ތޫނިސް (އޮކްޓޯބަރު 2): ތޫނިސްގެ ރައީސް ގައިސް ސަޢީދު މިދިޔަ ޖުލައިމަހު އެ ގައުމުގެ ސަރުކާރު އުވާލައި ޕާލަމެންޓް ސަސްޕެންޑް ކުރި ކުރުމަށް ގޮންޖެހުމަށްފަހު ޕާލަމެންޓުގެ ޖަލްސާތައް އަލުން ބޭއްވުމަށް ޕާލަމެންޓްގެ ރިޔާސަތުން ނިންމައިފިއެވެ.
ޖަލްސާތައް ބާއްވަން ފެށުމުގެ ކުރިން ޕާލަމެންޓް ގެ ރިޔާސަތުން ނެރުނު ބަޔާނެއްގައި ގައިސް ސަޢީދުގެ އެނިންމެވުމަކީ ތޫނިސްގެ ގާނޫނު އަސާސީއާ ޚިލާފަށް އޭނާ އެޅުއްވި ޣައިރު ގާނޫނީ އަދި އިންގިލާބީ ފިޔަވަޅެއްކަމަށާ އެފިޔަވަޅުތަކަށް ތަބާވާން ނުޖެހޭނެކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން ޕާލަމެންޓުން ރުހުން ދީފައިވާ ތޫނިސްގެ ޝަރުއީ ސަރުކާރު އުވާލައި ޕާލަމެންޓް ސަސްޕެންޑް ކުރުމަށް ގައިސް ސަޢީދު އެޅުއްވި ޣައިރު ގާނޫނީ ފިޔަވަޅުތަކާ ގުޅިގެން އޭނާގެ މައްޗަށް ޚިޔާނާތުގެ ތުހުމަތު ކުރެވޭނެ ކަމުގެ އިންޒާރުވެސް ޕާލަމެންޓްގެ ރިޔާސަތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. މި ބަޔާނުގައި ޕާލަމެންޓް ގެ ރިޔާސަތު ގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާ ޕާލަމެންޓް މެންބަރުންގެ ޖަލްސާތަކަށް ހާޒިރުވެ ކުރިއެކޭ އެއްގޮތަށް ޖަލްސާތައް ކުރިޔަށް ގެންދިޔުމަށް މެންބަރުންނަށް ގޮވާލާފައިވެއެވެ.
ތޫނިސްގެ ޕާލަމެންޓްގެ ގިނަ މެންބަރުންވަނީ އަންނަ ހޯމަދުވަހު ޖަލްސާތައް ބޭއްވުމަށްޓަކައި ޕާލަމެންޓަށް ހާޒިރުވެވަޑައިގަންނަވާނެކަމަށް ވިދާޅުވެ ބަޔާންތައް ނެރުއްވާފައެވެ.
ތޫނިސްގެ ރައީސް ގައިސް ސަޢީދު މިދިޔަ ޖުލައިމަހު އެ ގައުމުގެ ސަރުކާރު އުވާލައި އިންތިޚާބުކޮށްފައިވާ ޕާލަމެންޓް ސަސްޕެންޑް ކުރެއްވީ އޭރު ބޮޑުވަޒީރަކަށް ހުންނެވި ހިޝާމް އަލްމަޝީޝީއާ ދެބަސްވެ ވަޑައިގަތުމަށްފަހުއެވެ. މީގެއިތުރުން ތޫނިސްގެ ޕާލަމެންޓްގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ކޯޅުންތަކާއި ސިޔާސީ އަރާރުންތަކުގެ ސަބަބުން ސަރުކާރުގެ މަސައްކަތްތައް ލަސްވެ ތޫނިސްގެ އިގްތިސާދު އިނދަޖެހޭ ހިސާބަށް ގޮސް ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އަލްމަޝީޝީގެ ސަރުކާރު ނާކާމިޔާބު ވުމަކީވެސް އިންގިލާބީ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ގައިސް ސަޢީދަށް ލިބިގެންދިޔަ ކަމެކެވެ.
ނަމަވެސް އެފިޔަވަޅުތައް އުވާލައި ކުރީގެ ހާލަތަށް އެނބުރި ރުޖޫއަވުމުގެ ތާރީޚެއް ކަނޑައެޅުމަށް ގައިސް ސައީދު ފަސްޖެހިވަޑައިގަތުމާއި ސަރުކާރެއް އަދި ޕާލެމެންޓެއްނެތި ޚުދު މުޚްތާރު ގޮތަކަށް ގައިސް ސައީދު ތޫނިސްގައި ވެރިކަން ކުރައްވަން ފެއްޓެވުމުން އޭނާގެ މިފިޔަވަޅުތަކަށް ތޫނިސްގެ ރައްޔިތުންގެ ތާއީދު ވަނީ ގެއްލެން ފަށާފައެވެ. ގައިސް ސައީދު ވަނީ ތޫނިސްގެ ކަންކަން ރަނގަނޅުކޮށް ސިޔާސީ އަރާރުންތައް މައިތިރި ކުރުމަށްޓަކައި މަޝްވަރާގެ މޭޒުދޮށަށް ވަޑައިގަތުމަށް ސިޔާސީ ބޮޑެތި ޕާޓީތަކުން އޭނާއަށް ކުރި އިލްތިމާސްތަކަށްވެސް ބީރު ކަންފަތެއް ދެއްވާފައެވެ.
އެހެންކަމުން ގައިސް ސައީދުގެ އަމަލުތައް މިހާ ހަރުކަށި އަދި ޚުދު މުޚްތާރު ގޮތަކަށް ހުރުމުންނާއި ތޫނިސްއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގައި އޭނާ ނަކާމިޔާބުވެ މައްސަލަތައް ދިގުލާން ފެށުމުން އޭނާގެ ފިޔަވަޅުތަކަށް ކުރިން ތާއީދުކުރި ތޫނިސްގެ އާންމުންގެ ތާއީދުވެސް މިހާރު އޭނާއަށްވަނީ ގެއްލެން ފަށާފައެވެ. އަދި މަގުތަކަށް ނުކުމެ އެފިޔަވަޅުތަކާ ދެކޮޅަށް އާންމުން މިހާރުވަނީ މުޒާހަރާވެސް ކުރަން ފަށާފައެވެ.
މުޒާހަރާތަކާ ގުޅިގެން ކުރިމަތިވި ފިއްތުންތަކާއެކު ގައިސް ސައޫދު މިިދޔަ ހަފްތާގައި ވަނީ ބޮޑުވަޒީރުގެ މަގާމަށް އެއްވެސް ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ އަންހެން ބޭފުޅެއްކަމަށްވާ ނަޖްލާ ބައުދަން ރަމަޟާން އައްޔަން ކުރައްވާފައެވެ. ނަޖްލާއަކީ ތޫނިސްގެ ރައްޔިތުންވެސް އަދި ސިޔާސީ ފަރާތްތައްވެސް އެއްވެސް ވަރަކަށް ދަންނަ ބޭފުޅެއްނޫނެވެ. އަދި ނަޖްލާ އާ ބޮޑުަވޒީރުކަން ހަވާލުކުރެއްވި ނަމަވެސް އޭނާގެ ސަރުކާރާ ހަވާލުކުރި އިޚްތިސާސްތަކާއި މަސްއޫލިއްޔަތުތައްވެސްވަނީ ނޭންގުމެއްގެ ތެރޭގައެވެ. ނަޖްލާގެ ސަރުކާރުން އަދި ކެބިނެޓެއްވެސް އެކުލަވާލަފައެއް ނުކުރެއެވެ.
ތޫނިސްގެ ގާނޫނު އަސާސީ ގައިވާގޮތުން އެގައުމަކީ މަލްޓި ޕާޓީ ޑިމޮކްރަސީއެކެވެ. އެހެންކަމުން ޕާޓީތަކާނުލައި އަދި ޕާޓީތަކުގެ މެންބަރުން ހިމެނޭގޮތަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ޕާލަމެންޓެއް އޮއްވައި އެޕާލަމެންޓްގެ ރުހުންނެތި ސަރުކާރެއް އެކުލަވާލައި ހިންގުމަކީ ގާނޫނު އަސާސީއާ މުޅިން ޚިލާފު ކަމެކެވެ.
ގައިސް ސަޢީދު ގެ އިންގިލާބީ ފިޔަވަޅުތަކަށް ގޮންޖެހުމަށްފަހު ޕާލަމެންޓުގެ ޖަލްސާތައް އަލުން ބޭއްވުމަށް ޕާލަމެންޓްގެ ރިޔާސަތުން އިއްޔެ ނިންމި ނިންމުމަކީ އޭނާއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެގެންދާނެކަމެކެވެ. އަދި ރައްޔިތުން އިންތިޚާބުކޮށްފައިވާ ޕާލަމެންޓްގެ ޖަލްސާތަކަށް ހުރަސްއެޅުމަށް ގައިސް ސައީދު ސަލާމަތީ ބާރުތައް ފޮނުއްވައިފިނަމަ ތޫނިސްގައި ލޭއޮހޮރުވުމެއް ހިނގާފާނެކަމުގެ ބިރުވަނީ ހީވެފައެވެ.