ކޮރަޕްޝަން ބޮޑުކަމުން، ތޫނިސްގެ ސިޔާސީ ނިޒާމު، ބަރުލަމާނީއަކުން ރިޔާސީ ނިޒާމަކަށް ބަދަލުކުރަނީ

ތޫނިސްގެ ރައީސް ގައިސް ސައީދު

ތޫނިސް (2 ޖުލައި 2022): އުތުރު އެފްރިކާގެ އަރަބި ގައުމެއް ކަމަށްވާ ތޫނިސް (ޓިއުނީޝިއާ) ގެ ސިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ބަދަލުކުރުމަށް އެގައުމުގެ ރައީސް ގައިސް ސައީދު ކުރިޔަށް ގެންދަވާ މަސައްކަތް ތަކުގެ ދަށުން އެކުލަވާލި އައު ގާނޫނު އަސާސީގެ ދެލިކޮޕީ އާންމު ކޮށްފިއެވެ.

މި ދެލިކޮޕީ އާންމުކުރުމުގެ ރިޔާސީ ގަރާރެއް ގައިސް ސައީދު ނެރުއްވުމާއެކު ދައުލަތުގެ ގެޒެޓްގައި އެ ދެލިކޮޕީ ވަނީ ޝާއިއުކޮށްފައެވެ. އައު ގާނޫނު އަސާސީ ބިނާވެފައިވަނީ ވެރިކަން ހިންގުމުގެ ބޮޑެތި ބާރުތައް ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރިޔާސަތަށް ލިބިދޭގޮތަށެެވެ. އަދި ޕާލަމެންޓްގެ ދައުރު ހަނިވާގޮތަށެވެ.

ވެރިކަމުގެ ބާރުތައް ހޯދުމަށްޓަކައި ސިޔާސީ ޕާޓީތަކުން ތޫނިސްގެ ސިޔާސީ މަސަރަހުގައި މިހާރު "ޖަހަމުންދާ ސަކަރާތްތައް" މިއައު ގާނޫނު އަސާސީގެ ދަށުން ހުއްޓުމަކަށް އައިސް ބާރުގަދަ ރިޔާސީ ނިޒާމެއް ބިނާވެ ގައުމަށް ހަމަޖެހުން އަންނާނެކަމަށް ގައިސް ސައީދު ވަނީ ވިދާޅުވެފައެވެ.

އައު ގާނޫނު އަސާސީއާމެދު ތޫނިސްގެ ރައްޔިތުން ދެކޭގޮތް ބެލުމަށްޓަކައި ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު މި ޖުލައި މަހުގެ 25 ވަނަ ދުވަހު ބާއްވާނެކަމަށް ރިޔާސީ ބަޔާން ބުނެއެވެ.

ރައީސް ގައިސް ސައީދު ތޫނިސްގެ އައު ގާނޫނު އަސާސީގެ ދެލިކޮޕީ ނެރުއްވަނީ

ދެހާސް ނަވާރަ ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތޫނިސްގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެން މަގާމާ ހަވާލުވެ ވަޑައިގެންނެވި ގައިސް ސައީދަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ ބޭފުޅެކެވެ. އޭނާއަކީ ކުރިން ސިޔާސީ ދާއިރާގައި އުޅުއްވާފައިވެސް ނުވާ ބޭފުޅެކެވެ. ނަމަވެސް އޭނާއަކީ ގާނޫނީ ދާއިރާގެ ވަރަށް ފުންނާބު އުސް ތަޖުރިބާކާރެކެވެ.

ގައިސް ސައީދު ތޫނިސްގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާވަނީ ޕާލަމެންޓް އުވާލައި ވެރިކަމުގެ ހުރިހާ ބާރުތަކެއް އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެންނަވާފައެވެ. އޭނާ ވެރިކަން ހިންގަވަނީ ރިޔާސީ ގަރާރެއްގެ ދަށުން އޭނާ ކަނޑައަޅުއްވާފައިވާ ޚާއްސަ ގޮތްތަކެއްގެ މަތިންނެވެ. ޕާލަމެންޓެއް ނެތިއެވެ.

ގައިސް ސައީދު މިގޮތަށް އަމަލުކުރައްވަމުން ގެންދަވަނީ ސިޔާސީ ޕާޓީތަކުގެ ކޯޅުންތަކާއި ޕާލަމެންޓް މެންބަރުން ބާރާއި ނުފޫޒު ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ މައްޗަށް ހިންގައި އެބޭފުޅުން އިންތިހާއަށް ކޮރަޕްޝަނުގެ އަމަލުތައް ހިންގަމުން ގެންދިޔުން ނިމުމަކަށް ގެނެސް ސިޔާސީ ކޯޅުންތަކާއި ކޮރަޕްޝަނުން ގައުމު ސަލާމަތް ކުރުމަށްޓަކައި ކަމަށް އޭނާ ވިދާޅުވެއެވެ.

ގައިސް ސައީދަކީ ކޮރަޕްޝަނާ ވަރަށް ދެކޮޅު ބޭފުޅެކެވެ. ޕާލަމެންޓް މެންބަރުންގެ ބާރާއި ނުފޫޒު ކަނޑުވާލުމާއެކު ތޫނިސްގައި ކޮރަޕްޝަން މަދުވެފައިވީ ނަމަވެސް ރައީސް ގައިސް ސައީދަކީ މިހާރު ވެރިކަމުގެ ހުރިހާ ބާރުތަކެއް މުށުތެރޭގައި ގެންގުޅުއްވާ ޑިކްޓޭޓަރެެއް ކަމަށް ފާޑުކިޔަ ފަރާތްތަކުން ދެކެއެވެ.

ތޫނިސްގެ ސިޔާސީ ފަރާތްތައް ބުނާގޮތުން ގައިސް ސައީދު ގެންދަވަނީ ޑިމޮކްރަސީއަށް ހުރަސްއަޅައި، 2011 ވަނަ އަހަރުގެ އަރަބި ރަބީއުގެ އުތުރިއެރުންތަކާއެކު ތޫނިސްގެ ރައްޔިތުން ހޯދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އަދި އިސްވެރިންނާ ދެކޮޅަށް ބަސްބުނެ ވެރިކަމުގައި ތިއްބައި އެބޭފުޅުން ޒިންމާދާރު ކުރުވުމަށް 2014 ވަނަ އަަހަރު ތޫނިސްގައި އެކުލަވާލި ގާނޫނު އަސާސީގައިވާ ޑިމޮކްރެޓިކް ސިފަތަކާއި އިސްލާހުތައް ނައްތާލައި ޚުދު މުޚްތާރު ވެރިކަމަކަށް މަގުފަހި ކުރައްވަމުންނެވެ.

ނަމަވެސް ތޫނިސްގެ ސިޔާސީ މަސްރަހަށް ބާރާއި ނުފޫޒު ހިންގައި ރައްޔިތުންނަށް އެކިބާވަތުގެ ދޮގުވައުދުތައް ވަމުންދާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށްވުރެ ތޫނިސްގެ އާންމު ރައްޔިތުންގެ ތާއީދު ބޮޑީ ރައީސް ގައިސް ސައީދު އަށެވެ. ސިޔާސީ ޕާޓީތަކުން ގައިސް ސައީދާ ދެކޮޅަށް މުޒާހަރާ ކުރަން ފަށާއިރަށް އާންމު ރައްޔިތުންގެ ގިނަ ބަޔަކު ގައިސް ސައީދުގެ ދިފާއުގައި މަގުތަކަށް ނުކުމެ މުޒާހަރާތައް ކުރަންފަށައެވެ.

އުވާލާފައިވާ ޕާލަމެންޓްގެ އެއްވެސް ބައިވެރިވުމެއްނެތި ރައީސް ގައިސް ސައީދު އޭނާއަށް އިތުބާރު ކުރެވޭ ކޮމިޓީއަކުން އޭނާގެ ބެލުމުގެ ދަށުން އެކުލަވާލި އައު ގާނޫނު އަސާސީގެ ދެލިކޮޕީ ބުނާގޮތުން ތޫނިސްގައި ބޮޑުވަޒީރަކު އައްޔަންކުރުމާއި، ވަޒީރުންގެ މަޖިލިސް އެކުލަވާލުމުގެ ބާރުވެސް އޮންނާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި ޕާލަމެންޓްރީ އިންތިޚާބެއް ބާއްވައިގެން ޕަލަމެންޓެއް އިންތިޚާބު ކުރެވެންދެން ވެރިކަމުގެ ހުރިހާ ބާރުތަކެއްވެސް އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައެވެ.

ރިޔާސީ މިދައުރު ނިމެންދެން ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުންނަވާނީ ގައިސް ސައީދެވެ. ރިޔާސީ އިންތިޚާބު ބާއްވާގޮތަށް އޮތީ މިހާރު ހިނގަމުންދާ ދައުރު ނިމުމުންނެވެ. ތޫނިސްގެ ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުންގެ އަމިއްލަ އެދުމާއި ކޮރަޕްޝަން ބޮޑުކަމުން އެޕާޓީތަކާއި އެޕާޓީތަކުގެ ލީޑަރުން ދެކެ ތޫނިސްގެ ގިނަ ރައްޔިތުން ވަނީ ފޫހިވެފައެވެ. މިކަމުގެ ސަބަބުން ތޫނިސްގެ ރައްޔިތުންގެ ގިނަބަޔަކު އައު ގާނޫނު އަސާސީ އަށް އާނބަސް ބުނާނެކަމަށް ވަނީ ބެލެވިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް