ސްވިމިންގްގެ ގިނަ މަގާމުތައް މިހާރުގެ އެކްސްކޯއިން ދިފާއު ކޮށްފި

ސްވިމިންގ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު -- ފޮޓޯ//ރާއްޖެޓީވީ: އަތޫފް އާތިފް

ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހަތަރުވަނަ އިންތިޚާބީ ކޮންގްރެސް އިއްޔެ ބޭއްވި އިރު މިހާރު އޮތް ހިންގާ ކޮމިޓީން ގިނަ މަގާމުތައް ދިފާއު ކޮށްފި އެވެ.

ހުޅުމާލޭގައި އަލަށް ހެދި ސްޕޯޓްސް ކޮމްޕްލެކްސްގައި އިއްޔެ ބޭއްވި ސްވިމިންގ އެސޯސިއޭޝަނުގެ އިންތިޚާބުގައި ޖުމްލަ 63 ފަރާތަކުން ވަނީ ވޯޓުލާފައެވެ. އެ އިންތިޚާބުގައި އެ އެސޯސިއޭޝަންގެ މިހާރުގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) ތިންވަނަ ދައުރަކަށް ހޮވިވަޑައިގަތީ 48 ވޯޓާއެކުގައެވެ.

ސްވިމިން އެސޯސިއޭޝަން ރައީސްކަމަށް ދެން ކުރިމަތިލެއްވި ޒައިދު އަމްޖަދުގެ ފޯމު ބަލައިނުގަންނަން އިލެކްޓޯރިއަލް ކޮމިޓީން އޮތީ ނިންމައިފަ އެވެ. އެއާ އެކު ޗަމްޕީގެ މަގާމު ދެމެހެއްޓުމަށް ނަގާފައި ވަނީ ފެންނަ ނުފެންނަ ވޯޓެކެވެ.

އެސޯސިއޭޝަނުގެ ނައިބު ރައީސްގެ މަގާމަށް މި މިހާރުވެސް އެ މަގާމު ފުރުއްވަމުން އަންނަ އިސްމާއިލް އަލީ އިންތިހާބުވީ އަހުމަދު ނިޔާޒާއި ވާދަކޮށެވެ. އޭނާ އިންތިޚާބު ކާމިޔާބުކުރެއްވީ 44 ވޯޓު ހޯދައިގެންނެވެ. އޭނާއާ ވާދަކުރި އަހުމަދު ނިޔާޒަށް ލިބުނީ 18 ވޯޓެވެ.

އަދި އެހެންމެ ހަޒާންދާރުގެ މަގާމަށް އަލީ ޝަމީމް އެކަނި ކުރިމަތިލެއްވިއިރު ފެންނަ ނުފެންނަ ވޯޓުގައި އޭނާއަށް ވަނީ 49 ވޯޓު ލިބި މަގާމު ދިފާއު ކޮށްފަ އެވެ.

ސްވިމިން އެކްސްކޯގައި ދެން ހިމެނެނީ ކްލަބު ރެޕްރެޒެންޓޭޓިވް ފިރާޝް އަފީފް، ޓެކްނިކަލް މެމްބަރުންގެ ރެޕްރެޒެންޓޭޓިވްގެ އަޙްމަދު ރާއިދު އަލީ، އިންޑިވިޖުއަލް ކުޅުންތެރިންގެ ރެޕްރެޒެންޓޭޓިވްގެ ތެރެއިން އަންހެން ކުޅުންތެރިންގެ ފަރާތުން އަންނަ މެމްބަރު ރަހީމާ އާދަމް އަދި އިންޑިވިޑުއަލް ޕްލެޔާސް ރެޕްރެޒެންޓޭޓިވް ފިރިހެން ކުޅުންތެރިންގެ ފަރާތުން ހަސަން ސިރާޖެވެ.

މީގެ އިތުރުން ކޯޗު ރެޕްރެޒެންޓޭޓިވްގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ވޯޓުގެ ނަތީޖާ އެއްވަރުވުމާ ގުޅިގެން ސްވިމިންގ އެސޯސިއޭޝަނުން ބުނީ އެ މަގާމަށް އަލުން ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ސްވިމިންގް އަކީ މިފަހަކަށް އައިސް ރާއްޖޭން ބޮޑެތި ކުރިިއެރުންތަކެއް ހޯދަމުން އަންނަ ކުޅިވަރެކެވެ. އަދި ކުރިން ސްވިމިންގަށް ތަމްރީންވާނެ ރަނގަޅު ޓްރެކެއް ނެތުމުގެ ޝަކުވާތައް ލިބުމާ އެކު މިހާރު ވަނީ ހުޅުމާލޭގައި ފެންވަރު ރަނގަޅު ސްވިމިންގް ޓްރެކެއް ވެސް ގާއިމު ކޮށްފަ އެވެ.

އަދި އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އޮލިމްޕިކް ސައިޒް ސްވިމިންގް ޕޫލެއް މާލޭގައި ގާއިމު ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

comment ކޮމެންޓް