މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގައި އޮތް އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބާއްވާ ބައްދަލުވުން އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.
މަޖިލީހުން ބުނީ ބިލަށް ހިޔާލު ހޯދަން ބާއްވާ ބައްދަލުވުން އޮންނާނީ 19 ޖުލައިވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި މަޖިލީހުގެ އިދާރާގެ އާ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައި ކަމަށެވެ.
އާންމު ސިއްހަތުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދެވެ. އެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމެޓީއަށް ފޮނުވީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
ޖުޑީޝަރީ ކޮމެޓީއަށް ބިލު ފޮނުވަން ރިޔާސަތުން ނިންމެވީ، ބިލުގެ އިބްތިދާއީ ބަހުސްގައި މެމްބަރުން ދެއްކެވި ވާހަކަތަކަށް ބަލާއިރު، ސިއްހީ ކަންކަމާއި އިޖުތިމާއީ ކަންކަމަށް ވުރެ ބޮޑަށް ގާނޫނީ މައްސަލަތަކެއް މެމްބަރުން ފާހަގަކުރެއްވުމުންނެވެ.
އާންމު ސިއްހަތުގެ ގާނޫނުގެ ނަމްބަރުތަކެއް އިތުރުކުރަން ބިލުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން އެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރުމަށް ނެރޭ ގަރާރު، އެގަރާރު ނެރޭތާ 48 ގަޑިއިރު ތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހޭ ގޮތަށް ވަނީ ހުށަހަޅާފަ އެވެ. އަދި ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރާ ވަގުތަކީ މަޖިލީހުގެ ދައުރެއް ހިނގަމުންދާ ވަގުތެއް ނަމަ ބަންދު ދުވަސްތައްވެސް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އެއްކޮށް އެ ގަރާރު މަޖިލީހުން ފާސް ކުރުމަށް ހުށަހަޅަން ޖެހޭ ގޮތަށްވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ހިމަނާފަ އެވެ.
ސިއްހީ ކުއްލި ނުރައްލާ އިއުލާނު ކުރި ނަމަވެސް ވަކިކަންކަން ކުރުމުގެ ބާރު މަޖިލީހަށް ލިބިދެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާފައިވެ އެވެ. އެގޮތުން ކުއްލި ނުރައްކާ އުވާލުމުގެ ބާރުވެސް މަޖިލީހަށް ލިބިދެވޭ ގޮތަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.
ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރާ ގަރާރުގެ މުއްދަތު އިތުރުކުރަން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެންނަ ނަމަ، އިއުލާނުކޮށްފައިވާ ކުއްލި ނުރައްކާ ހާލަތު ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅައި ރުހުން ހޯދަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފަ އެވެ.