ކުރީގެ މިސް ޔުނިވާސް ސުޝްމިތާ ސެން ގިނަ ދުވަސްތަކަކަށްފަހު ސްކްރީނުން ފެނިގެންދިޔަ ވެބް ސީރީޒް "އާރިޔާ"ގެ ދެވަނަ ސީޒަނެއް އަންނާނެކަމަށް ބުނެފި އެވެ.
ޑައިރެކްޓަރު ރާމް މަދަވާނީއާ އިންސްޓަގްރާމް ލައިވް އެއްގައި އެކަން މިހާރު ކަށަވަރުކޮށްދީފައިވާއިރު ސީރީޒްގެ ދެވަނަ ސީޒަނެއް ގެނެސްދިނުމަށް ނިންމީ ފުރަތަމަ ސީޒަނަށް ލިބުނު ތަރުހީބަށް ބެލުމަށް ފަހު ކަމަށް ޑައިރެކްޓަރު ވަނީ ބުނެފަ އެވެ.
މިދިޔަ މަހު 19 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާއިން މި ސީރީޒް ދެއްކިއިރު އާންމުން ވަނީ ސުޝްމިތާގެ އެކްޓިންނަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.
އާރިޔާ އަކީ ނެދަލެންޑްސްގެ ޑްރާމާ ސިލްސިލާ "ޕެނޯޒާ" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ކްރައިމް ޑްރާމާ ސީރީޒްއެކެވެ. ބަތަލާ ސުޝްމިތާ އެންމެ ފަހުން ސްކްރީނުން ފެނިގެންދިޔައީ 2010 ވަނަ އަހަރު ނުކުތް ފިލްމު "ނޯ ޕްރޮބްލަމް" އިންނެވެ.