އިޓާލިއަން ލީގުގެ ތާރީހުގައި ވެސް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް މުގުރާލައި ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ތާރީހުން އަނެއްކާވެސް ޖާގަ ހޯދި މެޗުގައި އެ ޓީމުން ބޮޑު މޮޅެއް ހޯދައިފި އެވެ.
ޔުވެންޓަސްގެ ހޯމް ސްޓޭޑިއަމުގައި ރޭ ޓޮރިނޯއާ ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ޔުވެންޓަސް އިންނެވެ. އެއާ އެކު ޔުވެންޓަސް އިން 30 މެޗުން 75 ޕޮއިންޓް ހަމަކޮށްފައިވާއިރު، ދެ ވަނައިގައި ލާޒިއޯ އަށް ލިބިފައިވަނީ 30 މެޗުން 68 ޕޮއިންޓެވެ. ލާޒިއޯ އަށް ރޭ ޔުވެންޓަސްއާ ދެމެދު އޮތް ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ގެއްލުނީ ރޭ އޭސީ މިލާން އަތުން 3-0 އިން ބަލިވުމުންނެވެ.
ޔުވެންޓަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗު ފަށައިގެން ތިންވަނަ މިނަޓުގައި އެ ޓީމުން ވަނީ ގޯލު ޖަހައިފަ އެވެ. އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑިބާލާ އެ ގޯލު ވައްދާލި އިރު މެޗުގެ 29 ވަނަ މިނެޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ލީ ޕާހަކުން ކުއަޑްރާޑޯ އޭރިއާ ތެރޭން ގޯލަށް ޖަހައި ވަނީ ޔުވެންޓަސް އަށް ލީޑު ފުޅާ ކޮށްދީ ފައެވެ.
އޭގެ ފަހުން ޓޮރިނޯގެ އަންދްރޭ ބެލޮއްޓީ ޕެނަލްޓީއަކުން ތަފާތު ކުޑަކޮށްފައިވަނިކޮށް ޔުވެންޓަސް އަށް ތަފާތު ބޮޑުކޮށްދިނީ ހިލޭޖެހުމަކުން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ފަހު ގޯލަކީ ޓޮރިނޯގެ ކޯފީ ޖިޑްޖީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މިމެޗުގައި ރޮނާލްޑޯ ކާމިޔާބު ކުރި ލަނޑާއި އެކު އޭނާ ވަނީ ޔުވެންޓަސްއަށް މިހާތަނަށް 1960 ގެ ފަހުން ސެރިއްޔާ އޭގައި 25 ލަނޑު ސީޒަނެއްގައި ކާމިޔާބު ކުރި ފުރަތަމަ ކުޅުންތެރިޔާއަށް ވެފައެވެ.
ރޭގެ މެޗުން ޔުވެންޓަސް މޮޅުވި އިރު އެ މެޗަކީ އެ ޓީމުގެ ކީޕަރު ބުފޮންއަށް ހާއްސަވި މެޗެކެވެ. އިޓާލިއަން ލީގުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ބުފޮން މުގުރާލީ 648 މެޗުންނެވެ. އޭގެ ކުރިން އެ 647 މެޗު ކުޅެގެން މިލާނުގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ އެ ރެކޯޑް ހޯދާފައި އޮތް އިރު ބުފޮން އަދިވެސް އިތުރު މެޗުތަކެއް ކުޅޭނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ އޭނާ ވަނީ މިފަހުން އަނެއްކާވެސް އިތުރު އަހަރެއް އެކުލަބުގައި މަޑު ކުރުމަށް އެއްބަސްވެފަ އެވެ.
ބުފޮން ރޭގެ މެޗުގައި އެ ރެކޯޑް މުގުރާލި އިރު އުމުރަކީ 42 އަހަރެވެ.