އީ-ސިނގިރޭޓުގެ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ނުފެންނަ ކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު، ހުސައިން މުހައްމަދުދީދީ މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރަން ވަނީ ހިމަނައިފައެވެ.
ސިނގިރޭޓާއި ބިޑި ފިޔަވައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި ނަގަނީ 200 ޕަސެންޓެވެ. ސިނގިރޭޓުން ޑިއުޓީގެ ގޮތުގައި މިހާރު 25 ޕަސެންޓު ނަގަމުން އަންނަ އިރު، ސިނގިރޭޓަކަށް ނަގަމުން އައީ ދެ ރުފިޔާ އެވެ.
ނަމަވެސް ސިނގިރޭޓަކަށް ނަގާ ޑިއުޓީ ތިން ރުފިޔާއަށް ބޮޑުކުރުން ވިސާމް ހުށަހެޅުއްވި ބިލުގައި ވަނީ ހިމަނައިފަ އެވެ. މީގެ އިތުރުން ކޮންމެ ބިޑިއަކުން ވެސް ޑިއުޓީގެ ގޮތުގައި ތިން ރުފިޔާ ނަގަން ވަނީ ހިމަނައިފަ އެވެ.
ހަމައެއާއެކު ސިނގިރޭޓާއި ބިޑި ހެދުމަށް ބޭނުންކުރާ ކަރުދާހުން 200 ޕަސެންޓު ޑިއުޓީ ނަގަންވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ. އަދި އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއިި އޭގެ ބައިތަކުން ވެސް 200 ޕަސެންޓު ޑިއުޓީ ނަގަން ބިލުގައި ހިމަނާފައިވެއެވެ.
މި އިސްލާހާ ގުޅިގެން މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މެމްބަރު ހުސައިން މުހައްމަދުދީދީ ވިދާޅުވީ ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކުރާ ކަމަށެވެ.
"ސަބަބަކީ އެއީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ސިއްހަތަށް ލިބޭ ގެއްލުމުން، އޭގެ ސަބަބުން އަޅުގަނޑުމެންގެ އާސަންދަ ބިލަށް ނޫނިއްޔާ ރާއްޖޭގެ ހެލްތަށް ހަރަދުކުރަންޖެހޭ ނިސްބަތް ބޮޑުތަނުން ބޮޑުވެގެން ދޭ. އެހެންވީމަ އަޅުގަނޑު ދެކޭގޮތުން ސިނގިރޭޓު ބޯ ފަރާތްތަކުން އެބޭފުޅުންނަށް ޖެހޭ ބަލިތަކާއި، އެކަންކަމަށް ހަރަދު ކުރުމަށް އެބޭފުޅުން ފައިސާ ދައްކަން ޖެހޭ ކަމަށް އަޅުގަނޑު ދެކެނީ،" މެމްބަރު ވިދާޅުވިއެވެ.
އެހެން ނަމަވެސް އީ-ސިނގިރޭޓުގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރަން ފެނިވަޑައިނުގަންނަވާ ކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ ދުނިޔޭގެ ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ހަދާފައިވާ ރީސާޗްތަކުން ދައްކާގޮތުން، އާދައިގެ ސިނގިރޭޓުން ލިބޭ ގެއްލުމަށް ވުރެ، އިލެކްޓްރޯނިކް ސިނގިރޭޓުން ލިބޭ ގެއްލުން ކުޑަ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުން އީސިނގިރޭޓަށް މިހާރު އެ ކަނޑައެޅުފައިވާ 200 ޕަސެންޓަށް ވުރެ ކުޑަ އަދަދަކަށް، މިހާރުވެސް ޑިއުޓީ ނަގަމުންދާ ގޮތަށް 25 ޕަސެންޓު ޑިއުޓީ ނެގުމަކީ ރަނގަޅު ކަމެއް ކަމުގައި ދެކެން،" މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ ޖަޕާނުގައި ހެދި ދިރާސާއަކުން ދައްކާގޮތުން، 2011 އިން ފެށިގެން 2019ގެ ނިޔަލަށް ޖަޕާނުގައި ސިނގިރޭޓުގެ ކޮންސަމްޕްޝަން 38 ޕަސެންޓު ދަށްވެ، އަދި ދުންފަތުގެ ޖުމްލަ ސޭލްސް ވެސް 19 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ.
"ފެންނަ ފެނުމުގައި އީސިނގިރެޓަށް ބަދަލުކުރުމުގެ ސަބަބުން ދުންފަތާ މީހުން ދުރުހެލިވެ، ދުންފަތުގެ ވެށިން މީހުން ސަލާމަތްވެ، ނޫނީ ސިނގިރޭޓު ބުއިން ހުއްޓާލުމުގެ އާދަ މީހުންގެ ތެރޭގައި އެބަ އުފެދިގެންދޭ،" މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ ދުންފަތާ މީހުން ދުރުކުރުމަށް ދުނިޔޭގެ ބައެއް ގައުމުތަކުގައި، އީސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކޮށްފައި ވާއިިރު ބައެއް ގައުމުތަކުން ޑިއުޓީ ނުނަގާ ކަމަށެވެ.
"މިސާލަކަށް ފިލިޕީންސްގަ ނަގަނީ އެންމެ ޕަސެންޓެއް. މެލޭޝިޔާގައި 0 ޕަސެންޓު، އަދި ޖަޕާނުގައި ވެސް މި ނަގަނީ 0 ޕަސެންޓު. އެހެންވީމަ އާޅުގަނޑު ތާއީދުކުރަނީ މިހާރު އޮތް ގޮތަށް ބާއްވަން، 200 ޕަސެންޓަށް ބޮޑުނުކޮށް،" މެމްބަރު ވިދާޅުވިއެވެ.
އިމްޕޯޓު ޑިއުޓީއާއި ކަސްޓަމްސް ފީއަށް ގެންނަ ބަދަލުގެ ތެރެއިން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ވެސް ވަނީ ހިމަނައިފަ އެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ އެންމެ ފަހުން ބޮޑުކުރީ 2017 ވަނަ އަހަރު އެވެ.