ޓެމިލް ނާޑޫގެ އާ ޗީފް މިނިސްޓަރުގެ މަޤާމަށް، ދެކުނު އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަދި ސިޔާސީ ލީޑަރު ތަލަޕަތީ ވިޖޭ، ޓީވީކޭގެ ނުވަ ސިޔާސީ ލީޑަރުންނާ އެކު ރަސްމީކޮށް ހުވާކޮށްފިއެވެ.
ޗެންނާއީގެ ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމްގައި ބޭއްވުނު މި ކުލަގަދަ ރަސްމިއްޔާތުގައި ވިޖޭގެ ޢާއިލާގެ މެންބަރުންނާއި، ސިޔާސީ ދާއިރާގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
ޓެމިލަގަ ވެއްޓުރި ކަޒަގަމް (ޓީވީކޭ)ގެ ރައީސް ވިޖޭ އާދީއްތަ ދުވަހު މި މަޤާމުގެ ހުވާކުރުމާ އެކު، ވޭތުވެދިޔަ 60 ވަރަކަށް އަހަރުގެ ތެރޭގައި ޑީއެމްކޭ ނުވަތަ އޭއައިއޭޑީއެމްކޭއަށް ނިސްބަތްނުވާ ސަރުކާރެއް އެ ސްޓޭޓުގައި ފުރަތަމަ ފަހަރަށް މިއޮތީ ޤާއިމުވެފައެވެ.
ޢުމުރުން 51 އަހަރުގެ ވިޖޭ ހުވާކުރުމުގެ ރަސްމިއްޔާތުގައި އޭނާގެ މައިންބަފައިން ކަމަށްވާ އެސް.އޭ. ޗަންދުރަސޭކަރު އަދި ޝޯބާގެ އިތުރުން، ވިޖޭއާ އެކު ސީރިއަސް ލޯބީގެ ގުޅުމެއް އޮތްކަމަށް މީޑިއާތަކުން ބުނަމުން އަންނަ މަޝްހޫރު ބަތަލާ ތުރިޝާ އާއި އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ވެސް ވަނީ ބައިވެރިވެފައެވެ. ކޮންގްރެސް އަކީ ވިޖޭގެ ސަރުކާރުގައި ކޯލިޝަން ބައިވެރިއެެއްގެ ގޮތުގައި ގުޅެން ޝައުގުވެރިކަން ފާޅުކޮށްފައިވާ ޕާޓީއެކެވެ.

ވިޖޭ ހުވާކުރުމުގެ ރަސްމިއްޔާތުގައި އިދިކޮޅު ޕާޓީ، ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީއާ އެކު--ފޮޓޯ/އިންޑިއާޓުޑޭ
މީގެ ދެ އަހަރު ކުރިން އުފެއްދި ޓީވީކޭއިން ވަނީ މިދިޔަ މަހު ބޭއްވި ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި 234 ގޮނޑީގެ ތެރެއިން 108 ގޮނޑި ކާމިޔާބުކޮށް، ސިޔާސީ މައިދާނުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
ނަމަވެސް، ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ އަޣުލަބިއްޔަތު (118 ގޮނޑި) ހަމަނުވުމުން، ވިޖޭ ވަނީ އެކި ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.
ސަރުކާރު އެކުލަވާލުމަށްޓަކައި ވިޖޭއަށް ކޮންގްރެސްގެ ފަސް މެންބަރުންނާއި، ވާތުފިޔައިގެ ދެ ޕާޓީއެއްގެ ތާއީދު ލިބުނެވެ. ނަމަވެސް، އެންމެ ވަރުގަދަ ބާރަކަށްވީ ޑީއެމްކޭގެ އިއްތިޙާދުގައި ކުރިން ތިބި ވިދުރަލައި ޗިރުތައިގަލް ކަޗީ (ވީސީކޭ) އާއި އިންޑިއަން ޔޫނިއަން މުސްލިމް ލީގް (އައިޔޫއެމްއެލް)އިން ވިޖޭއަށް ތާއީދުކުރަން ނިންމި ނިންމުމެވެ.
މިއާއެކު ކޯލިޝަނުގެ ޖުމްލަ އަދަދު 120އަށް އަރައި، ސަރުކާރު އެކުލަވާލުމުގެ ފުރުސަތު ވިޖޭއަށް ލިބުނެވެ. ގަވަރުނަރު ރާޖެންދުރަ ވިޝްވަނާތު އަރުލެކަރް އާއެކު ބޭއްވުނު ބައްދަލުވުންތަކަށްފަހު، ވިޖޭއަށް ސަރުކާރު އެކުލަވާލުމުގެ ދައުވަތު އެރުވުނެވެ. އަދި އަންނަ މެއި މަހުގެ 13ގެ ކުރިން މަޖިލީހުގެ އިތުބާރު އޮތްކަން އޭނާ ސާބިތުކޮށްދޭން ޖެހޭނެއެވެ.
ވިޖޭ، ފިލްމީ ދާއިރާއަށް ފުރަތަމަ ތައާރަފްވީ 1984 ވަނަ އަހަރު އޭނާގެ ބައްޕަ ޑައިރެކްޓްކުރި ފިލްމަކުން ކުޑަކުއްޖެއްގެ ރޯލުންނެވެ. ބަތަލެއްގެ ގޮތުގައި 1992 ގައި "ނާލައްޔާ ތީރްޕޫ"އިން މަޝްހޫރުކަން ހޯދަން ފެށިއިރު، "އިލަޔަ ތަލަޕަތީ" (ޒުވާން ކޮމާންޑަރު)ގެ ލަޤަބު ވިޖޭއަށް ލިބުނީ 1994 ވަނަ އަހަރުއެވެ.
"ތުއްޕާކީ"، "މާސަލް"، އަދި "ލިއޯ" ފަދަ ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅުމަށްފަހު، ފިލްމީ ދާއިރާ ދޫކޮށްލާނެކަން އިއުލާންކޮށް ވިޖޭ ސިޔާސީ ދާއިރާއަށް ނުކުތީ 2024 ވަނަ އަހަރު އޭނާގެ އަމިއްލަ ޕާޓީ، ޓީވީކޭ އުފެއްދުމާއެކުގައެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ވިޖޭ ޓަމިލް ނާޑޫ ސްޓޭޓްގެ ސަރުކާރާ ހަވާލުވިއިރު، އޭނާގެ ވަދާއީ ފިލްމުގެ ގޮތުގައި ގެނެސްދޭން ހަމަޖެހިފައިވާ ޕޮލިޓިކަލް އެކްޝަން ތުރިލާ "ޖާނާ ނަޔަގަން" ބެލުންތެރިންނަށް ގެނެސްދެވޭނެ ތާރީޚެއް އަދިވެސް ކަށަވަރެއް ނުވެއެވެ.
ދިމާވި ގިނަ ގޮންޖެހުންތަކާ އެކު ވެސް މިއަދު ވިޖޭ އެވަނީ ޓެމިލް ނާޑޫގެ އެންމެ މަތީ ސިޔާސީ މަޤާމާ ހަވާލުވެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށްހުރިކަން ސާބިތުކޮށްދީފައެވެ.