ޔާމީންއަށް އުފުލި ދައުވާ އަކީ ބާތިލް ދައުވާއެއްކަން ކަށަވަރުވެއްޖެ: އިދިކޮޅު

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ރައީސް ޔާމީންގެ ދައުވާ އަކީ ބާތިލު ދައުވާއެއް ކަމަށް އިދިކޮޅުން ބުނޭ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ހަތް ދައުވާއިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސަލާމާތްވެ، މިނިވަންވުމާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ، ބާތިލް ދައުވާއެއްކަން މިހާރު ކަށަވަރުވެއްޖެ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ އެއް މިލިއަން ޑޮލަރު ޖަމާކޮށް ލޯންޑާ ކުރިކަމުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމް މިހާރު އޮތީ ހައި ކޯޓުގެ އިސްތިއުނާފު މަރުހަލާގަ އެވެ.

މިއަދު ޕީޕީއެމް-ޕީއެންސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ރައީސް ޔާމީންނަށް ކޮށްފައިވަނީ ބާތިލް ދައުވާއެއްކަން ކުރިންވެސް އެނގޭ ކަމަށާއި ނަމަވެސް މިއަދު ކްރިމިނަލް ކޯޓުން އަދީބު މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުމުން ރައީސް ޔާމީންގެ ދައުވާއަކީ، ބާތިލް ދައުވާއެއްކަން އިތުރަށް ޔަގީންވެގެން ގޮސްފައިވާ ކަމަށެވެ.

"ކޯޓެއްގެ ތެރެއިން ޔަގީންވެގެން މިދިޔައީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ސައްހަ ދައުވާއެއް ނޫން ކަން، އެއީ ބާތިލު ދައުވާއެއްކަން. އެހެން ކަމުން މިހާރުން ރައީސް ޔާމިން ދޫކޮށްލުމަށް ސަރުކާރަށާއި ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަން،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ: ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ސައްހަ ދައުވާއެއް ނޫންކަން ޔަގީންވެއްޖެ ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ، މިއަދުގެ ޝަރީއަތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ހުރިހާ ކަމަކީ ބާތިލު ކަންކަން ކަމަށް ނިންމަވާފައިވާ ކަމަށާއި އެހެން ކަމުން ރައީސް ޔާމީން ބަންދުގައި ބަހައްޓަން ޖެހޭ އެއްވެސް ސަަބަބެއް ނެތް ކަމަށެވެ. އެގޮތުން އަދީބު މިނިވަންވުމާއެކު އެމްއެމްޕީއާރުސީގެ މައްސަލައަކީ ވުޖޫދުގައިވެސް ނެތް މައްސަލައެއްކަން ހާމަވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ވުޖޫދުގައި އޮތް މައްސަލައެއް ނޫން އެމްއެމްޕީއާރުސީގެ މައްސަލައަކީ. ކޯޓުން މިއަދު އެ ނިންމެވި ނިންމުމާއެކު، އެމްއެމްޕީއާރުސީގެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާނަމަ، އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ހުރި ނަމަ، އެ ހުރިހާ އެންމެން މިތިބީ މިނިވަން ކުރަން ޖެހިފައި. އެމީހުންގެ މައްޗަށް ކުށެށް ސާބިތު ކުރަން ޖެހޭ އެއްވެސް ދަލީލެއް ނެތް،" އަދުރޭ ވިދާޅުވި އެވެ.

އަދީބުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ސަބަބުތަކުގެ ތެރޭގައި ތަހުގީގުގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބީޝާމްއާއި ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ރިޔާޒު އަމަލު ކުރެއްވި ގޮތް ހިމެނެ އެވެ. އެގޮތުން ޕީޖީ އާއި ފުލުހުން އަދީބާއެކު ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމަކީ، ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ޝަރީއަތުން މިއަދު ވަނީ ނިންމާފަ އެވެ. ނަމަވެސް ތަހުގީގުގައި ހިނގި ހުރިހާ ކަމަކީ ބާތިލު ކަންކަމުގެ ގޮތުގައި ޝަރީއަތުން ނިންމާފައެއް ނުވެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވަނީ، އެމްއެމްޕީއާއުރުސީގެ ތަހުގީގުގައި ބިޝާމްއާއި ރިޔާޒު އަމަލު ކުރެއްވި ގޮތް ބަލައި، އެ މީހުންނާ ދޭތެރޭ ފިޔަވަޅު އެޅުމަށް ގޮވާލައްވައިފަ އެވެ.

"މިއަދު ޝަރީއަތުން ސާބިތު މިވީ، އެމްއެމްޕީއާރު މައްސަލައަކީ މުހައްމަދު ރިޔާޒާއި ޕީޖީއަކަށް ހުންނެވި ބިޝާމްއާ ދެބޭފުޅުން އިސްވެ ހުންނަވައިގެން ބަޔަކު އުފައްދާފައި އޮތް މައްސަލައެއްކަން،" އަދުރޭ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައްވެސް އަނބުރާ ގެނައުމަށް މިހާރުގެ ޕީޖީ ހުސައިން ޝަމީމަށް ވެސް އަދުރޭ ގޮވާލެއްވި އެވެ.

އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ކުރިމިނަލް ކޯޓުން ބޭރުކޮށްލީ، އެ ދައުވާތައް އުފުލާފައިވަނީ ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށް ނިންމައިފަ އެވެ.

ފުލުހުންނާއި، އޭސީސީއާއި، އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ހިންގި ތަހުގީގުގެ މައްޗަށް ބިނާކޮށް، އަދީބުގެ މައްޗަށް އުފުލީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ. އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުން އަދީބު ވަނީ މިނިވަންވެފަ އެވެ.

https://sun.mv/139982

comment ކޮމެންޓް