އިންސްޓަގްރާމް ރީލްސްގައި ހުއްދަނެތި މިއުޒިކް ބޭނުންކުރި މައްސަލައިގައި، ޒީ އެންޓަޓެއިންމަންޓުން އިންޑިއާގެ މަގުބޫލު ފެޝަން އަދި ބިއުޓީ ބްރޭންޑް 'ނައިކާ'ގެ މައްޗަށް ދައުވާކޮށް، ބަދަލުގެ ގޮތުގައި ދެ ކްރޯޑް ރުޕީސް ހޯދަން އެދިއްޖެއެވެ.
ބްރޭންޑްތައް އިޝްތިހާރު ކުރުމުގައި ބޮލީވުޑް ލަވަތައް ބޭނުންކުރުމާ ގުޅޭގޮތުން އުފެދިފައިވާ މި ހިލާފަކީ، ސޯޝަލް މީޑިއާގެ އިޝްތިހާރުތަކުގައި އަމަލު ކުރާނެ އުސޫލުތަކަށް ބޮޑު ބަދަލެއް އަތުވެދާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މިދިޔަ އޭޕްރީލް މަހު ދިއްލީ ހައިކޯޓަށް ހުށަހެޅި މި މައްސަލައިގެ މައިގަނޑު އަސާސަކީ، 'ނައިކާ'އިން އިންސްޓަގްރާމްގައި އާންމުކުރި ކުރު ވީޑިއޯތަކެއްގައި ޒީގެ މިލްކުވެރިކަމުގައިވާ ލަވަތަކެއް ބޭނުންކުރުމެވެ.
ރޮއިޓާސްއިން ބަލާފައިވާ ކޯޓު ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ޒީއިން ދަނީ ބަދަލުގެ ގޮތުގައި ދެ ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 210,000 ޑޮލަރު) ހޯދުމަށް ވަކާލާތު ކުރަމުންނެވެ.

މަޝްހޫރު ފެޝަން އަދި ބިއުޓީ ބްރޭންޑް 'ނައިކާ'ގެ ފައުންޑަ ފަލްގޫނީ ނަޔަރު--ފޮޓޯ/ބޮލީވުޑްހަންގާމާ
ޒީ އިން ބުނާ ގޮތުގައި މެޓާ ޕްލެޓްފޯމްތަކާ އެކު އެ ކުންފުނީގެ ލައިސަންސިންގް އެއްބަސްވުމެއް އޮތް ނަމަވެސް، އެއީ ހަމައެކަނި އާންމު ފަރުދުން ވިޔަފާރި ނޫން ބޭނުންތަކަށް މިއުޒިކް ބޭނުންކުރުމަށް ދެވިފައިވާ ހުއްދައެކެވެ. ބްރޭންޑްތަކުން އިޝްތިހާރު ކުރުމަށް އެ މިއުޒިކް ބޭނުންކުރުމަކީ އެ ހުއްދައިގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށް ޒީއިން ފާހަގަކުރެއެވެ.
ދަޢުވާގައި ބުނެފައިވާ ގޮތުގައި، 'ނައިކާ'ގެ ގިނަ އަދަދެއްގެ ފޮލޯވަރުންނަށް އަމާޒުކޮށް އުފެއްދުންތައް އިޝްތިހާރު ކުރުމަށްޓަކައި، އެ ކުންފުނިން ވަނީ ޒީގެ އެތައް ލަވައެއް އެއްވެސް ހުއްދައަކާ ނުލައި އިންސްޓަގްރާމް ރީލްސްގައި ބޭނުންކޮށްފައެވެ.
މި މައްސަލައިގައި އެފަދަ 12 ވީޑިއޯއެއްގެ ވާހަކަ ފާހަގަކޮށް، ހެކީގެ ގޮތުގައި ސްކްރީންޝޮޓްތައް ވެސް ވަނީ ހުށަހަޅާފައެވެ.
ކޯޓުގެ ތަފްސީލީ ލިޔެކިޔުންތައް އާންމުކޮށް ލިބެން ނެތް ނަމަވެސް، މިހާތަނަށް ދެ ކުންފުނިން ވެސް މިކަމާ ގުޅޭގޮތުން ރަސްމީ ބަޔާނެއް ދީފައެއް ނުވެއެވެ.
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ނައިކާގެ ވަކީލުން ވިދާޅުވީ، މައްސަލަ ޖެހިފައިވާ 12 ވީޑިއޯ ވެސް މިހާރު ޕްލެޓްފޯމުން ނަގާފައިވާ ކަމަށެވެ. ކޯޓުގެ އަމުރެއްގައި މިކަން ފާހަގަކޮށްފައިވީ ނަމަވެސް، މީގެ ކުރިން މިކަން މާ ބޮޑަށް މީޑިއާތަކަށް ތިލަވެފައެއް ނުވެއެވެ.
ޒީގެ ފަރާތުން ކޯޓަށް ހުށަހެޅި 900 އަށްވުރެ ގިނަ ސަފުހާގެ ޝަކުވާގައި ބުނެފައިވަނީ، އެކަށީގެންވާ ހުއްދައެއް ނެތި މިއުޒިކް ބޭނުންކުރުމަކީ އެ ކުންފުނީގެ ހައްގުތަކަށް އަރައިގަތުން ކަމަށެވެ. އެހެންކަމުން، ވިޔަފާރި މަންފާއަށްޓަކައި ހުއްދަނެތި އެ މިއުޒިކް ބޭނުންކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ޒީއިން ވަނީ ޑިމާންޑުކޮށްފައެވެ.
މި މައްސަލައިން ހާމަވެގެންދަނީ ޑިޖިޓަލް މާކެޓިންގްގައި މިހާރު އޮތް އާންމު އުސޫލެކެވެ. އެއީ އިންސްޓަގްރާމް ފަދަ ވަސީލަތްތަކުގައި ކުރު ވީޑިއޯ މެދުވެރިކޮށް، މަޝްހޫރު ހިންދީ ލަވަތައް ބޭނުންކޮށްގެން މީހުންގެ ސަމާލުކަން ހޯދުމަށް ބްރޭންޑްތަކުން ކުރަމުންދާ މަސައްކަތެވެ.
ގާނޫނީ މާހިރުން ދެކޭގޮތުގައި މި މައްސަލައިގެ ނަތީޖާ އަކީ، ސޯޝަލް މީޑިއާ ކެމްޕޭންތަކުގައި ކުންފުނިތަކުން މިއުޒިކް ބޭނުންކުރާ ގޮތަށް ބޮޑު ބަދަލެއް އަތުވެދާނެ ކަމެކެވެ.
އައިރާ ލޯގެ ޕާޓްނަރެއް ކަމަށްވާ އަދިތްޔަ ގުޕްތާ ފާހަގަކުރެއްވި ގޮތުގައި، މާކެޓިންގް ޓީމުތަކުން ގިނަ ފަހަރަށް ޕްލެޓްފޯމްތަކުގައި ހުންނަ މިއުޒިކް ބޭނުންކުރަނީ އޭގެ ބޭނުންކުރެވޭނެ ހުދޫދުތައް ރަނގަޅަށް އޮޅުންނުފިލާ ތިބެއެވެ.
މި މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މި މަހުގެ 26 ވަނަ ދުވަހަށެވެ.
މީޑިއާ އަދި އިޝްތިހާރު ކުރާ ދާއިރާގެ ގިނަ ބަޔަކު މި މައްސަލައިގެ ނަތީޖާއަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނައިރު މި ނިންމުމުގެ ސަބަބުން ކުރިމަގުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްގެންދާ މާކެޓިންގް ހަރަކާތްތަކަށް އަމަލުކުރަންޖެހޭ ގާނޫނީ އުސޫލުތަކަށް ބޮޑެތި ބަދަލުވުންތަކެއް އައުމުގެ ފުރުސަތު ބޮޑު ކަމަށް ގާނޫނީ ލަފާދެއްވާ ފަރާތްތަކުން ވިދާޅުވެފައިވެއެވެ.