އިންޑިއާގެ މަގުބޫލު ފިލްމު ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ކުރިއަށް އޮތް ފިލްމު "ސްޕިރިޓް" ރިލީޒްކުރާ ތާރީޚު ލަސްވާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ސަންދީޕް ވަންގާގެ ޓީމުން ދޮގުކޮށްފިއެވެ.
މި ފިލްމުގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާއިރު، މި އަންނަ އަހަރުގެ މާޗް މަހު ފިލްމު ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ.
ފިލްމު ރިލީޒްކުރުން ލަސްވެދާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން "ސްޕިރިޓް"ގެ އުފެއްދުންތެރިން ވަނީ އެ ފިލްމުގެ ތާވަލަށް އެއްވެސް ބަދަލެއް ނާންނަކަން ރަސްމީކޮށް ހާމަކޮށްފައެވެ.
މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ޕްރަބާސް އަދި ތްރިިޕްތީ ދިމްރީ މުހިންމު ރޯލްތަކުން ފެންނާނެ ސަންދީޕް ރެޑީ ވަންގާގެ މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ މާޗް މަހުގެ ފަސް ވަނަ ދުވަހަށެވެ.
ޕްރަބާސް މިހާރު މަސައްކަތް ފަށާފައިވާ ގިނަ ފިލްމުތަކެއްގެ ސަބަބުން "ސްޕިރިޓް" ލަސްވެދާނެ ކަމަށް ފިލްމީ ދާއިރާގައި އަޑުފެތުރުނު ނަމަވެސް، ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ އެކަން ދޮގުކޮށްފައެވެ. އެ ޓީމުން ބުނި ގޮތުގައި ފިލްމުގެ މަސައްކަތްތައް ރޭވިފައިވާ ތާވަލާ އެއްގޮތަށް ހައިދަރުއާބާދުގައި މިހާރުވެސް ދަނީ ކުރިއަށެވެ.

ފިލްމު "ސްޕިރިޓް"ގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ އަދި އެ ފިލްމުގެ ލީޑް ތަރިން ކަމަށްވާ ތުރިޕްތީ ދިމްރީ އާއި ޕްރަބާސް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
"ސްޕިރިޓް" އަކީ ޕްރަބާސް އާއި "އެނިމަލް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. މި ފިލްމަކީ ޕްރަބާސްގެ ފިލްމީ ހަޔާތުގައި ވެސް މުހިންމު ފިލްމެކެވެ.
ސަބަބަކީ މި ފިލްމުގައި އޭނާ ފުރަތަމަ ފަހަރަށް ފުލުހެއްގެ ރޯލުން ފެންނާނެތީއެވެ. މި ފިލްމުގެ ބަތަލާއެއްގެ ރޯލް ކުޅޭ ޓްރިޕްތީ ދިމްރީ ކުޅޭނީ ޑޮކްޓަރެއްގެ ރޯލު ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. މީގެ އިތުރުން ވިވެކް އޮބްރޯއީ ވެސް މުހިންމު ރޯލަކުން "ސްޕްރިޓް"އިން ފެންނާނެއިރު ވިވެކްގެ ފުރަތަމަ ފެނިލުން ދައްކާލުމާ އެކު މި ފިލްމަށް ބެލުންތެރިންގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް ލިބިފައެވެ.
ޓީ-ސީރީޒް ފިލްމްސް އާއި ބަދްރަކާލީ ޕިކްޗާސް ގުޅިގެން އުފައްދާ މި ފިލްމު ޑައިރެކްޓްކުރުމުގެ އިތުރުން، ފިލްމުގެ ސްކްރީންޕްލޭ ލިޔުމާއި އެޑިޓްކުރުމުގެ މަސައްކަތްވެސް ކުރާނީ ސަންދީޕް ރެޑީ ވަންގާއެވެ.
ފިލްމު ރިލީޒްކުރާ ތާރީޚަށް ބަދަލެއް ނާންނަކަން ކަށަވަރުވުމާ އެކު، މިއީ މި އަންނަ އަހަރު ރިލީޒްކުރާ ފިލްމުތަކުގެތެރެއިން ބެލުންތެރިން އެންބޮޑު އިންތިޒާރެއްކުރާ އެއް ފިލްމަށް ވަނީ ވެފައެވެ.