އިނގިރޭސި އޯވަސީސް ޓެރިޓަރީތަކުގައި ހުންނަ ކުންފުނިތަކުގެ ވެރިންގެ މައުލޫމާތު އާއްމުކުރަނީ

އިނގިރޭސިވިލާތުގެ އަށް އޯވަސީސް ޓެރިޓަރީއަކުން ވަނީ އެ ސަރަހައްދުތަކުގައި ހަދާ ކުންފުނިތަކުގެ ވެރިންނާ ބެހޭ މައުލޫމާތު އާއްމު ކުރާނެ ކަމަށް ބުނެފަ. އޭގެ ތެރޭގައި ކޭމެން އައިލެންޑްސް ހިމެނޭ -- ފޮޓޯ: ގެޓީ

ލަންޑަން (ޖުލައި 17): އިނގިރޭސިވިލާތުގެ އޯވަސީސް ޓެރިޓަރީތަކުގައި ހަދާފައިވާ ކުންފުނިތަކުގެ ވެރިންނާ ބެހޭ މައުލޫމާތު ހުންނަ ރެޖިސްޓްރީތައް އާއްމު ކުރަން އަށް ޓެރިޓަރީއަކުން ނިންމާފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

އެ އަށް ޓެރިޓަރީއަކީ އަންގުއިލާ، ބާމިއުޑާ، ކޭމެން އައިލެންޑްސް، ދަ ފޯކްލޭންޑް އައިލެންޑްސް، މޮންސެރަތު، ޕިޓްކާން އައިލެންޑްސް އެންޑް ސެއިންޓް ހެލެނާ، އެސެންޝަން އައިލެންޑް، ޓްރިސްޓަން ޑަ ކޫނާ އަދި ޓާކްސް އެންޑް ކެއިކޮސް އައިލެންޑްސް އެވެ. އިނގިރޭސި ސަރުކާރުން ލަފާ ކުރާ ގޮތުގައި އެ ސަރަހައްދުތަކުގައި ހުންނަ ކުންފުނިތަކާ ބެހޭ މައުލޫމާތު 2023ގައި އާއްމު ކުރާނެ އެވެ.

އިނގިރޭސި އޯވަސީސް ޓެރިޓަރީތަކަކީ އަމިއްލަ ސަރުކާރެއް އޮންނަ ސަރަހައްދުތައް ކަމުން އެ ޓެރިޓަރީތަކުގައި ރެޖިސްޓާ ކުރާ ކުންފުނިތަކުގެ ވެރި ފަރާތާ ބެހޭ މައުލޫމާތު އާއްމު ކުރުމާއި ޓެކްސް އާ ބެހޭ ކަންތައްތައް އަމިއްލައަށް ނިންމުމުގެ ބާރު އެ ރަށްތަކަށް ލިބިގެންވެ އެވެ.

ނަމަވެސް 2016 ވަނަ އަހަރު ލީކުވި ޕެނަމާ ޕޭޕާސްއިން ވަނީ، ޓެކުހަށް މަކަރު ހެދުމާއި ފައިސާއާ ގުޅުން ހުރި އެހެން ބައެއް ގާނޫނާ ހިލާފު މުއާމަލާތްތައް ކުރުމަށް އިނގިރޭސި އޯވާސީސް ޓެރިޓަރީތަކުގައި އޮފްޝޯ ކުންފުނިތައް ހަދާ މިންވަރު ފަޅާ އަރުވާލާފަ އެވެ.

އެގޮތުން ޓްރާސްޕޭރެންސީ އިންޓަނޭޝަންއިން ވަނީ އެ ލިޔެކިޔުންތަކުގައި ފާހަގަކޮށްފައިވާ އޮފްޝޯ ކުންފުނިތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ކުންފުނިތަކަކީ ބްރިޓިޝް ވާޖިން އައިލެންޑްސްގައި ގާއިމު ކޮށްފައިވާ ކުންފުނިތައްކަން ހާމަކޮށްފަ އެވެ.

އެހެންކަމުން އިނގިރޭސި ސަރުކާރުން ދަނީ 2023 އަންނަން ވާ އިރަށް، އެގޮތަށް ހަދާ ކުންފުނިތަކުގެ މައުލޫމާތު އޯވަސީސް ޓެރިޓަރީތަކުން އާއްމު ކުރުމަށް ހިތްވަރުދޭ ކެމްޕެއިނެއް ކުރިއަށްގެންދަމުންނެވެ. އަދި ބްރިޓިޝް ވާޖިން އައިލެންޑްސްއިން އެކަމަށް އަދި އެއްބަސްވެފައި ނުވި ނަމަވެސް، އެ ޓެރިޓަރީން ކުރިއަށް އޮތް ތަނުގައި ކުންފުނިތަކާ ބެހޭ މައުލޫމާތު އާއްމު ކުރަން ނިންމާނެ ކަމަށް އުއްމީދު ކުރާ ކަމަށް އިނގިރޭސި ސަރުކާރުން ވަނީ ބުނެފަ އެވެ.

އިނގިރޭސި ސަރުކާރުގެ އޮފިޝަލުން ވަނީ އެފަދަ މައުލޫމާތު ހާމަ ކުރުމުން ފައިސާ ދޮވުމާއި އެހެނިހެން ފައިސާއާ ބެހޭ ކުށްތައް ދެނެގަތުމަށް ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް ފަސޭހަ ވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

އިނގިރޭސި ސަރުކާރުގެ އެ ކެމްޕެއިނާ ދެކޮޅަށް ބައެއް ޓެރިޓަރީތަކުގައި މީގެ ކުރިން ވަނީ މުޒާހަރާކޮށްފަ އެވެ. އެ ޓެރިޓަރީތަކުން ވަނީ އެ ސަރަހައްދުތަކުގައި ހުންނަ ކުންފުނިތަކާ ބެހޭ މައުލޫމާތު ހާމަ ކުރަން ފަށައިފި ނަމަ، އެ ޓެރިޓަރީތަކުގެ އިގުތިސާދު ބަރޯސާވެފައި އޮންނަ ފައިނޭންޝަލް ސާވިސް އިންޑަސްޓްރީއަށް އޮންނަ ޑިމާންޑު ކުޑަވެދާނެ ކަމަށް ބުނެފަ އެވެ. އަދި ޕްރައިވެސީ ބޭނުންވާ އިންވެސްޓަރުން އެހެން ސަރަހައްދުތަކަށް ގޮސްދާނެ ކަމުގެ ބިރު ފާޅުކޮށްފަ އެވެ.

އިންޓަނޭޝަނަލް ކޮންޒޯޓިއަމް އޮފް އިންވެސްޓިގޭޓީވް ޖާނަލިސްޓްސް (އައިސީއައިޖޭ)އިން ލީކުކޮށްލި ޕެނަމާ ޕޭޕާސްއިން ވަނީ، ދުނިޔޭގެ އެންމެ ބޮޑު އެއް ލޯ ފާމް ކަމަށްވާ މޯސެކް ފޮންސެކާއިން ގިނަ އަދަދެއްގެ މުއްސަނދިންނަށް ސިއްރު އެކައުންޓުތައް ހަދާދީ، މަނީ ލޯންޑާ ކުރުމާއި ޓެކްސް ނުދައްކާ ވާނެ ގޮތްތަކާ ބެހޭ ގޮތުން ލަފާދިންކަން ހާމަކޮށްފަ އެވެ.

އެ ލިޔެކިޔުންތައް ލީކުވި ފަހުން އިނގިރޭސިވިލާތާއި އެ ޓެރިޓަރީތަކުން ވަނީ އެ ސަރަހައްދުގައި ހަދާ ކުންފުނިތަކުގެ ވެރިފަރާތްތައް ހިމެނޭ ރެޖިސްޓްރީއެއް އާއްމުންނަށް ހުޅުވާ ނުލި ނަމަވެސް، އިނގިރޭސި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އެ މައުލޫމާތު ލިބޭ ގޮތަށް އެއްބަސްވުމެއް ހަދާފަ އެވެ.

comment ކޮމެންޓް