ފައިސާ ނުދޭން ބުނުމަކީ ކޯޓު ހުކުމަށް އޮޑިޓާރ ޖެނަރަލް ގޮން ޖެހުން: ދީބާޖާ

ދީބާޖޭގެ ބައެއް އިސްވެރިންނާއި އެކު މަޖިލީހުގެ ބައެއް މެންބަރުން ---

އުތުރު ޕްރޮވިންސްގެ ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުނީގެ އެއްބަސްވުން ބާތިލުކުރުމުން ބަދަލުގެ ގޮތުގައި އެކުންފުންޏަށް ދޭން ޖެހޭ ފައިސާ ނުދޭން ވިދާޅުވުމަކީ، ކޯޓުގެ ހުކުމަށް އޮޑިޓާ ޖެނަރަލް ގޮންޖެހުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދީބާޖާ ކުންފުނީގެ އެގްރިމަންޓް ބާތިލުކުރުމުން، އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ހުކުމް ކުރީ، ބަދަލުގެ ގޮތުގައި ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށެވެ. ދައުލަތުން އޭރު ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފުކުރުމުން، ސިވިލްކޯޓުގެ ހުކުމް ހައިކޯޓުން ބާތިލުކުރިއެވެ. ނަމަވެސް ފަހުން، ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ބާތިލުކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާފަ އެވެ. އަދި 348 މިލިއަން ރުފިޔާ ދިނުމަށް ހުކުމްކޮށްފަ އެވެ.

ނަމަވެސް ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން މި ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ފަހުން އެޓާނީ ޖެނެރަލް ވަނީ ހުކުމް އަލުން ރިވިއުކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

އެ މައްސަލައިގައި އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، އެއްބަސްވުން ބާތިލް ކޮށްފައި ވަނީ އެއްބަސްވުމާ ހިލާފުވެފައިވުމުން ކަމަށާއި އެ ހައްގު ސަރުކާރަށް ލިބިގެންވާ ކަމަށެވެ. އަދި ސަރުކާރުން އެއްވެސް ބަދަލެއް ނުދިނުމަށް އޮޑިޓާ ޖެނެރަލް ވަނީ އަންގަވާފަ އެވެ.

އެކަމާއި ގުޅިގެން ދީބާޖާ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އޮޑިޓާރ ޖެނަރަލްއަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އޭނާ މަގާމުން އިސްތިއުފާ ދިނުމަށް ވެސް ގޮވާލާފަ އެވެ. އަދި އޭނާގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

"އޮޑިޓާރ ޖެނަރަލް އިސްތިއުފާ ނުދެއްވައިފި ނަމަ އޭނާ މަގާމުން ވަކިކުރުމަކީ ދިވެހި ރައްޔިތުންނަށް ވާޖިބުކަމެއް. އަދި މި ރިޕޯޓުގައި ހަގީގަތާއި ހިލާފަށް އޮޑިޓަރ ޖެނަރަލް ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން އޮޑިޓަރ ޖެނަރަލްގެ އަހުލިއްޔަތުލް އަދާ ގެއްލިފައިވާކަމަށް ކަނޑައަޅައި ދިނުން އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށައެޅުމަށް ދީބާޖާގެ ފަރާތުން ވިސްނާ ވާހަކަ އޮޑިޓަރ ޖެނަރަލަށް އަންގަމެވެ،" އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ދީބާޖާ ނޫން އެހެނިހެން ކުންފުނިތަކަށް ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ދޫކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުންނާއި ގުޅިގެން އޮޑިޓާ ޖެނަރަލް ހުންނެވީ ހަނު ކަން އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި މަޖިލީހުގެ އެ މެންބަރުންނަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ތުހުމަތުކުރެވޭ މެންބަރުން ކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

"އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަޑުކަޑުވާލައި ކޯޓުތަކުގެ ހުކުމަށް ގޮންޖެހުމުގެ ގޮތުން ހިންގާފައިވާ ގާނޫނީ ބުރަދަނެއްނެތް ވަކިފަރާތަކަށް ބުރަވެފައިވާ ރިޕޯޓެއް،" އޮޑިޓަރ ޖެނަރަލް ހަސަން ޒިޔަތުއާ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުވައި އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން އާއިލީ އަދި ރަހިމުގެ ގުޅުން އޮތް މީހަކު ގަނެފައިވާ ގޯއްޗެއްގެ މިލްކުވެރިކަން ބަދަލުނުކުރެވޭ ގޮތަށް ފިޔަވަޅުއެޅުމަށް އަންގައި އަދި ހުޅުމާލޭގައި އޮތް އެ ގޯތި ކޮއްކޮއަކު ވިއްކާލިރިއުވެސް، އޮޑިޓާރ ޖެނަރަލްގެ މަގާމުގައި ހުންނަވައި ހަސަން ޒިޔަތު އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާ ކަމަށް ދީބާޖާއިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް