ކޮންކްރީޓް ބަނދަރަކުން ރަކީދޫގެ ރީތިކަން އަބަދަށް ގެއްލެނީ

ވ. ރަކީދޫގެ ބަނދަރު ހަދަން ނިންމާފައިވާ ސަރަހައްދު: މިއީ އޮޑިފަހަރު އެހެލާ އަދި، މީހުން ހިތްހަމަޖައްސާލަން ބޭނުން ކުރާ ބީޗެއް -- ފޮޓޯ/ ސޭވް ރަކީދޫ (ޓްވިޓާ)

ހަފްތާއަކު ދެތިން ފަހަރު މާލެއިން ފުރާ ފެރީގައި ވ. ރަކީދޫއަށް ގޮސްފި ނަމަ ކުރެވޭނީ ތަފާތު ތަޖުރިބާއެކެވެ. އެ ރަށުގެ ނެރުން ވަދެގެން ދާއިރު، ފަޅު ތެރޭގައި ކޮނެފައި އޮންނަ ސަރަހައްދު ފެނިގެންދާނީ ސާފު ބިއްލޫރިކޮޅެއް ފަދަ ގުދުރަތީ ވިލެއް ހެންނެވެ. އަތުން ކާންދެވޭހާ ކައިރީގައި އެކި ބާވަތްބާވަތުގެ މަސްމަހާމެހި އުޅޭތަން ފެންނާނެ އެވެ.

އެހެން ރަށްރަށުގައި އޮންނަ ކޮންކްރީޓު ބަނދަރު ހުންނަ ތަނުން ފެންނާނީ ހިތްގައިމު ދޮންވެލި ތުނޑިއެކެވެ. ފެރީ ގޮސް ރަށުގެ ޖެޓީއާ ކައިރިކޮށްލާއިރު، އެ ގޮނޑުދޮށުގައި ހިތްހަމަޖައްސާލަން ގޮސް ތިބޭ ދުވަސްވީ މީހުންނާއި، މޫދަށް އެރިލައި އުޅޭ މީހުން ފެންނާނެ އެވެ. މިއީ އެ ރަށުގެ ރީތި ޖަޒީރާވަންތަ ސިފަ އެވެ.

ނަމަވެސް، މި ރީތި ވިލާއި، ގޮނޑުދޮށް ގެއްލިގެން ދިޔުމާ ވަރަށް ކައިރިވެއްޖެ އެވެ. އެ ސަރަހައްދުގައި ކޮންކްރީޓު ބަނދަރެއް އަޅަން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު އެއްވަނަ ދުވަހު މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 18.5 މިލިއަން ރުފިޔާއަށެވެ. މަޝްރޫއު ހިންގަން ބޭނުންވާ ސާމާނުވެސް މިހާރު ވަނީ ރަށަށް ގެންގޮސް، އެ ރަށުގެ ރީތިކަން "ސުންނާފަތި"ކޮށްލަން ތައްޔާރުވެފަ އެވެ.

ސަތޭކައެއްހާ މީހުންވެސް ހަމަ ނުވާ ރަކީދޫގެ މި ހިތްގައިމު ސަރަހައްދު ބަނދަރަކަށްޓަކައި ގުރުބާންކޮށްލުމަކީ އެންމެ ރަނގަޅު ގޮތްތޯ މިއީ ބައެއް ރައްޔިތުން އުފައްދާ ސުވާލެކެވެ. މަޝްރޫއިން ލިބޭ އިގްތިސާދީ ފައިދާ އާއި، ރީތި ގޮނޑުދޮށުން ލިބެން އޮތް އިގްތިސާދީ ފައިދާއާ މެދު ބަހުސްވެސް ކުރެވެ އެވެ.

ވ. ރަކީދޫގެ އޭރިއަލް ފޮޓޯއެއް: މި ރަށަކީ ރާއްޖޭގައި މީޙުން ދިރިއުޅޭ އެންމެ ކުޑަ ރަށް -- ފޮޓޯ/ ވޯޓާ ސޮލޫޝަންސް

މަޝްރޫއުގެ ގެއްލުން ކުޑައެއް ނޫން

ސަތޭހައެއްހާ މީހުންވެސް ހަމަ ނުވާ ރަކީދޫގެ އިގްތިސާދުގެ ބަލިކަށިކަމުން މީގެ ކުރިން އެ ރަށުގެ މީހުންގެ އާދޭހަކަށްވީ އަސާސީ ހިދުމަތް ލިބޭ އެހެން ރަށަކަށް މީސްކޮޅު ބަދަލުކޮށްދިނުމެވެ. ރަށުން ލިބޭ ސިއްހީ ފަރުވާ ވަރަށް ވެސް ދަށެވެ. ސްކޫލު ބަންދު ކުރިތާ އަހަރުތަކެއް ވެއްޖެ އެވެ. ރަށުގެ 300އެއްހާ މީހުންގެ ތެރެއިން ގިނަ މީހުން އުޅެނީވެސް ވ. އަތޮޅުގެ އެހެން ރަށްރަށުގައި އާއި މާލެ އަށް ހިޖުރަކޮށްގެންނެވެ.

ނަމަވެސް، މި ސަރުކާރުން ރަކީދޫއާ މެދު އުންމީދު ކަނޑައެއް ނުލަ އެވެ. ސަރުކާރުގެ ތަސައްވުރަކީ، ވ. އަތޮޅުގެ އެހެން ރަށްރަށެކޭ އެއްގޮތަށް، މި ރަށުގައި ލޯކަލް ޓޫރިޒަމް ތަރައްގީކޮށް، ރަށުގެ ރައްޔިތުންނަށް އެކަމުގެ އިގްތިސާދީ ނަފާ ހޯދައިދިނުމެވެ. އެކަމުގެ ހެއްކަކީވެސް، ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއެއްގެ އިތުރުން މިހާރު ފަށަން ތައްޔާރުވެފައިވާ ބަނދަރުގެ މަޝްރޫ ބަޖެޓުކޮށްފައިވުމެވެ.

ރަކީދޫގައި ބަނދަރު ހަދަން އެންމެ ފުރަތަމަ ޕްލޭނިން މިނިސްޓްރީ އިން ނިންމީ ކުރިންވެސް ކޮނެފައި އޮތް ސަރަހައްދު، މެދު ދިޔައިގައި 3.5 މީޓަރު ހުންނަ ވަރަށް އިތުރަށް ފުންކޮށް، ކޮނެގެން ނަގާ ވެލިން ބަނދަރު ސަރަހައްދު ހިއްކައި، 164 މީޓަރުގެ ބަނދަރު ތޮށި ޖަހައިގެންނެވެ. މި ބަނދަރުގެ ދިގުމިނުގައި 134 މީޓަރު އަދި ފުޅާމިނުގައި 71 މީޓަރު ހުންނާނެ އެވެ.

މި ގޮތަށް ބަނދަރު ހެދުމުން މޫދުގެ ރީތިކަމާއި، އޮޑިފަހަރު އެހެލާ ގޮނޑުދޮށް ގެއްލިގެންދާއިރު، ބަނދަރު ހެދޭނެ އެހެން ގޮތަކާ މެދުވެސް މިނިސްޓްރީއިން ވިސްނި އެވެ. އެ ގޮތަކީ، މިހާރު އޮޑިފަހަރު ކައިރިކުރަން ބޭނުން ކުރާ ސަރަހައްދު އޮތް ގޮތަށް ބާއްވާފައި ރަށުގެ އިރުމަތީ ފަރާތުން މުޅިން އާ ސަރަހައްދެއް ކޮނެ، އެތަނުގައި ބަނދަރެއް ތަރައްގީ ކުރުމެވެ. މި ސަރަހައްދުގައި ބަނދަރު ހަދައިފި ނަމަ، ލޯކަލް ޓޫރިޒަމަށް އަދި އޮޑިފަހަރު އެހެލުމަށް ބޭނުންވާ ގޮނޑުދޮށް ހަލާކު ނުވުމުގެ އިތުރުން، އެ ސަރަހައްދުން ނަގާ ވެލި ބޭނުންކޮށްގެން ރަށުގެ ބިން ބޮޑުކޮށް ގޯތި ދޫކުރެވޭނެ ކަމަށް އެ ރަށުގެ ބައެއް މީހުން ދެކެ އެވެ.

ރަކީދޫގެ މުޅިން އެހެން ސަރަހައްދެއްގައި ބަނދަރު ހަދާ ނަމަ ބަނދަރު ހަދަން ވިސްނި ސަރަހައްދު -- ޑައިގްރާމް/ އީއައިއޭ ރިޕޯޓު (ވޯޓާ ސޮލޫޝަންސް)

މި ދެ ގޮތުގެ ތެރެއިން ޕްލޭނިން މިނިސްޓްރީއިން ހިޔާރު ކުރީ ފުރަތަމަ ގޮތެވެ. މިހާރުވެސް ކޮނެފައި އޮތް ސަރަހައްދުގައި ބަނދަރު ހަދާށެވެ. މުޅިން އާ ސަރަހައްދެއް ކޮނެ، ބަނދަރު ހަދާ ނަމަ، ތިމާވެއްޓަށް ގެއްލުންވާ ވަރު ބޮޑުވުމާއި، ކުރަން ޖެހޭ ހަރަދުވެސް ބޮޑުވާނެ ކަމަށް މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވެ އެވެ.

މިހާރުވެސް ދޯނިފަހަރު ކައިރި ކުރާ ސަރަހައްދު ކޮނެ ބަނދަރު ހެދުމަށް ނިންމާފައިވާއިރު، ރަށުގެ ކައުންސިލާއި ރައްޔިތުންގެ މަޝްވަރާއާ އެކު މަޝްރޫއުގެ ތެރެއަށް އިތުރު ބައެއްވެސް ވަނީ ހިމަނާފަ އެވެ. އެއީ ރަށުގެ ހުޅަނގު އުތުރުގައި އޮޑިފަހަރު އެހެލޭނެހެން ސަރަހައްދެއް ތަަރައްގީ ކުރުމެވެ. އޭގެ އިތުރުން ބަނދަރު ހަދާއިރު އިރުމަތީ ފަރާތުން ރިވެޓުމެންޓު ޖެހުމުގެ ބަދަލުގައި ބަނދަރުގެ ޖާގަ ބޮޑުވާނެހެން އެތަނުގައިވެސް ބަނދަރު ތޮށި ޖެހުމެވެ.

ވ. ރަކީދޫގައި ބަނދަރު ހަދަން އެންމެ ފުރަތަމަ ނިންމި ގޮތް (ވ) އަދި ފަހުން ނިންމި ގޮތް (ކ) -- ޑައިގްރާމް/ އީއައިއޭ ރިޕޯޓު (ވޯޓާ ސޮލޫޝަންސް)

މުޅިން އެހެން ސަރަހައްދެއްގައި ބަނދަރު ހަދާ ނަމަ ފަޅު ކޮންނަން ޖެހޭތީ ތިމާވެއްޓަށް ގެއްލުންވާ މިންވަރު އިތުރުވެ، ހަރަދު ބޮޑުވާނެ ކަމަށް އީއައިއޭ ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، މިހާރު މިނިސްޓްރީއިން ފާސްކޮށްފައިވާ ޕްލޭނުގައި އޮޑިފަހަރު އެހެލުމަށް ތަރައްގީ ކުރާ ސަރަހައްދަކީވެސް ކޮންނަން ޖެހޭ ސަރަހައްދެކެވެ.

ގެސްޓްހައުސް ވިޔަފާރިއަށް ހުރަހެއް

ވ. އަތޮޅުގެ ގިނަ ރަށްތަކަކީ މިހާރު ގެސްޓްހައުސްތައް ގިނަ ލޯކަލް ޓޫރިޒަމް ކޮންސެޕްޓުގައި ކާމިޔާބުކަމާ އެކު ހިންގަމުންދާ ރަށްރަށެވެ. އެ ރަށްރަށުގެ ރީތި ގޮނޑުދޮށްތަކާއި، އަތޮޅުގެ އެކި ހިސާބުތަކުގައި ހުންނަ ޑައިވް ސްޕޮޓުތަކާއި ފިނޮޅުތަކަކީ މި އަތޮޅުގެ އިގްތިސާދުގެ މުގުލެވެ. ރަކީދޫއަކީވެސް ވަށައިގެން ކަހަލަ ގޮތަކަށް ރީތި ގޮނޑުދޮށް އޮންނަ ރަށެކެވެ. ފަޅުގެ ހުޅަނގު އުތުރުގައި ރީތި ވިލެއްވެސް އޮވެ އެވެ. މި ގުދުރަތީ ރީތިކަމުގެ ބޭނުން ހިފައިގެން އެ ރަށުގައިވެސް ލޯކަލް ޓޫރިޒަމް ހިންގުމުގެ ވިސްނުން ގެންގުޅޭ ޒުވާނުން އުޅެ އެވެ.

ރަކީދޫގައި މިވަގުތު ހިންގަނީ އެންމެ ގެސްޓްހައުސްއެކެވެ. އެއީ 13 ކޮޓަރީގެ ތަނެކެވެ. އަދި ހިދުމަތް މެދުކެނޑިފައިވާ ފަސް ކޮޓަރީގެ ގެސްޓްހައުސްއެއްވެސް ހުރެ އެވެ. މިއީ ފެށުމެކެވެ. އިތުރު ބަޔަކުވެސް ގެސްޓްހައުސް ހަދަމުން އެބަދެ އެވެ. އެކަމަކު، ބަނދަރުގެ ސަބަބުން ރަށުގެ އެންމެ ރީތި އެއް ސިފަ ގެއްލުމަކީ އެ މީހުންނަށް ލިބޭ ބޮޑު ދެރަައެކެވެ. ރަށަށް އަންނަ ގެސްޓުންނަށް ދައްކާލަން ރަށުގައި ރީތި ޖަޒީރާ ވަންތަ ސިފަ ގެއްލިޔަ ނުދީ ބާާއްވަން އެ މީހުން ބޭނުންވެ އެވެ.

ރަށަށް ވަންނަ އިރު ފެންނަ ރީތި މައި ބީޗާއި، ކޮނެފައިވާ ސަރަހައްދަކީ ޓޫރިސްޓުން މަހަށް ކާން ދިނުން ފަދަ ކަންކަމަށް ބޭނުން ކުރާ ސަރަހައްދެކެވެ. އަދި މީހުން މޫދަށް އެރެން ބޭނުން ކުރާ ސަރަހައްދެކެވެ. މި ސަރަހައްދުގައި ޔޮޓުތައްވެސް އެހެލަ އެވެ.

ރަކީދޫގެ ރީތި ބަނދަރު ތެރެއަށް ކުޑަކުއްޖަކު ފުންމާލަނީ: މިތަން ކޮނެ، ފުންކޮށް، ބަނދަރު ހެދުމުގެ މަސައްކަތް ފަށަން މިހާރު ވަނީ ތައްޔާރުވެފައި -- ފޮޓޯ/ ސޭން ރަކީދޫ

މި ގޮނޑުދޮށް ގެއްލިގެންދާނެތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ރަކީދޫގެ ޒުވާނުންތަކެއް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް، އެ ގޮނޑުދޮށް ހެދުމުގެ މަޝްރޫއުގެ ގެއްލުމާ ގުޅޭ ރިޕޯޓަކާއެކު ސިޓީއެއް ފޮނުފައިވެ އެވެ. އެފަދަ ސިޓީއަކާއި ލިޔުމެއް ލިބިފައިވާކަން މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ކަށަވަރުކޮށްދެއްވި އެވެ.

"ރަކީދޫގައިވެސް މިހާރު ކޮނެފައި އޮތް ތަނާއި، އެތަނާ ގުޅިފައިވާ ފާލަމަކީ، ރަށުގެ ރީތިކަމާއި ސަގާފަތާ ގުޅިފައިވާ، މިހާރުވެސް ރަށަށް ޒިޔާރަތް ކުރާ ހުރިހާ އެންމެން އެތަނަށް ގޮތް ހިތް އުފާ ކުރާ ތަނެކެވެ. އަދި އެއީ ކުރިއަރަމުން އަންނަ ގެސްޓްހަައުސް ވިޔަފާރިއަށް ވަރަށް މުހިންމު ރުކުނެއްކަމުގައި ވެސް ގިނަ ބޭފުޅުން ގަބޫލުކުރައްވަ އެވެ." ގޮނޑުދޮށް ސަލާމަތް ކުރަން ބޭނުންވާ ރަކީދޫގެ ޒުވާނުން މަޖިލީހަށް ފޮނުވި ރިޕޯޓުގައިވެ އެވެ.

"...މި ހުރިހާ ކަމަކަށް ރިއާއަތްކޮށް ރަކީދޫގައި ބަނދަރެއް ހެދޭއިރު، މިހާރު ކޮނެފައި އޮތްތަން އެގޮތަށް ބޭއްވުމަށްފަހު އެހެން ތަނެއްގައި ބަނދަރު ހަދައިފި ނަމަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރަށަށް ލިބޭނެ ފައިދާ ގިނަގުނަވެ، ލިބޭނެ އިއާދަ ނުކުރެވޭ ގެއްލުން މަދު ކުރެވޭނެ އެވެ."

ރައީސް ނަޝީދަށް ފޮނުވި ސިޓީގައި ގޮނޑުދޮށް ސަލާމަތް ކުރަން ބޭނުންވާ މީހުން ހުށަހަޅަނީ، މިހާރުގެ ބަނދަރާއި ފާލަން އޮތް ގޮތަށް ބާއްވާފައި ރަށުގެ އިރުމަތީ ފަރާތުން ފަޅު ކޮނެ، އެތަނުގައި ބަނދަރު ހަދާށެވެ. އަދި އެ ތަނުން ނަގާ ވެލިން ރަށުގެ ބިން ބޮޑުކޮށް، މުސްތަގުބަލުގައި އިތުރަށް ގެސްޓްހައުސް ހިންގުން ފަދަ ކަންކަމަށް ބިން ދޫކުރެވޭނެކަން އެ މީހުން ފާހަގަކުރެ އެވެ.

ރަކީދޫ ބަނދަރު މަޝްރޫއަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފައި: މަޝްރޫއު ފަށައިގަންނަން މިހާރު ދަނީ ތައްޔާރުވަމުން -- ފޮޓޯ: އެމްޓީސީސީ

ނަމަވެސް، ރަށުގެ ކައުންސިލުން ބަނދަރު ހެދުމާ އެއްކޮޅެވެ. ކައުންސިލުގެ ރައީސް އާދަމް ސާމީ ވިދާޅުވީ، ބަނދަރު ހަދަން ސަރުކާރުން ނިންމީ ރަށުގައި ދިރިއުޅޭ މީހުންނާ މަޝްވަރާކޮށްފައި ކަމަށެވެ. އަދި ބަނދަރު ހަދަން ނިންމާފައި ވަނީ ރަށުގައި ދިރިއުޅޭ މީހުން ބޭނުންވާ ތަނުގައި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބަނދަރު ހެދުމާމެދު ކަންބޮޑުވުން ފާޅުކޮށް ރަސްމީކޮށް ކައުންސިލަށް ބަޔަކު ހުށަހަޅާފައި ނެތް ކަމަށެވެ. އަދި ބަނދަރު ހެދުމާ ދެކޮޅު ހަދަނީ ރަށުގައި ދިރިނޫޅޭ، ސަރުކާރާ އިދިކޮޅު ބައެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އެހެންވެ، އެ މީހުން ހުށަހަޅާ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކަވަން އޭނާ ބޭނުންފުޅުއް ނުވި އެވެ.

"އެއީ މާލޭގައި ދިރިއުޅޭ ރައްޔިތުންތަކެއް، އެކަމަކު ވަކި މަގުސަދެއް ހާސިލު ކުރަން ވެގެން ސަރުކާރާ އިދިކޮޅު ބަޔަކު ކުރާ ކަމެއް. އެކަމަކާ އެއްވެސް މައުލޫމާތެއް ހިއްސާ ކުރާކަށް ބޭނުމެއް ނުވޭ،" ސާމީ ވިދާޅުވި އެވެ.

މި ބަނދަަރު މިހާރު ހަދަން ނިންމާފައިވާ ތަނުގައި ހެދުމަށް އިގްތިސާދީ ގޮތުން ގެންގުޅުނު ވިސްނުމާ ބެހޭގޮތުން ޕްލޭނިން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ތިމާވެށީގެ އިތުރުން ރަށުގެ އިގްތިސާދަށް ވެސް ގެއްލުން

ވ. އަތޮޅުގެ ތިމާވެއްޓާއި އެ އަތޮޅުގެ އިގްތިސާދު އޮންނަނީ ވަރަށް ބޮޑަށް ގުޅިފަ އެވެ. އެއީ އެ އަތޮޅަށް ފައިސާ ވަންނަނީ އެ އަތޮޅުގެ ގުދުރަތީ ރީތި ކަމުން ކަމަށްވާތީ އެވެ. އަތޮޅުގެ ފަރުތަކާއި، ގޮނޑުދޮށްތަކަށް ލިބޭ ގެއްލުމަކީ ސީދާ އެ އަތޮޅުުގެ އިގްތިސާދަށް ގެއްލުންވާނެ ކަންކަމެވެ.

ރަކީދޫގެ ބަނދަރު މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވާ ގޮތުން ފަޅުތެރެ އިތުރަށް ކޮނުމުން، ރަށް ގިރައި ރަށުގެ ގޮނޑުދޮށްތަކަށް އެކަމުގެ އަސަރު ކުރާނެ އެވެ. މިއީ ފަޅު ތެރޭގައި ހުންނަ ވެލީގެ ބެލެންސަށް ބަދަލު އައުމުން ވާ ގޮތެކެވެ. ނަމަވެސް، އޭގެ އަސަރު ކުރާނެ މިންވަރު އަންދާޒާ ކުރެވެން ނެތް ކަމަށްވެ އެވެ.

ބަނދަރަކީވެސް، ބައެއް ހާލަތްތަކުގައި ރަށް ގިރުމުގެ ސީދާ ސަބަބެކެވެ. ރާއްޖޭގެ ރަށްތަކަކީ ގުދުރަތީގޮތުން އެއްކޮޅުން ގިރާ ވެލި، ރަށުގެ އަނެއް ކޮޅުގައި ވޮޑޭ ރަށްތަކެކެވެ. އެކަމަކު، ބަނދަރު އެޅުމުގެ ސަބަބުން ރަށުުގެ ފަޅު ތެރޭގައި ވެލި ދައުރުވުމަށް ހުރަސް އެޅި ގުދުރަތީ ގޮތުން ގިރައި ވޮޑުމުގެ ނިޒާމަށް ބުރޫއަރާކަން މާހިރުންނަށް ފާހަގަކުރެވިފައިވެ އެވެ. މި އަހަރުގެ ފެބްރުއަރީ މަހު މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕްލޭނިން މިނިސްޓަރު އަސްލަމް ވެސް މަޖިލީހުގައި ވިދާޅުވެފައި ވަނީ ބައެއް ރަށްރަށުގައި ބަނދަރު ހަދާ ގޮތާއި ރަށް ގިރުމާ ގުޅުމެއް އޮތް ކަމަށެވެ.

މިހާރުވެސް ރަކީދޫގެ ދެކުނު ފަރާތު ގޮނޑުދޮށް ގިރަ އެވެ. ބަނދަރު ހެދުމުން ރަށް އިތުރަށް ގިރަން ފަށައިފި ނަމަ ގެއްލިގެންދާނީ އަނެއްކާވެސް އިގްތިސާދާ ވަރަށް ބޮޑަށް ގުޅިފައިވާ ގޮނޑުދޮށްތަކެކެވެ. ގެސްޓްހައުސް ވިޔަފާރި ރަނގަޅަށް ނުފެށިގެން އުޅެނީސް، ރަކީދޫގެ ރީތި ގޮނޑުތައްތައް ގެއްލުމަކީވެސް ފުރުސަތު އޮތް ކަމެކެވެ.

އީއައިއޭ ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުން، ބަނދަރު ހަދަން ފަޅު ކޮނުމުންނާއި ބިން ހިއްކުމުގެ ސަބަބުން ވެއްޔާއި ކިސަޑު ރަށް ވަށައިގެން ފޭދި، ކަނޑުގެ ދިރުންތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ އެވެ. ފަރަށް އެޅޭ ވެލި މުރަކަތަކަށް އެޅި މުރަކަތައް މަރުވެގެން ދާނެ އެވެ. އަދި ފެންގަނޑު ކިލަނބުވެ، މުރަކަތަކަށް އަލި ލިބުން ދަތިވެ ބޮޑުވާން ހުރަސްއެޅެ އެވެ. އަދި މުޅި ސަރަހައްދުގެ ގުދުރަތީ ނިޒާމަށް އިއާދަ ނުކުރެވޭނެ ބަދަލުތައް އަންނާނެ ކަމަށް ރިޕޯޓުގައިވެ އެވެ.

ރަކީދޫ ކައިރީގައި ކަނޑުގެ ދިރުންތައް ގިނަ ތިމާވެށީގެ ގޮތުން ސެންސިޓިވް ސަރަހައްދެއް ކަމަށްވާ "ރަކީދޫ ކަނޑު" އޮންނަ ތަން -- ޑައިގްރާމް/ އީއައިއޭ ރިޕޯޓު (ވޯޓާ ސޮލޫޝަންސް)

ރަކީދޫ ފަޅުގެ ދެކުނު ކޮޅު ނިމޭ ހިސާބުގައި "ރަކީދޫ ކަނޑު" ކިޔާ އީޕީއޭއިން ކަނޑައަޅާފައިވާ ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދެއް އޮވެ އެވެ. މިއީ އޯވާހޭންގުތަކާއި ކަނޑު އަޑީގެ ހޮހޮޅަތައް ހިމެނޭ މުރަކައިގެ ބަގީޗާ އެކެވެ. މި ބަގީޗާ ތެރޭގައި އެކި ބާވަތް ބާވަތުގެ މިޔަރާއި، ވެލަޔާއި، ނެޕޯލިއަން ވްރާސް އުޅެ އެވެ.

މިއީ ޓޫރިސްޓުން ޝައުގުވެރިވާ ޑައިވް ސްޕޮޓެކެވެ. މި ތަނުން ވ. އަތޮޅުގެ ލޯކަލް ޓޫރިޒަށް ބޮޑު މަންފާއެއް ކުރެ އެވެ. ބަނދަރު ހެދުމުގެ ސަބަބުން ފޭދިގެންދާ ވެއްޔާއި ކިސަޑުގެ ސަބަބުން މިތަން ހަލާކުވެއްޖެ ނަމަ އެކަމުގެ ގެއްލުން މުޅި އަތޮޅަށް ކުރާނެ އެވެ.

ބަނދަރެއް ބޭނުންވަނީ ކީއްވެ؟

ރަކީދޫ ކައުންސިލުގެ މެމްބަރު އާދަމް ހުސެއިން ވިދާޅުވި ގޮތުގައި މިހާރު ރަށުގައި އޮންނަނީ އެންމެ ދެ ދޯންޏެވެ. އެއީ ފާނަ މަސްވެރިކަން ކުރާ ކުޑަ ދެ ދޯންޏެއް ކަމަށް އޭނާ ބުންޏެވެ. ގެންގުޅޭ ޑިންގީ ފަދަ ކުދި އުޅަނދުތައްވެސް ރަށުގައި އޮވެ އެވެ. މި ދެ ދޯންނާއި ޑިންގީތަކުގެ އިތުރުން ދެން ރަކީދޫގެ ބަނދަރު ބޭނުން ކުރަނީ އެހެން ރަށްރަށުގެ މަސްދޯނިތަކާއި، ހަފްތާއަކު ދެތިން ދުވަހު އަތޮޅުތަކާއި މާލެއާ ދޭތެރޭގައި އޮންނަ އެމްޓީސީސީގެ ވ. އަތޮޅު ފެރީ އާއި މ. އަތޮޅު ފެރީ އެވެ.

ރަކީދޫއިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، ކަންބޮޑުވަނީ ބަނދަރު އަޅާތީއެއް ނޫނެވެ. މައްސަލައަކީ ބަނދަރު އަޅާތަން ކަމަށް ބުންޏެވެ. އޭނާވެސް ގަބޫލު ކުރަނީ ބަނދަރެއް ބޭނުންވާ ކަމެެވެ. ރަށަށް މުދާ އެތެރެކުރަން ފަސޭހަވެ، އިމާރާތް ކުރުމުގެ ދާއިރާ ފަދަ ދާއިރާތަކަށް ފަސޭހަވެގެންދާނެކަން އޭނާވެސް ގަބޫލުކުރެ އެވެ. އަދި ރަށަށް މުސްތަގުބަލެއް ބޭނުން ނަމަ ބަނދަރެއް މުހިންމު ކަމަށް ގަބޫލު ކުރެ އެވެ.

ރަކީދޫ އޮންނަ ސަރަހައްދުގެ ގޮތުން، އެ ރަށަށް އެހެން އަތޮޅުތަކުގެ މަސް ދޯނިތައް މަޑުކޮށްލަން އާދެ އެވެ. ނަމަވެސް، ޖާގައިގެ ދަތިކަމުގެ ސަބަބުން އެއްފަހަރާ މަޑު ކުރެވެނީ ވަކި ވަރަކަށެވެ.

ރަކީދޫ ކައުންސިލުގެ މެމްބަރު އާދަމް އަކީ މިހާރުވެސް ބަނދަރު ހަދާ ސަރަހައްދުގައި ބަނދަރު ހަދަން ތާއީދު ކުރައްވާ ބޭފުޅެކެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރަށުގައި ބަނދަރު ހެދުމުން، އެހެން ރަށްރަށުގެ ގިނަ ދޯނިތަކަށް އެއްފަހަރާ ބަނދަރު ކުރެވޭނެ އެވެ. އަދި އެ ދޯނިތަކުން އަންނަ މީހުންނަށް ހިދުމަތް ދިނުމަށް ހޮޓާތައް ފަދަ ވިޔަފާރިތައް ފެށިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަކީދޫ ބަނދަރު މަޝްރޫއަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފައި: މަޝްރޫއު ފަށައިގަންނަން މިހާރު ދަނީ ތައްޔާރުވަމުން -- ފޮޓޯ: އެމްޓީސީސީ

"އެހެން ރަށްރަށުގެ ދޯނިތަައް އައިމަ އަޅުގަނޑުމެންނަށް މި ތަނުން ފެން ވިއްކައި، އަޅުގަނޑުމެންނަށް ތެޔޮ ވިއްކާ ތަނެއް ހަދައިގެން އެކަން ކުރެވޭނެ،" އާދަމް ވިދާޅުވި އެވެ.

ރަކީދޫއަށް ދަތުރު ކުރާ ދެ ފެރީ ދުއްވާ މީހުން މަޝްރޫއުގެ އީއީއައިއޭ ރިޕޯޓުގެ ސާވޭއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ރަކީދޫގެ ޖެޓީއަށް ވިއްސާރަ ދުވަސްވަރު ކައިރި ކުރަން އުނދަގޫ ކަމަށެވެ. ވިއްސާރަ މޫސުމުގައި އެހެން ރަށްރަށުން އަންނަ ދޯނި ފަހަރު ފަޅު ތެރޭގައި ނަގިލިލައިގެން އޮންނާތީ ވާތަކުގެ ސަބަބުން ފަޅު ތެރެއަށް ވަންނަންވެސް އުނދަގޫވާ ކަމަށް އެ މީހުން ބުންޏެވެ.

އެފަދަ ދުވަސްތަކުގައި ޖެޓީއާ ކައިރި ނުކުރެވި ފުރަން ޖެހުމުން، ޓިކެޓު ގަތް ފަރާތްތަކަށް އަނބުރާ ފައިސާ ދައްކަންވެސް ޖެހިފައި އެބަ ހުރި ކަމަށް ފެރީ ދުއްވާ މީހަކު ރިޕޯޓަށް މައުލޫމާތު ދީފައިވެ އެވެ. އަދި ޖެޓީ ކުޑަކަމުން ޖާގައިގެ ދަތިކަންވެސް ދިމާވެ އެވެ.

ރަކީދޫގެ ބަނދަރު ހެދުމުގެ މަޝްރޫއާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ތިމާވެށި ކޮމެޓީގެ ނައިބު މުގަައްރިރު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވަނީ މީގެ ކުރިން ޓްވިޓާގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އޭނާ "ސަން"އަށް ވިދާޅުވީ، އެ މައްސަލައާ ގުޅޭ ސިޓީއެއް މަޖިލީހުގެ ރައީސަށް ފޮނުވާފައިވާތީ، އެ ސިޓީ ކަމާ ބެހޭ ކޮމެޓީއަށް ފޮނުވަން މަޖިލީހުގެ ރައީސް ނިންމަވައިފި ނަމަ އެ މައްސަލަ ބައްލަވާނެ ކަމަށެވެ.

"އަޅުގަނޑުވެސް ވަރަށް ބަލަން ބޭނުންވާ ކަމެއް ތި ކަމަކީ،" ހައިތަމް ވިދާޅުވި އެވެ.

ބަނދަރަކީ ރަށުގެ މައި ދޮރެވެ. އިގްތިސާދީ މުސްތަގުބަލެއް އޮތުމަށް ކޮންމެ ރަށެއްގައިވެސް ބަނދަރެއް ބޭނުންވެ އެވެ. ނަމަވެސް، ބަނދަރަށްޓަކައި އަބަދުވެސް ތިމާވެށީގެ ބައެއް ގުރުބާންކޮށްލަން ޖެހެ އެވެ. ގުރުބާންކޮށްލަން ޖެހޭ ބަޔަކީވެސް، އިގްތިސާދީ އަގެއް އޮންނަ ބައެކެވެ. ވިސްނާލަން ޖެހެނީ އެ ހަލާކު ކޮށްލާ ގުދުރަތީ ވެށިން އިގްތިސާދަށް ލިބޭނެ ފައިދާ، ބަނދަރުން ލިބޭނެ ފައިދާއަށް ވުރެ ބޮޑުތޯ އެވެ؟ އިގްތިސާދީ ފައިދާއަށް ގުދުރަތީ ރީތިކަން ސުންނާފަތި ކޮށްލުމުގެ ކުރިން ރީތި މުރަކަ ފަރުތަކާއި ސާފު ހުދު ގޮނޑުދޮށްތަކާއި ބިޔަ ރާޅު ނަގާ ރާޅުގަނޑަކުން ނެރެވޭނީ ކިތައް ކިތައް މިލިއަން ޑޮލަރު ތޯ އެއީވެސް ހިސާބު ކުރަން ޖެހިފައި އޮތް ކަމެކެވެ.

comment ކޮމެންޓް