ސިޔާސީ ކޯޅުންތަކުން ސަލާމަތްވުމަށްޓަކައި ތޫނިސްގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

ތޫނިސްގެ ރައީސް ގައިސް ސައީދު

ތޫނިސް (ސެޕްޓެމްބަރު 13): އުތުރުއެފްރިކާގެ އަރަބި ގައުމެއް ކަމަށްވާ ތޫނިސްއަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތައް ހައްލު ކުރެވޭނީ ގާނޫނު އަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެނަސްގެން ކަމަށް އެގައުމުގެ ރައީސް ގައިސް ސަޢީދު ވިދާޅުވެއްޖެއެވެ.

ގައުމީ ޓީވީ މެދުވެރިކޮށް ރައްޔިތުންނަށް ދެއްވި ޚިތާބެއްގައި ސައީދު ވިދާޅުވީ ތޫނިސްގެ ގާނޫނު އަސާސީއަށް ގެންނަން ގަސްދުކުރައްވަނީ ބޮޑު ބަދަލެކެވެ. ނަމަވެސް ނަމަވެސް އެ ބަދަލުގެންނާނީ މިހާރުގެ ގާނޫނު އަސާސީގެ އޮނިގަނޑުގެ ތެރެއިން ކަމަށާ އައު ގާނޫނު އަސާސީއެއް އެކުލަވާލައިގެން ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނު އަސާސީ އަށް ގެންނަ ބަދަލުތައް ފަންނީ ކޮމިޓީއަކުން ދިރާސާކުރަމުން ގެންދާކަމަށާ އެކަން ނިމުމުން ރައްޔިތުންނަށް އެކަން ހާމަކޮށް އެބަދަލުތަކަށް ރައްޔިތުން ދެކޭގޮތް ބެލުމަށްޓަކައި ފެންނަ ނުފެންނަ ވޯޓަކަށް ދާން ގަސްދު ކުރައްވާކަމަށްވެސް ރައީސް ސައީދު ވިދާޅުވިއެވެ. ރައްޔިތުންގެ އަޣްލަބިއްޔަތުން އާނބަސް ލިބިގެންނޫނީ ގާނޫނު އަސާސީ އަށް ބަދަލު ނުގެންނާނެކަމަށް ސައީދު ވިދާޅުވިއެވެ.

ތޫނިސްގެ ގާނޫނު އަސާސީއަށް ގެންނަ މައިގަނޑު ބަދަލަކީ ސިޔާސީ ނިޒާމު ރިޔާސީ ނިޒާމަކަށް ބަދަލުކުރުން

ރައީސް ސައީދުގެ މުސްތަޝާރަކު މިދިޔަ ހަފްތާގައި ވިދާޅުވިގޮތުގައި ތޫނިސްގެ ގާނޫނު އަސާސީއަށް ގެންނަން ރައީސް ބޭނުންފުޅުވާ މައިގަނޑު ބަދަލަކީ މިހާރު އެގައުމުގައި އޮތް ބަރުލަމާނީ ނިޒާމުގެ ބަދަލުގައި ރިޔާސީ ނިޒާމެއް ގެނައުމެވެ. ތޫނިސްއަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތައް ގިނަވެ ޕާޓީތަކުގެ ކޯޅުންތައް ބޮޑުވެފައިވަނީ ބަރުލަމާނީ ނިޒާމުގެ ސަބަބުންކަމަށް ރައީސް ދެކެވަޑައިގަންނަވާކަމަށްވެސް އޭނާގެ މުސްތަޝާރު ވަލީދުލްހައްޖާމް ވިދާޅުވެފައިވެއެވެ.

ނަމަވެސް ރައީސް ސައީދު އިއްޔެ ގައުމާ މުޚާބަތު ކުރައްވައި ދެއްވި ޚިތާބުގައި ގާނޫނު އަސާސީއަށް ގެންނަ ބަދަލަކީ ގައުމުގެ ސިޔާސީ ނިޒާމު ބަރުލަމާނީއަކުން ރިޔާސީ އަކަށް ބަދަލުކުރުންކަމަށް ސީދާގޮތެއްގައި ވިދާޅެއް ނުވެއެވެ.

ރައީސް ސައީދު އޭނާއަށް ލިބިފައިވާ ރިޔާސީ ބާރުގެ ދަށުން ބޮޑުވަޒީރު ހާޝިމު އަލްމަޝީޝީ ގެ ސަރުކާރު އުވާލައި ޕާލަމެންޓް ސަސްޕެންޑްކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. ސައީދު މި ފިޔަވަޅު އެޅުއްވީ ތޫނިސްގެ ސިޔާސީ ޕާޓީތަކުގެ މެދުގައި ހިނގަމުންދާ ކޯޅުންތަކާއެކު ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގައާއި ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމާ އަދި ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމުގައި ހިޝާމުލްމަޝީޝީ ގެ ސަރުކާރު ވަރަށް ބޮޑަށް ނާކާމިޔާބުވުމާ ގުޅިގެންނެވެ. އަދި މިމައްސަލަތައް ހައްލުކުރުމަށްޓަކައި ރައީސް ސައީދު ބޮޑުވަޒީރު މަޝީޝީއާ ކުރެއްވި މަޝްވަރާތަށްވެސް ކޮޅެއްގައި ނުޖެހުމުގެ ސަބަބުންނެވެ.

މަގާމުން ދުރުކޮށްފައިވާ ބޮޑުވަޒީރު ހިޝާމްއަލްމަޝީޝީ

ޑިމޮކްރަސީގެ އުސޫލާ ޚިލާފަށް ރައީސް ސައީދު އެޅުއްވި މިފިޔަވަޅަށް ތޫނިސްގެ ސިޔާސީ ޕާޓީތަކުން ދެކޮޅު ހެދިނަމަވެސް ސަރުކާރުގެ ދޯދިޔާކަމުން ޚިދުމަތް ނުލިބިފައިތިބި ރައްޔިތުންގެ ބަޔަކު ރައީސް ސައީދުގެ މިފިޔަވަޅަށް ތާއީދުކުރިއެވެ. މިކަން ހާމަވެފައިވަނީ ސައީދަށް ތާއީދުކޮށް ރައްޔިތުން ބޭއްވި އެއްވުންތަކުންނެވެ. ސިޔާސީ ޕާޓީތަކުގެ ކޯޅުންތަކާ ދެކޮޅަށް ރައްޔިތުން ބޭއްވި މިއެއްވުންތަކުގައި ރައީސް ސައީދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް ސައީދުގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފެދިފައި

ސިޔާސީ ޕާޓީތައް ބުނާގޮތުން ރައީސް ސައީދު ބޭނުންފުޅުވަނީ އެކި ބަހަނާތައް ދައްކަވައިގެން އޭނާގެ އަތްދަށުގައި ގައުމުގެ ހުރިހާ ބާރުތަކެއް ބޭއްވުމެވެ. މިދިޔަ ޖުލައިމަހު ގެ ފަހުކޮޅު ރައީސް ސައީދު ތޫނިސްގެ ސަރުކާރު އުވާލައި ޕާލަމެންޓް ސަސްޕެންޑް ކުރެއްވުމަށްފަހު ވަރަށް އަވަހަށް ވަގުތީ ސަރުކާރެއް އެކުލަވާލައްވާނެކަމަށް ވިދާޅުވިނަމަވެސް މަގާމުން ދުރުކުރި ބޮޑުވަޒީރު ހިޝާމުލްމަޝީޝީގެ ބަދަލުގައި ބޮޑުވަޒީރު ކަމަށް އައްޔަންކުރައްވާނެ ބޭފުޅެއްގެ ނަން މިހާތަނަށްވެސް ސައީދު ވިދާޅުވެފައެއް ނުވެއެވެ. އަދި އައު ސަރުކާރެއް އެކުލަވާލާނެ ތާރީޚެއްވެސް ވިދާޅެއް ނުވެއެވެ. މިކަމުގެ ސަބަބުން ސައީދުގެ އިޚްލާސްތެރިކަމާމެދު އޭނާއަށް ކުރިން ތާއީދު ކުރި ފަރާތްތައްވެސް މިހާރުވަނީ ސުވާލު އުފައްދާފައެވެ.

ތޫނިސްގައި ސަރުކާރެއްނެތި ދޮޅުމަސް

ތޫނިސްގައި ސަރުކާރެއްނެތި މިހާރުވަނީ ދޮޅުމަހަށްވުރެ ގިނަވެފައެވެ. އަދި ސައީދުގެ ނިންމެވުމުގެ ސަބަބުން ތޫނިސްގެ ވެރިކަމުގެ ނިޒާމުވެސްވަނީ ނޭންގުމެއްގެ ތެރެއަށް ވެއްޓިފައެވެ. މިއާއެކު އައު ސަރުކާރެއް އެކުލަވާލައި ސިޔާސީ ނިޒާމު ހަމައަކަށް އެޅުވުމަށް ޓަކައި އެމެރިކާއާއި ޔޫރަޕުން ވަނީ ސައީދަށް ފިއްތުންތައް ކުރިމަތި ކުރަން ފަށާފައެވެ.

ތޫނިސްގެ ގާނޫނު އަސާސީއަށް ބަދަލުގެންނަ ވާހަކަ ސައީދު ދައްކަވަން ފަށާފައިވަނީ މިހިސާބުންނެވެ. ތޫނިސްގައި ކުރިންވެސްވަނީ އެގައުމުގެ ނިޒާމު ބަރުލަމާނީއަކަށް އޮތުމުން ސިޔާސީ ކޯޅުންތައް ބޮޑުވެ އަވަސް އަވަހަށް ސަރުކާރުތައް ބަދަލުވާތީ ބަރުލަމާނީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ބަދަލުކުރުމަށް އެގައުމުގެ ބައެއް ތަޖްރިބާކާރުންނާއި ތިންކްޓޭންކުން ގޮވާލައްވާފައެވެ.

ނަމަވެސް މިއީ ރައީސް ސައީދު ތޫނިސްގެ ގާނޫނު އަސާސީއަށް ބަދަލުގެންނަން ގަސްދުކުރައްވާކަން މިހާ ފާޅުކަންބޮޑު ގޮތެއްގައި ހާމަކުރެއްވި ފުރަތަމަ ފަހަރެވެ. ގާނޫނު އަސާސީއަށް ބަދަލުގެނައި ނަމަވެސް މިހާރު ތޫނިސްގައި އޮތް އިންތިޚާބުކޮށްފައިވާ ޕާލަމެންޓްގެ މުއްދަތު ހަމަނުވަނީސް އެޕާލަމެންޓް އުވާލުމަކީ ރައީސް ސައީދަށް ކުރެއްވޭނެ ކަމަކަށް ނުވާތީ ރިޔާސީ ނިޒާމަކަށް ދާއިރު މިހާރުއޮތް ޕާލަމެންޓަށް ހެދޭނެގޮތަކާމެދުވެސް ވަނީ ސުވާލު އުފެދިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް