ތޫނިސް (ޖުލައި 15) : އުތުރު އެފްރިކާގެ އަރަބި ގައުމެއް ކަމަށްވާ ތޫނިސް (ޓިއުނީޝިއާ)ގައި ކީރިތި ގުރުއާނަށް ފުރައްސާރަކުރި އަންހެނަކު ހަ މަހަށް ޖަލަށްލައި ދެ ހާސް ދީނާރުން ޖޫރިމަނާ ކުރުމަށް އެގައުމުގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.
އާމިނާ އައްޝަރްޤީ އަކީ ބްލޮގާ އެކެވެ. އެޖެންސީ ފްރާންސް ޕްރެސް (އެފްޕީއޭ) ބުނާ ގޮތުން ތޫނިސްގެ ކޯޓަކުން އުމުރުން 27 އަހަރުގެ އާމިނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ ކޮރޯނާ ސޫރަތުގެ ނަމުގައި ކީރިތި ގުރުއާނުގެ ކުރު ސޫރަތް ހުންނަ ގޮތަށް އަރަބިބަހުން ކުރު ސޫރަތެއް ހަދައި ސޯޝަލް މިޑިއާގައި އެސޫރަތް ޝާއިޢު ކުރުމުންނެވެ.
އެގާރަ މިލިޔަން މީހުންގެ އާބާދީ އެއް އޮންނަ އަރަބި ގައުމެއް ކަމަށްވާ ތޫނިސްގެ ރައްޔިތުންގެ ތެރެއިން 98 އިންސައްތަ މީހުންނަކީ މުސްލިމުންނެވެ. އަނެއް ދެ ޕަސެންޓްގައި ހިމެނެނީ ނަސާރާއިންނާއި މަދުއަދަދެއްގެ ޔަހޫދީންނާ އަދި ދީން ގަބޫލުނުކުރާ މަދުއަދަދެއްގެ މުލްހިދުން (އެތީސްޓުން) ނެވެ. ލީބިޔާގެ ހުޅަނގު އުތުރުން ލީބިޔާއާ އިންވެގެން އޮންނަ ތޫނިސްއަކީ އަރަބި އިސްލާމީ ގައުމެއްނަމަވެސް އެއީ ތުރުކީއާ އެއްގޮތަށް ދީނާ ދައުލަތް ވަކިކުރުމުގެ ސިޔާސަތު (އަލްމާނިއްޔަތު ނުވަތަ ސެކިއުލަރިޒަމް) ގެންގުޅޭ މަދު އިސްލާމީ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
އެހެންނަމަވެސް ތޫނިސްގައި އިސްލާމް ދީނާއި ކީރިތި ގުރުއާނާ އަދި ކީރިތި ރަސޫލާ މުހައްމަދު (ސޢވ) އަށް ސީދާކޮށް ވެސް އަދި ނުސީދާކޮށް ވެސް ފުރައްސާރަ ކުރުމާއި ބަދުބަސް ބުނުމަކީ އަދަބު ދެވޭ ކުށެކެވެ. މީގެއިތުރުން އެއީ މުޖްތަމައު ބައިބައިކޮށް ފަސާދަ ކުރުމާއި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ނަގާލައި ގައުމީ މަސްލަހަތަށް ނުރައްކާ ކުރުމުގެ އަމަލެއް ކަމަށް ތޫނިސްގެ ގާނޫނުތަކުގައި ކަނޑައަޅާފައިވެއެވެ.
ތޫނިސްއަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަ ޑިމޮކްރެޓިކް ގައުމެއް ނަމަވެސް އެގައުމުގެ ގާނޫނުތައް ބުނާގޮތުން އިސްލާމް ދީނާއި ކީރިތި ރަސޫލާ މުހައްމަދު (ސޢވ) އަށާ އަދި ގުރުއާނަށް ފުރައްސާރަ ކުރުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގޮތުގައި ކުރެވޭނެ ކަމެއް ނޫނެވެ.
ކީރިތި ގުރުއާނަށް ފުރައްސާރަ ކުރި މައްސަލާގައި އާމިނާ އައްޝަރްޤީގެ މައްޗަށް ޖަލު ހުކުމް އިއްވައި ދެ ހާސް ދީނާރުން ޖޫރިމަނާކުރުމުން ޔޫރަޕްގެ ލާދީނީ ހަރުކަށި ބައެއް ޖަމާއަތްތަކުންނާއި އިންސާނީ ހައްގުތަކުގެ ނަމުގައި އަޑުއުފުލާ ބައެއް ފަރާތްތަކުންވަނީ އެކަން ކުށްވެރިކޮށް އާމިނާ ހިންގީ ޚިޔާލު ފާޅުކުރުމުގެ އަމަލެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭނާ ދިފާއުކޮށްފަ އެވެ.
އިންސާނީ ހައްގުތަކުގެ ނަމުގައި ވަކާލާތުކުރާ އދ.ގެ ޖަމްއިއްޔާ އެއްކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިންވެސް ވަނީ އާމިނާގެ ދިފާއުގައި ބަޔާނެއް ނެރެ އޭނާ މިނިވަން ކުރުމަށް ތޫނިސްގެ ސަރުކާރަށް ގޮވާލާފަ އެވެ. ނަމަވެސް ތޫނިސްގެ އެތެރެއާއި ބޭރުން ގިނަ ބަޔަކުވަނީ އެހުކުމަށް ތާއީދުކޮށް އާމިނާގެ ނުބައި އަމަލު ކުށްވެރިކޮށްފަ އެވެ.
މިމައްސަލައާ ގުޅިގެން މަރާލާނެކަމުގެ ބިރުދައްކައި ގިނައަދަދެއްގެ އިންޒާރުތައް ތޫނިސްގެ އެތެރެއިންނާއި ބޭރުން އައިކަމަށާއި އެއާއެކު ފުލުހުންގެ ހިމާޔަތަށް އެދެންޖެހުނު ކަމަށް އާމިނާ ބުނެފައިވެ އެވެ.
ތޫނިސްގެ ނޫސްވެރިންގެ ޖަމްއިއްޔާއިންވަނީ އާމިނާގެ އަމަލުކުށްވެރިކޮށް އޭނާގެ މައްޗަށް ކުރި ހުކުމަށް ތާއީދުކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އިސްލާމް ދީނާ އަދި އެދީނާ ގުޅޭ އެއްވެސްކަމަކަށް މަލާމާތާއި ފުރައްސާރަކޮށް ޖޯކު ޖެހުން ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެފައިވެއެވެ. (އޭއެފްޕީއޭ)