ހިޔާނާތުގެ ފައިސާ އަތަށް އެރި ކޮންމެ މީހަކީ ކުށްވެރިއަކަށް ވާކަށް ނުޖެހޭ: ކޮމިޝަން

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް، އަހްމަދު އަސްއަދު -- ފޮޓޯ/ ރައީސް އޮފީސް

އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލިބުނު ކޮންމެ މީހަކީ ކުށްވެރިއަކަށް ވާން ނުޖެހޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް، އަހްމަދު އަސްއަދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަސްއަދު ވިދާޅުވީ، ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ގޮތުގައި އޭސީސީގެ ރިޕޯޓުގައި 155 ފަރާތެއް ހިމަނާފައި އޮތް ނަމަވެސް، މިހާރު އެ އަދަދު 300 އާ ކައިރިކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ އަދަދި އިތުރުވަމުން އަންނާނެ ކަމަށެވެ.

އަސްއަދު ވިދާޅުވީ އެ އަދަދު މައްޗަށް ދަނީ، ކޮމިޝަނުން މައްސަލަ ތަހުގީގުކޮށް، ބަލާ ހޯދޭ މިންވަރަކުން ކަމަށެވެ. ސަބަބަކީ އެ ފައިސާ އެކި މީހުންގެ އަތް މަތިން ގޮސް، އިތުރު ކުރިތައް ފަޅައިގެން ދާތީ ކަމަށް އަސްއަދު ވިދާޅުވިއެވެ.

"އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުން ވާހަކައެއް، ފައިސާ ލިބުނު މީހަކީ، ފައިސާ އެމީހެއްގެ އަތް މަތިން ދައުރުވި ކޮންމެ މީހަކީ، ކޮންމެހެން ކުށްވެރިއަކަށް ވުން ލާޒިމެއް ނޫނޭ،" އަސްއަދު ވިދާޅުވިއެވެ.

ސަބަބަކީ އެސްއޯއެފް ކުންފުންޏަށް ލިބުނު ހިޔާނާތުގެ ފައިސާ ދެން ލިބުނު މީހުންގެ ތެރޭގައި، އެސްއޯއެފް އިން ޑޮލަރު ގަތް މީހުން ވެސް ހިމެނޭތީއެވެ. އެހެންކަމުން އެ އެންމެނަކީ ކުށްވެރިން ކަމަށް ބަލަން ނުޖެހޭ ކަމަށާއި އެހެން ނަމަވެސް، އެ ފައިސާ ލިބުނު ކަމަށްވާނަމަ، އެމީހަކާ ދޭތެރޭ ޝައްކު އުފެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ ޝައްކު ބަލައި ތަހުގީގުކޮށް، އެކަން ސާބިތުވުމުން ނޫނީ އޭނާއަކީ ކުށްވެރިއެއް ކަމަށް ނުވަތަ ކުށްވެރިއެއް ނޫން ކަމަށް ވެސް ނުނިންމޭނެ ކަމަށް އަސްއަދު ވިދާޅުވިއެވެ.

"އެހެން ނޫންނަމަ އަޅުގަނޑުމެން އެ ބަދަލުވަނީ އެހިސާބުން ގާޒީންނަށް. އަޅުގަނޑުމެން ހުކުމެއް ނެރެނީ. އަޅުގަނޑުމެންނަކަށް ހުކުމެއް ނުނެރެވޭނެ. އަޅުގަނޑުމެން ކުރަނީ ތަހުގީގެކޭ. ތަހުގީގަށްފަހު ދެތިން މަރުހަލާއަށް ފަހު ހުކުމެއް އަންނަނީ،" އަސްއަދު ވިދާޅުވިއެވެ.

ފައިސާ ލިބުނު މީހުންގެ އަދަދު އިތުރުވާ ދެވަނަ ސަބަބެއް ކަމުގައި އަސްއަދު ވިދާޅުވީ އެ ފައިސާއިން ގިނަ އަދަދެއްގެ މުއާމަލާތްތަކެއް ނަގުދު ފައިސާއިން ކޮށްފައި ހުރުމެވެ. ނަގުދު ފައިސާއިން މުއާމަލާތް ހިންގާ ހިސާބުން، ތަހުގީގުގެ ކުރި ބެދި، ކޮޅު ގެއްލޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް މީހެއްގެ އަތަށް ނަގުދު ފައިސާ އެރި ކަމަށް ބަލައި ތަހުގީގު ހުއްޓާލައިފިނަމަ، ކުރި މަސައްކަތުގެ އެއްވެސް މާނައެއް ނޯންނާނެ ކަމަށާއި، އެހެންކަމުން މިހާރުވެސް ކުރިއަށް ދަނީ އެހިސާބުން ތަހުގީގު އިތުރަށް ފުޅާކޮށްގެންކަން އޭނާ ފާހަގަކުރެއްވިއެވެ.

"މީގެން ކޮންމެ މީހަކީ ވެސް އެމީހެއްގެ އައްމައްޗަށް މީގެ ފައިސާއެއް ގޮސްފައިވާނަމަ، ނުވަތަ އެމީހަކީ ޝައްކު ކުރެވޭ މީހަކަށް ވާނަމަ، އެމީހަކާ ހިސާބުން އާޅުގަނޑުމެން ހުއްޓައެއް ނުލަމޭ. އަޅުގަނޑުމެން އެބަ ފުޅާކުރަމޭ އޭނާގެ އާއިލާއަށް، އޭނާގެ ގާތް މީހުންނަށް، އޭނާ ބައިވެރިވާ ވިޔަފާރިތަކަށް. މި ލެވެލް އަށް ފުޅާކޮށްގެންނޭ އަޅުގަނޑުމެން ބަލަން ބޭނުންވަނީ. އެހެން ބެލުމުގެ ސަބަބުން އަދަދު އިތުރުވަނީ ވެސް،" އަސްއަދު ވިދާޅުވިއެވެ.

މިހާތަނަށް 300 އެއްހާ މީހަކަށް ހިޔާނާތުގެ ފައިސާ ލިބުނުކަން ދެނެގަނެވިފައި ވާއިރު، ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ފަސް މީހެއްގެ މައްސަލަ ކޯޓަށް ފޮނުވޭނެ ކަމަށް ކޮމިޝަނުން މިއަދު ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކޮން ބައެއް ކަން ހާމަކޮށްފައެއް ނުވެއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުން މަންފާ ލިބުނުކަމުގެ ތުހުމަތު ކުރީ ސަރުކާރާއި މިއަދުގެ ސަރުކާރުގެ ބޮޑުންނާއި، މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންނާ މިނިވަން މުއައްސަސާތަކުގައި ތިބި ފަރާތްތަކާއި އަދި އާންމު ރައްޔިތުންނަށް ވެސް ކުރެވެއެވެ.

comment ކޮމެންޓް