މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވިސް މީޑިއާ ކައުންސިލް (އެމްއެމްސީ) އެއްކޮށްލުމަށް ހަދަން ޖެހޭ ގާނޫނު ހެދުމަށްޓަކައި އޭޓާނީ ޖެނެރަލް އޮފީސް (އޭޖީ) އިން އެކުލަވާލަން ޖެހޭ ބިލުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި ދިނުމަށް އެދުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ބްރޯޑްކޮމްއާއި އެމްއެމްސީ އެއްކޮލުމުގެ މަޝްވަރާތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ފެށިތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ. ނަމަވެސް އެ ކޮމިޓީގައި މިދިޔަ އޮކްޓޯބަރު މަހު މީޑީއާތައް ހާޒިރުކޮށް މަޝްވަރާ ކުރި ފަހުން، އެ މަސައްކަތް ކުރިއަކަށް ނުދެއެވެ.
އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވީ، ދެ މުއައްސަސާ އެއްކޮލުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު ސާފުނުވާ ކަމަށާއި، މީގެ ކުރިން ބޭއްވި ކޮމިޓީގެ ބައްދައްލުވުމުގައިވެސް އޭޖީ އޮފީހުގެ ފަރާތުން ބިލުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބެލުމަށް އެދިވަޑައިގެންނެވި ކަމަށެވެ. އަދި މިކަން ގޮސްފައިވާ ހިސާބު ނޭނގުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ.
"ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާކަށް ނޫން މިއުޅެނީ. އަދި އެމީހުންނަށް އަނިޔާވެރިވާކަށްވެސް ނޫން. އެހެން ނަމަވެސް ގާނޫނު އަސާސީއާ ގާނޫނުތަކުން ކަންކުރާއިރު، ސާފުވާން އެބަ ޖެހޭ ކިތައް ނޫސްތޯ ރަޖިސްޓްރީކޮށްގެން ހިންގަނީ. މި މައުލޫމާތު ލިބިފައި، މީހުން އަބުރު ކަތިލާ ހިސާބަށްދާއިރު، ފިޔަވަޅު އެޅި، ގަވައިދުން [މީޑިއާތައް] ބެލެހެއްޓެން ޖެހޭނެ ކަމަށް ދެކެން،" ހަސަންޓޭ ވިދާޅުވިއެވެ.
ހަސަންޓޭ ވިދާޅުވީ، އެކަންކަން ކުުރުމަށްޓަކައި އެއް މުއައްސަސާއެއް އޮތުން މުހިންމު ކަމަށާއި އެހެން ކަމުން ބްރޯޑްކޮމް އާްއި އެމްއެމްސީ އެއްކޮށްލުމުގެ މަސައްކަތް އަވަސް ކުރަން ޖެހޭ ކަމަށެވެ.
ކޮމިޓީގައި ވާހަަކަ ދައްކަވަމުން ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމްވެސް ވިދާޅުވީ، މިޑިއާތައް ރެގިއުލޭޓް ކުރުމުގެ މައްސަލައަށް ހައްލެއް ލިބޭނީ، ދެ މުއައްސަސާ އެއްކޮށްލައިގެން ކަމަށެވެ. އަދި އެކަމަށް މިހާރު ހަދާފައިވާ ގާނޫނުތައް އިސްލާހުތައް ގެނައުމުގެ ބަދަލުގައި ވަކި ގާނޫނަކުން އެކަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ސަމްޕަތު ހުށަހެޅުއްވީ، ދެ މުއައްސަސާ އެއްކޮލުމަށް އެކުލަވާލަން ޖެހޭ ބިލު އަވަސްކޮށްދުނުމަށް އޭޖީގައި އެދުމަށެވެ.
ވިސާމްގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ވިލިމާލެ ދާއިރާ މެމްބަރު އަހްމަދު އުޝާމްއެވެ. ހުށަހެޅުން ފާސްވީ، ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.
ވިސާމް ވިދާޅުވީ، ދެ މުއައްސަސާ އެއްކޮލުމަށް ބޭއްވި މަޝްވަރާތަކުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް ތާއީދު ކުރެއްވި ކަމަށެވެ. އަދި އެކަން ކުރުމުން ދައުލަތަށް އެތަށް ގޮތުން ހަރަދުވެސް ކުޑަ ވާނެ ކަމަށާއި އެކަން އަވަސް ކުރުމަށް ފިނޭސް މިނިސްޓަރުގެ ވާހަކައިވެސް ދޭހަވި ކަމަށް އޭނާ ވިދާޅުވިއެވެ.
ގަވައިދު އިސްލާހު ކުރުމަށް މަޖިލީހުން ނޭންގޭނެ: ވިސާމް
ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ އިދާރާއިން އެމްއެމްސީއަށް ފޮނުވި ސިޓީއާ ގުޅޭ ގޮތުންވެސް ވާހަކަ ދެއްކެވުނެވެ. މަޖިލީހުގެ އިދާރާއިން ވަނީ، އެމްއެމްސީގެ ގަވައިދު މީޑިއާތައް ޖޫރިމަނާ ކުރެވޭ ގޮތައް އިސްލާހު ކުރުމަށް އަންގާފައެވެ. އަދި އެގޮތަށް އެންގުމަށް ނިންމާފައިވަނީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓިން ކަމަށް ސިޓީގައި ބުނެފައެވެ.
ކޮމިޓީގައި މމެްބަރު ވިސާމް ވިދާޅުވީ، އެގޮތަށް މަޖިލީހުން ނޭންގޭނެ ކަމަށާއި ކޮމިޓީއަށް އެކަމުގައި ހިޔާލެއް ދެވިދާނެ ކަމަށާވެ ނަމަވެސް ވަކި މުއްދަތެއް ދީފައި، ގަވައިދު އިސްލާހު ކުރުމަށް އެގޮތަށް ސިޓީގައި އިބާރާތްކޮށްފައި އޮތުމުން އެކަމުގެ ހިތްހަމަނުޖެހުން އޭނާ ފާޅުކުރެއްވިއެވެ.
"މީޑިއާ ކައުންސިލްގައި ތިބި މީހުންނަކީ މަޖިލީހުން އައްޔަން ކުރާ މީހުންނެއް ނޫން. އެއީ މީޑިއާތަކުން ވޯޓުލާފައި ހޮވާފައި ތިބި ބައެއް. އެހެންވީމަ، ވަކި ދުވަހެއް ދީފައި ގަވައިދު އިސްލާހު ކުރުމަށް އަޅުގަނޑުމެންނަށް ނޭންގޭނެ. އެހެން ނަމަވެސް އެކަން ސަމާލުކަމަށް ގެނެސް، ވަކި ގޮތަކަށް އަޅުގަނޑުމެންނަށް ހިޔާލު ދެވިދާނެ،" ކުރީގެ ނޫސްވެރިޔާ ވިސާމް ވިދާޅުވިއެވެ.
ވިސާމް އެގޮތަށް ވިދާޅުވުމުން، ކޮމިޓީގެ މުގައްރިރު އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކޮމިޓީގެ މެންޑޭޓް ފޮނަދޫ މެމްބަރު ވިސާމަށް ހަދާންކޮށްދިނެވެ. އެގޮތުން ކޮމިޓީގެ ސެކްރޭޓޭރިއަޓުން ވިދާޅުވީ، މިޑިއާ ކައުންސިލަކީ އެ ކޮމިޓީގެ ބެލެނިވެރިކަމުގެ ދަށުގައި އޮތް މުއައްސަސާއެއް ކަމަށާއި އެކި ކަންކަމުގައި "ރިކޮމަންޑޭޝަން ދިނުމާއި ޑައިރެކްޝަން" ދެވޭނެ ކަމަށެވެ. އެހެން ކަމުން މުއައްސަސާތައް ޒިންމާދާރުކުރުމަށް ކޮމިޓީގެ ފަރާތުން ބެލެނިވެރި މުއައްސަސާތަކަށް "ރިކޮމަންޑޭޝަން އާއި ޑައިރެކްޝަން" ދެވޭނެ ކަމަށް ސެކްރެޓޭރިއަޓުން ވިދާޅުވިއެވެ.
ސެކްރެޓޭރިއަޓުން އެގޮތަށް ވިދާޅުވުމުން ވިސާމް ވިދާޅުވީ މައްސަލައަކީ، މަޖިލީހުން ސިޓީ އިބާރާތްކޮށްފައިވާ ގޮތް ކަމަށެވެ. އެގޮތަށް އިބާރާތްކޮށް ކަންކަން ކުރުމަށް މަޖިލީހަކަށް ނުއެންގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިޑީއާ ކައުންސިލުން ގަވައިދު އިސްލާހުކުރާ ކަމަށް ކޮމިޓީގައި ވަނީ ވިދާޅުވެފައި. އެކަމުގެ އަޕްޑޭޓެއް ހޯދުމަށް އެދޭ ސިޓީގައި ހިމަނަން ވާނެ، މި ކޮމިޓީގެ މިވެނި ބައްދަލުވުމުގައި މީޑިއާ ކައުންސިލުން އެފަދަ ގަވައިދެއް ހަދާކަން ފާހަގަ ކޮށްފައިވާތީ އެކަމުގެ އަޕްޑޭޓެއް ހޯދުމަށް. އެބައި ނުހިމަނައި، މިވެނި ތާރީހެއްގެ ކުރިން ގަވައިދު އިސްލާހު ކުރުމަށްފަހު ފޮނުވާށޭ ނުބެނެވޭނެ،" ވިސާމް ވިދާޅުވިއެވެ.
ކޮމިޓީގެ މުގައްރިރު ރޮޒައިނާ ވިދާޅުވީ، މާޗު 10 ވަނަ ދުވަހު މީޑީއާ ކައުންސިލާއެކު ކޮމިޓީން ބެއްވި ބައްދަލުވުމުގައި އެ ފަރާތުން އެ ގަވައިދު އިސްލާޙުކުރުމުން ގެންދާ ކަމަށް ބުނެފައިވާ ކަމަށާއި އަދި މަޖިލީހުން ގަވައިދުގައި ހިމަނަން އެންގީވެސް މިޑީއާ ކައުންސިލުން އަމިއްލައަށް ހިމަނާނެކަމަށް ބުނި ބައެއް ކަމަށެވެ. އަދި ސިޓީގައި އިބާރާތްކުރުމުގެ މައްސަލައެއް އުޅޭ ނަމަ، އެކަން ރަނގަޅުކުރަން ސެކްރެޓޭރިއަޓުގައި ދަންނަވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ކޮމިޓީގައި ވާހަކަ ދައްކަމުވުން، ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމްވެސް ވިދާޅުވީ، ކޮމިޓީން ސިޓީ ފޮނުވީ އެ ގަވައިދު ހެދުމުގެ އަޕްޑޭޓެއް ހޯދުމަށް ކަމަށާއި ނަމަވެސް އެ ދުވަހު ކޮމިޓީގެ ބައްދަލުވުމުގެ ޔައުމިއްޔާއާއި ރިކޯޑީންވެސް ނެތް ކަމަށެވެ.
"ޔައުމިއްޔާ ހޯދުމަށް ދެތިން ފަހަރަކު އަޅުގަނޑު އެދުނިން ކޮމިޓީގެ ވަޓްސްއަޕް ގުރޫޕުގައި. އެހެން ނަމަވެސް އަޅުގަނޑަށް މައުލޫމަތު ލިބުނީ ޔައުމިއްޔާ ނެތް ކަމަށް، އޯޑިއޯ ރިކޯޑިންވެސް ނެތްކަމަށް. އެއީ ވަރަށް ދެރަކޮށް ހިނގައި ދިޔަ ކަމެއް. މިފަދަ ކަމެއް ހިނގުމުން ކަން ހިނގި ގޮތްވެސް ބަލާލެވޭނީވެސް ޔައުމިއްޔާ އޮވެގެން،" އުޝާމް ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ، ޔައުމިއްޔާ ގެއްލިގެން ދިޔުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން އެގޮތަށް ކުރިއަށް އޮތް ތަނުގައި ތަކުރާރު ނުވާނެ ގޮތަށް ސެކްރެޓޭރިއަޓުގައި ދަންނަވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ، އެދުވަހު ކޮމިޓީގެ ރިކޯޑިންގެ ޓޭޕްގެ މައްސަލައެއް ދިމާވެފައިވާކަން މަޖިލީހުގެ މިޑީއާ ބަލަހައްޓާ ފަރާތްތަކުން ކޮމިޓީއަށް އަންގާފައިވާ ކަމަށެވެ. އަދި އެ ރިކޯޑިންއަށް ދިމާވި މައްސަލަ ހައްލު ކުރެވޭތޯ މިޑީއާ ޓީމުން މަސައްކަތް ކުރަމުންދާކަން އަންގާފައިވާ ކަމަށް މުގައްރިރު ވިދާޅުވިއެވެ.