ހުރިހާ ދައުވާއެއް ބާތިލް، އަދީބު މިނިވަންވެއްޖެ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފުލުހުންގެ ކާރެއްގެ ތެރޭގައި ---- ސަން ފޮޓޯ: އަހުމަދު އާޒިފް

ދައުލަތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ އުފުލާފައި ވަނީ ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށް ނިންމައި އެ މައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.

ފުލުހުންނާއި، އޭސީސީއާއި، އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ހިންގި ތަހުގީގުގެ މައްޗަށް ބިނާކޮށް، އަދީބުގެ މައްޗަށް އުފުލީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ. ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ހަތް މައްސަލައިގައިވެސްް އަދީބު ދައުވާއަށް އިއުތިރާފުވާނެ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލަތައް ނިމެންދެން އަދީބު ބަންދު ކުރަން މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ނިންމައިފައެވެ. ނަމަވެސް މި މައްސަލަތައް ބާތިލު ކުރުމަށް މިއަދު ނިންމި ނިންމުމާއެކު އޭނާ ވަނީ ބަންދުން މުޅިން މިނިވަންވެފައެވެ.

އަދީބުގެ މައްސަލައިގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ވަނީ ދައުލަތާއި އަދީބާ ދެމެދު ހަދާފައިވާ އިއުތިރާފު އެއްބަސްވުމާ ގުޅޭގޮތުން ގިނަ ސުވާލުތަކެއްކޮށްފައެވެ. އެއީ، އެއްބަސްވުމާ ގުޅޭ ކަންކަން ދިރާސާކުރައްވާފައި އެއްބަސްވުމުގެ ސައްހަކަމާ މެދު ގޮތެއް ނިންމުމަށެވެ. މިއަދު އޭނާ ނިންމެވީ، އަދީބާއެކު ދައުލަތުން ހަދާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ބަލައިނުގަންނަ އެއްބަސްވުމެއް ކަމަށެވެ.

އަދީބުގެ ކުރި ކަމަށް ތުހުމަތު ކުރެވޭ ކުށުގެ ހާދިސާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށްވުރެ ކުރީގެ ކުށުގެ ހާދިސާއެކެވެ. އެހެންވެ، އޭނާގެ މައްޗަށް އެމްއެމްޕީއާރްސީގެ މައްސަައިގައި ދައުވާ ކުރީ އެ ގާނޫނުގައިވާ އިސްތިސްނާ ހާލަތުގައެވެ. އެ ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންނަށް ދައުވާ ކުރަންވާނެ ކަމަށް އެ އިސްތިސްނާގައިވެއެވެ. އޭރު އަދީބު ހުންނެވީ ބަންދުގައެވެ.

މިއަދު ގާޒީ އިސްމާއިލް ރަޝީދުގެ ނިންމެވުމުގައި ފާހަގަކުރެއްވީ، އެ އިސްތިސްނާ ހާލަތުގެ ދަށުން ބުނާ 30 ދުވަހުގެ މުއްދަތު މިހާރު ފާއިތުވެފައިވާކަމާއި، އެ ފަހުން މިހާރު ދެ އަހަރުވެފައިވާ ކަމަށެވެ. އެހެންކަމުން، އަދީބަށް ދައުވާކޮށްފައިވަނީ މުއްދަތު ހަމަވެފައިވާ ފަހުން ކަމަށް އޭނާ ނިންމެވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ޅ. މާބިންހުރާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ދައުލަތަށް ލިބިފައި ނުވާ މައްސަލައިގައި މީގެ ކުރިން އަދީބުގެ މައްޗަށް ދަައުވާކޮށްފައިވެއެވެ. އެ މައްސަލައިގައި ހައިކޯޓުން ނިންމީ، އަދީބުގެ މައްޗަށް ހުކުމް ކުރީ ރަނގަޅު ނޫން ތަހުގީގެއްގެ މައްޗަށް ކުރި ދައުވާއަކުން ކަމަށެވެ. އެހެންކަމުން މައްސަލަ އަލުން ތަހުގީގުކޮށް ދައުވާކުރަން ހައިކޯޓުން އެނގިއެވެ. ނަމަވެސް، ދައުލަތުން ހައިކޯޓުން ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ދައުލަތުން ސްޓޭންޑު ބަދަލުކޮށް، އެ މައްސަލަ ސުޕްރީމް ކޯޓުން އަނބުރާ ގެންދިޔައީ، ދައުލަތާއި އަދީބާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުންނެވެ.

އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހަތް ދައުވާ ކުރީވެސް މާބިންހުރާ މައްސަލަ ސުޕްރީމް ކޯޓުގައި އޮއްވައެވެ. އެ ހަތް ދައުވާކޮށްފައި ވަނީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް، ދޫކުރި ހުރިހާ ރަށެއްގެ މައްސަލައެއްވެސް ހިމެނޭ ގޮތަށެވެ. ދައުލަތުން ނިންމީ، އަދީބަށް ލުޔެއްގެ ގޮތުން ވަކިވަކި ރަށްތަކުގެ މައްސަލަތަކުގައި ދައުވާ ނުކުރުމަށެވެ.

ނަމަވެސް، އެއް ކުށެއްގައި ދެ ފަހަރަށް އަދަބު ނުލިބުމަކީ ގާނޫނުގައި އޮންނަ ހަމައެކެވެ. އެއް ކުށުގައި ދެ ދައުވާއެއް ނުކުރެވޭނެ އެވެ. އެހެންކަމުން، އެކަމާ ގުޅޭގޮތުން މީގެ ކުރީގެ އަޑުއެހުމުގައި ގާޒީ ސުވާލު ކުރެއްވިއެވެ. ދައުލަތުން ބުނީ، ކްރިމިނަލް ކޯޓުގައި ދައުވާ ކުރި އިރު މާބިންހުރާ މައްސަލައިގެ ބައި ނުހިމެނޭނެ ކަމަށެވެ.

ދައުލަތުން އެހެން ބުނި ނަމަވެސް، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބެލުމަށް ފަހު، މިއަދު ގާޒީ ނިންމެވީ، އަދީބަށް ދައުވާކޮށްފައި ވަނީ އެއް ކުށަަކަށް ދެ އަދަބު ލިބުުމުގެ އުސޫލާ މުޅިން ހިލާފަށް ކަމަށެވެ.

އޭގެ އިތުރުން އަދީބުގެ މައްޗަށް ހިންގި ތަހުގީގަކީވެސް މީގެ ކުރިންވެސް ހިންގި ތަހުގީގުގައި ބައިވެރިވި ފުލުހުން ބައިވެރިވެގެން ހިންގި ތަހުގީގެއްކަން އެނގެން އޮންނަ ކަމަށް ނިންމުމުގައިވެއެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުުުގައި ދައުލަތުން ބުނެފައި ވަނީ އިއުތިރާފު އެއްބަސްވުން ހަދަން ހުށަހެޅުއްވީ އަދީބު ކަމަށެވެ. ނަމަވެސް، މި ހަފްތާގެ އާދީއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވީ، އެއްބަސްވުން ހަދަން ހުށަހެޅުއްވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި، އޭރުގެ ޕީޖީ އައިޝަތު ބިޝާމް ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރީ ބޭސްފަރުވާއަށް ބޭނުންވެ އެހެން ގޮތެއް ނެތިގެން ކަމަށެވެ.

މިއަދު ގާޒީ އިސްމާއިލް ރަޝީދު ނިންމެވީ، ބޭސްފަރުވާ ފޯރުކޮށްދިނުމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުން ވަކި މީހަކު ޒިންމާ ނަގަން ޖެހޭ ކަމަކަށްވާއިރު، އެފަދަ ނިޒާމެއްގެ ތެރެއަށް ވަނުމަށް ޕީޖީއަށް ބާރު ލިބިގެން ނުވާ ކަމަށެވެ. އެހެންވެ، ބޭސްފަރުވާއަށް ފޮނުވަން ޝަރުތުކުރުމަކީ ޕީޖީ އޮފީހަށް ކުރެވޭނެ ކަމެއް ނޫންކަމަށް އޭނާ ނިންމެވިއެވެ.

އަދި ގައިދީންނަށް ބޭސްފަރުވާ ދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމު ކަމެއް ކަމަށްވާއިރު، ބޭސްފަރުވާ ދިނުމަށް ޝަރުތުކޮށް، އިއުތިރާފުވާން ނޭދެވޭނެ ކަމަށްވެސް ނިންމުމުގައިވެއެވެ. އެހެންކަމުން މި މައްސަލައިގައި ނަގާފައިވާ އަދީބުގެ އިއުތިރާފު ބަޔާންތަކަކީ މަޖުބޫރުން ނެގި ބަޔާންތަކެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ނިންމެވުމުގައިވެއެވެ.

"...ގައިދީއަކަށް ބޭސްފަރުވާ ކުރުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނީ ޒިންމާއެއް ނެތް ހިނދު އެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހަވާލުވެފައި ވަނީ ސުވާލު އުފެދޭ ގޮތެއްގައި ގާނޫނީ ނިޒާމުން ބޭރުން ގާނޫނު ނުދަންނަ އެއްބަސްވުންތަކެއް އެކުލަވާލައިގެން ކަމާއި، މިހާރު މި ދައުވާ ކުރެވޭ ހަތް މައްސަލައިގައި އެންމެ ފުރަތަމަ ހިންގާފައިވާ އިޖުރާއަތަކީ 8 ޖޫން 2019 ވަނަ ދުވަހު ސޮއި ކުރެވުނު އެއްބަސްވުން ކަމަށްވާއިރު، އެ އެއްބަސްވުމުގައި އިއުތިރާފު ކުރުމަށް ޝަރުތުކުރެވިގެން ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވަދޭނެ ކަމަށް އެއްބަސްވެ، އެ އެއްބަސްވުން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ދައުވާ ލިބޭ ފަރާތުން ދީފައިވާ އިއުތިރާފުގެ ދެ ބަޔާނަކީވެސް ގާނޫނީ ގޮތުން ސައްހަ ބަޔާންތަކަަކަށް ނުވާނެ ކަމާއި، އެފަދަ އިއުތިރާފު ބަޔާނަކީ ގާނޫނު އަސާސީގެ 52 ވަނަ މާއްދާގައި ބަޔާން ކުރާ ފަދަ މީހަކަށް މަޖުބޫރުކޮށްގެން ހޯދާފައިވާ ޝަރީއަތަށް ގަބޫލު ކުރަން މަނާވެގެންވާ އިއުތިރާފުގެ ބަޔާނެއް ކަމާއި.." ގާޒީ އިސްމާއިލް ރަޝީދުގެ ނިންމެވުމުގައިވެއެވެ.

ބޭސްފަރުވާއަށް ޝަރުތުކޮށްގެން ހޯދޭ އިއުތިރާފަކީ، ދިވެހިރާއްޖެ ބައިވެރިވާ މުއާހަދާތަކުގެ ދަށުން "ޓޯޗާ"ގެ އަމަލެއްގެ ގޮތުގައި ބެލެވޭނެ ކަމަށްވެސް ނިންމުމުގައިވެއެވެ. އަދި އެންޓި ޓޯޗާގެ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނާ ފަދަ ޓޯޗާގެ އަމަލެއް ކަމަށް ބެލެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ނިންމެވުން އިއުލާނުކުރައްވަމުން ގެންދަވަނިކޮށް، ދައުލަތުން ވަނީ ވާހަކަ ދައްކަން ފުރުސަތަކަށް އެދި މައްސަލަ ކުރިއަށްދާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ގާޒީގެ ނިންމުމުގައި ސައްހަ ނޫންކަމަށް ދައުލަތުން ދެކޭ މައުލޫމާތު ފާހަގަކުރައްވަން މަސައްކަތް ކުރެއްވިއެވެ. އެގޮތުން އިބްތިދާއީ މަރުހަލާ ކުރިއަށްގެންދަން ގާނޫނުގައި އޮންނަ ގޮތް ދައުލަތުން ކިޔައިދެއްވި އެވެ. ގާޒީ ވިދާޅުވީ، މައްސަލަ ކުރިއަށްދާ ގޮތާއި ނިންމުމާ މެދު ދައުލަތުން ނުރުހޭ ނަމަ އެޅޭނެ ފިޔަވަޅުތައް ހުންނާނެ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގެ ތެރޭގައިވެސް އަދީބުގެ މައްޗަށް ގިނަ އަދަދެއްގެ ދައުވާތަކެއް ކުރި އެެވެ. ނަމަވެސް، އެއީ ސިޔާސީ ދައުވާތަކެއް ކަމަށް ބައލި، މި އެ ހުރިހާ ދައުވާތައް އަނބުރާ ފޮނުވާލައި އަލުން ހަތް ދައުވާ ކުރީ އެވެ.

މީގެ ކުރިން، ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި 10 އަހަރުގެ ހުކުމަކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި 15 އަހަރުގެ ޖަލު ހުކުމެެއް އަދީބަށް އިއްވިއެވެ. އެ ދެ ހުކުމްވެސް ޝަރީއަތުގެ ފަހު މަރުހަލާ ކަމަށްވާ ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. މާބިންހުރާ މައްސަލައިގައިވެސް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އެ މައްސަލަވެސް ބާތިލުކުރީއެވެ. އޭގެ އިތުރުން ޓަގްބޯޓެއްގައި ފިއްލެވި މައްސަލައިގައި އޭނާއަށް ކުރި ތިން މަހާއި 18 މަސް ދުވަހުގެ ޖަލު ހުކުމްވެސް މިހާރު ވަނީ ތަންފީޒުކޮށް ނިމިފައެވެ. އެހެންކަމުން، އޭނާއަކީ މިހާރު މިނިވަނެކެވެ.

comment ކޮމެންޓް