ވަންޕްލަސް ނޯޑް މިމަހު 21ގައި، ނޯޓް20 އަންނަ މަހު

ކުރިއަށް އޮތީ ޓެކް ދުނިޔޭގައި ބިޒީ ދުވަސްތަކެކެވެ. ބޮޑެތި މޯބައިލް ކުންފުނިތަކުން ބަރިބަރިއަށް އާ ފޯނުތައް ލޯންޗުކުރުމަށް ތައްޔާރުވަނީއެވެ. ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ވަން ޕްލަސްގެ މިޑްރޭންޖް ފޯނާއި ސެމްސަންގްގެ ނޯޓް ސީރީޒްގެ އެންމެ ފަހު ފޯނު އާންމުކުރާނެ ދުވަސްތައް ދެކުންފުނިން އާންމުކޮށްފިއެވެ.

ވަންޕްލަސް އިން މިއަހަރު ވަނީ އެކުންފުނީގެ ފްލެގްޝިޕް ދެ ފޯނު ނެރެފައެވެ. ނަމަވެސް އެއަށްފަހު މިހާރު މަސައްކަތް ކުރަނީ ބަޖެޓް ފޯނު ނެރުމުގެ މަސައްކަތެވެ. އެއީ ވަންޕްލަސް އިން މިއަހަރު މަގުބޫލު މާކެޓުތަކަށް އަތް ފޯރާ ފަށުގައި ސްމާޓްފޯނު ފޯރުކޮށްދިނުމަށް ކަމަށް އެކުންފުނިން ބުނެއެވެ.

ވަންޕްލަސް ނޯޑްގެ ޕްރޮމޯ ޓްރެއިލާ އިން މަންޒަރެއް --- ފޮޓޯ : ވަންޕްލަސް

ވަންޕްލަސް އިން ނެރޭ ބަޖެޓް ފޯނަށް ކިޔާނީ "ވަންޕްލަސް ނޯޑް" އެވެ. އެކުންފުނިން ބުނިގޮތުގައި ނޯޑް ނެރޭނީ މި މަހުގެ 21ގައެވެ. އެ ފޯނު ނެރޭނީ އިންޑިއާ އާއި ޔޫރަޕުގެ ބައެއް ސަރަހައްދުގައެވެ. އެއީ ވަންޕްލަސްގެ އެންމެ ޑިމާންޑް އޮތް ސަރަހައްދުތަކެވެ.

ނޯޑް ޕްރޮމޯޓުކުރުމަށް ވަންޕްލަސް އިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ޕްރޮޑަކްޓްގެ ބައެއް ޓީޒާތައްވެސް ވަނީ ކުންފުނީން އާންމުކޮށްފައެވެ.

ވަންޕްލަސް އިން ބުނާގޮތުގައި ނޯޑް ވެގެންދާނީ ކުންފުނީގެ މުޅީން އާ ކޮންސެޕްޓަކަށެވެ. އަދި ނޯޑްގެ މަގުސަދަކީ ވަންޕްލަސް އެންމެ ފުރަތަމަ ނެރެމުންދިޔަ އަމާޒާ އެއްގޮތަށް ފޯނު ނެރުން ކަމަށް އެކުންފުނިން ބުންޏެވެ. ވަންޕްލަސް އެންމެ ފުރަތަމަ މަގުބޫލުވެފައިވަނީ ފްލެގްޝިޕް ސްޕެކްތައް ހުރި ފޯނުތަކެއް އަގުހެޔޮކޮށް އުފެއްދުމަށެވެ.

ސެމްސަންގް ނޯޓް 20ގެ ޑިޒައިން ކަމަށް ބެލެވޭ 3ޑީ ރެންޑާއެއް ---

ސެމްސަންގް އިން ކޮންމެ އަހަރަކު ގިނަ ފޯނުތަކެއް އުފައްދައެވެ. ނަމަވެސް އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ފޯނަކީ ސެމްސަންގެ ނޯޓް ސީރީޒްގެ ފޯނުތަކެވެ. އެގޮތުން މިއަހަރުގެ ނޯޓް ސީރީޒްގެ ފޯނު ނޯޓް 20ގެ ފޯނުތައް ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަހެއްގައެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ނޯޓް ފޯނާ ގުޅޭ ލީކްތައް މަދެވެ. ނަމަވެސް މިހާރު ވަނީ އެ ފޯނު ހުންނާނެގޮތް އެނގިފައެވެ. އަދި ފޯނުގެ ރިވިއު ވާޝަންއެއްގެ ފޮޓޯތަކެއް ވަނީ ދާދި ފަހުން ލީކް ވެފައެވެ.

ސެމްސަންގް އިން ބުނެފައިވަނީ މިދިޔަ އަހަރެކޭ އެއްގޮތަކަށް މިއަހަރުވެސް ނޯޓް ސީރީޒްގެ ދެ ފޯނު ނެރޭނެ ކަމަށެވެ. އެހެންނަމަވެސް ނަމަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ވަނީ އިޝާރާތްކޮށްފައެވެ.

comment ކޮމެންޓް