ރައީސް ޔާމީނަށް ދައުވާ ކުރީ މަސްލަހަތު ފުށޫއަރާ ޕީޖީއެއް، ދައުވާ ބާތިލު ވާނެ: އިދިކޮޅު

މިރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ޕީޕީއެމް

އެމްއެމްޕީއާރްސީގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ މަސްލަހަތު ފުށޫ އަރާ ކަމަށާއި އެހެންކަމުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާއަކީ ބާތިލު ދައުވާއެއް ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ތުހުމަތު ކުރެވޭ އެ ކުންފުނީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، މުހައްމަދު ހުސެއިން (އޮއިއްޓޭ)ގެ ވަކީލެއްގެ ގޮތުގައި ޕީޖީ ޝަމީމް މަސައްކަތް ކުރައްވާފައިވާ ކަމަށާއި، އެހެންކަމުން މިހާރު އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުލަތް ތަމްސީލު ކުރައްވާ އެންމެ އިސް ވަކީލެއްގެ ގޮތުގައި ޝަމީމް ހުންނެވުމަކީ މަސްލަހަތު ފުށޫއަރާ ކަމެއް ކަމަށް ބުނެ ބާ ކައުންސިލަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.

ޝަމީމް ވިދާޅުވެފައިވާ ގޮތުން އޭނާ ވަނީ ޒިޔަތާއި އޮއިއްޓޭގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވައިފަ އެވެ. ނަމަވެސް، ޕީޖީގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ޒިޔަތާއި އޮއިއްޓޭގެ މައްސަލަތަކުގައި ތަނާޒުލްވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މީހުންގެ މައްސަލަތަކާ ގުޅޭ ކަންކަން ނިންމަވަނީ ޑެޕިއުޓީ ޕީޖީ ކަމަށް ވިދާޅުވެފައިވެ އެވެ. އަދީބުގެ އެމްއެމްޕީއާރްސީގެ މައްސަލައިގައި ވަކީލެއްގެ ގޮތުގައި މަސައްކަތް ނުކުރައްވާ ކަމަށް މީގެ ކުރިން ޝަމީމް ވަނީ ވިދާޅުވެފައެވެ. އޭނާ މަސަައްކަތް ކުރެއްވީ، އަދީބުގެ މައްޗަށް ތުހުމަތު ކުރެވުނު ފިނިފެންމާ ލޯންޗުގެ މައްސަލައިގައި ކަމަށާއި، ވަކީލުކަމުން ސަސްޕެންޑު ކުރުމުގެ ސަބަބުން އަދީބުގެ އެމްއެމްޕީއާރްސީގެ މައްސަލައިގައި މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ނަމަވެސް، މިރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޝަމީމް މުޅި އެމްއެމްޕީއާރްސީގެ މައްސަލައިން ތަނާޒުލްވާން ޖެހޭ ކަމަށެވެ. އެއީ ޒިޔަތުގެ އެމްއެމްޕީއާރްސީ މައްސަލައިގެ ވަކީލެއްގެ ގޮތުގައި ޝަމީމް މަސައްކަތް ކުރައްވާފައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާނޫނާ އެއްގޮތަށް މައްސަލަ ކުރިއަށް ގެންދާ ކަމަށް ވަންޏާ ހުސެއިން ޝަމީމް އެބަ ޖެހޭ މި މުޅި މައްސަލައިއިން ތަނާޒުލް ވާން. މައްސަލައިގެ އެކެއްގެ ބައިން ތަނާޒުލްވެފައި އަހެން މީހުންގެ ބައިން ތަނާޒުލް ނުވެ ހުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން. މި މައްސަލައިގައި ހިމެނޭ އެކެއްގެ ވެސް ގާނޫނީ ވަކީލަކަށް ވުމަކީ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި މުޅި މައްސަލައިގެ ވަކީލަކަށްވުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެމްއެމްޕީއާރްސީއިން ބޭރުވި ކޮންމެ ޗެކެއްވެސް ބޭރުވެފައި ވަނީ ޒިޔަތު އެ ޗެކެއްގައި ސޮއިކޮށްގެން. އެހެންވީމަ ގެއްލުނު ކޮންމެ ރުފިޔާއަކީ ވެސް ޒިޔަތު ސޮއިކޮށްގެން އެ ދިޔަ ތާކަށް ދިޔަ ފައިސާ. އެހެންކަމުން ޒިޔަތުގެ ވަކީލަކަށް، މުޅި އެމްއެމްޕީއާރްސީގެ މައްސަލައިން ތަނާޒުލް ނުވެ މަސްލަހަތު ފުށޫއެރުން ހުއްޓުވޭނެ ގޮތެއް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މިރޭ އަބްދުއްރަހީމް ވިދާޅުވީ، އެމްއެމްޕީއާރްސީގެ މައްސަލައިގައި އަދީބުގެ ވަކީލުކަން ނުކުރައްވާ ކަމަށް ޝަމީމް ވިދާޅުވި ނަމަވެސް، އަދީބާ ޒިޔަތުގެ ވަކީލެއްގެ ގޮތުގައި އިންނަވައި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަ މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ ކަމަށެވެ. އެހެންކަމުން، ޝަމީމް އިތުރުފުޅު ހައްދަވާފައިވާކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ވެސް ދައުވާކޮށްފައި ވަނީ މަސްލަހަތު ފުށޫ އަރާ ޕީޖީއެއް ހުރެގެން ކަމަށެވެ. އަދި އެއީ ވަކީލާއި މުވައްކިލާ ދެމެދު އޮންނަ ސިއްރު މައުލޫމާތު ބޭނުންކޮށްގެން ކުރި ނަހަމަ ދައުވާއެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޔާމީންގެ ދައުވާއަކީ އުފެދުމުގައި ވެސް ބާތިލު ދައުވާއެއް ކަމަށާއި، އެމަނިކުފާނު ވަގުތުން މިނިވަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރުން މިހާރަށް މި ގޮވާލަނީ ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ބާތިލުކޮށްދޭށޭ އެމަނިކުފާނަށް މިހާވަރަށް އަނިޔާވެރި ނުވާށޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވުނު ބައެއްގެ ދިފާއީ ވަކީލެއްގެ ގޮތުގައި ޝަމީމް މަސައްކަތް ކުރެއްވި އިރު ވަކީލު ފީގެ ގޮތުގައި އާދަޔާ ހިލާފް ބޮޑެތި އަދަދުތަކެއްގެ ފައިސާ ނަންގަވައިވާ ކަމަށާއި، އެއީ އެމްއެމްޕީއާރްސީގެ ފައިސާކަން ޝަމީމްއަށް އެނގިވަޑައިގަންނަވާނެ ކަމަށް ބާ ކައުންސިލަށް ހުށަހެޅި މައްސަލައިގައި ތުހުމަތުކޮށްފައިވެ އެވެ. އަދި މުހައްމަދު ހުސެއިންގެ ބަޔާން ނަގަން އިނގިރޭސިވިލާތަށް ދިޔަ ކަމަށާއި، އެ ގައުމުގައި ހުރުމުގެ ހަރަދު ފަދަ ކަންކަމަށް، އެސްއޯއެފް މެދުވެރިކޮށް ޝަމީމްއަށް 20،000 ޕައުންޑު ދެއްކި ކަމަށްވެސް މައްސަލައިގައި ތުހުމަތުކޮށްފައިވެ އެވެ. ޝަމީމް ވަނީ މި ތުހުމަތުތައް ދޮގުކުރައްވައިފައެވެ.

މިރޭ އަބްދުއްރަހީމް ވަނީ ޝަމީމްއަށް ލިބުނު ފައިސާގެ ކަންކަން ތަހުގީގު ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި ވަކީލު ފީގެ ގޮތުގައި ޝަމީމްއަށް ދިނީ ކިހާވަރެއްތޯ ސާފުކޮށްދޭން އަދީބާއި ޒިޔަތު ގާތުން އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޝަމީމްގެ މައްސަލަ ބަލައިދިން އަވަސްކޮށްދިނުމަށް ބާ ކައުންސިލަށް ގޮވާލެއްވި އެވެ.

ޝަމީމް ޕީޖީގެ މަގާމުގައި ހުރެގެން އެމްއެމްޕީއާރްސީގެ މައްސަލަ އިންސާފުވެރިކޮށް ނުބެލޭނެ ކަމަށް ބުނެ، ޕީޖީގެ މަގާމުން ޝަމީމް އިސްތިއުފާ ދެއްވަންވެސް އިދިކޮޅުން ގޮވާލިއެވެ.

"ހަމައެކަނި މި މައްސަލައިިން ތަނާޒުލްވުމަކުންނެއް، ހުސެއިން ޝަމީމް ތަނާޒުލްވުމަކުން ނުފުދޭ. ހުސެއިން ޝަމީމް އެބަ ޖެހޭ މިހާރުން މިހާރަށް ޕީޖީގެ މަގާމުން އިސްތިއުފާ ދެއްވަން. އަދި އިސްތިއުފާ ނުދެއްވައިފި ނަމަ ދައުލަތުގެ ޕީޖީގެ މަގާމަށް އަައްޔަން ކުރެއްވި ބޭފުޅަކު، ނުތވަ ރައީސުލްޖުމްހޫރިއްޔާ ނޫނީ ރައްޔިތުންގެ މަޖިލީހުން އެބަ ޖެހޭ ހުސެއިން ޝަމީމް އެ މަގާމުން ދުރުކުރަން. ހުސެއިން ޝަމީމް އެ މަގާމުގައި ހުރެގެން އެމްއެމްޕީއާރްސީގެ މައްސަލަ ގާނޫނާ އެއްގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޝަމީމާ ދެކޮޅަށް ބާ ކައުންސިލަށް ހުށަހަޅާފައިވާ މައްސަލަ ބެލުމާއި ނުބެލުމާ މެދު ގޮތެއް ނިންމާފައިވާކަން އަދި ބާ ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް