ "ސަން"އަށް ކަށަވަރު ކޮށްދެއްވައިފައެވެ. ނަމަވެސް، ޒުލްފާ މަގާމުން ވަކިކުރި ސަބަބެއް އެ އޮފީހުން ހާމައެއް ނުކުރެއެވެ.

ޒުލްފާ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހެވެ. އޭނާ ފޮރިން މިނިސްޓްރީއަށް ބަދަލުކުރުމާއެކު އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ އަދަދު ހަޔަކަށް އަރާނެއެވެ.

ޒުލްފާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރުކަން ކުރައްވައިފައެވެ. އެކަމަކު، ނަޝީދު މަގާމުން އިސްތިއުފާ ދެއްވައި ފެބްރުއަރީ ހަތެއް، 2012ގައި ވެރިކަން ބަދަލުވުމާ ގުޅިގެން އޭނާ ވަނީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރައްވައިފައެވެ. އެނބުރި ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

ޒުލްފާ އެލްޖީއޭގެ ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވުމާ ހަމައަށް ހުންނެވީ އޮސްޓްރޭލިއާގެ މެލްބަންގެ ޑިޕާޓްމަންޓް އޮފް އެނާޖީ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އެކްޝަންގެ ނޭޝަނަލް ޕާކްސް އެޑްވައިޒަރީ ކައުންސިލްގެ ބޯޑު މެންބަރެއްގެ ގޮތުގައެވެ.

އޭނާ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީގެ ކާޓިން ބިޒްނަސް ސްކޫލުން ޑޮކްޓަރު އޮފް ފިލޯސަފީ (ޕީއެޗްޑީ) ހާސިލުކުރައްވާފައެވެ. އަދި، އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަން އިން މާސްޓާސް އޮފް ޕަބްލިކް އެންޑް އިންޓަނޭޝަނަލް ލޯ (އެލްއެލްއެމް) ހާސިލްކުރެއްވުމުގެ އިތުރުން ނިއުޒިލޭންޑުގެ ވައިކާޓޯ ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ވެސް ހާސިލުކުރައްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް