ދިގު ބަންދަކަށް ފަހު ދަރިވަރުން އާ މާހައުލަކަށް، ތަފާތު ވައްޓަފާޅިއަކަށް

"ދަރިވަރުންގެ ސިއްހަތު އެއީ އަޅުގަނޑުމެންގެ އެންމެ މުހިންމުކަމަކީ. ބެލެނިވެރިންގެ ކަންބޮޑުވުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އަންޑަސްޓޭންޑްވޭ. ދަރިވަރުންނަށް ސްކޫލްތަކަކީ ސޭފް ތަންތަނަށް ނުވާހާ ހިނދަކު އެތަންތަނެއް ނުހުޅުވާނަން. އަޅުގަނޑުމެން ކަށަވަރުކުރާނަން ސޭފްކަން. އަދި ބަލިމަޑުކަން އެރަށެއްގައި ނުފެތުރޭކަން ސްކޫލްތައް ހުޅުވުމުގެ ކުރިން،" މިއީ ސްކޫލްތައް އަލުން ފެށުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިދިޔަ މޭ މަހުގެ ފަހުކޮޅު ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމްގައި ވިދާޅުވި ވާހަކަފުޅެވެ.

މިނިސްޓަރު ދެއްވި ޔަގީންކަމާ އެއްގޮތަށް އޭރުއްސުރެ އެޑިއުކޭޝަން މިނިސްޓްރީން ދިޔައީ ސްކޫލްތައް އަލުން ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައްވުމަށް ހޭބޯނާރާ މަސައްކަތް ކުރަމުންނެވެ.

ޔުނިސެފާއި މޯލްޑިވްސް ރެޑްކްރެސެންޓް ފަދަ ޖަމިއްޔާތަކާ ގުޅިގެން ސްކޫލްތައް ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތަކަށް ދުރާލައި އެހީހޯދިއެވެ. އޭގެ ނަތީޖާ މިއަދު އޮތީ ވަރަށް ރީއްޗަށް ފެންނާށެވެ.

ކޮވިޑް ފެތުރޭތީ މާޗް މަހު ސްކޫލްތައް ބަންދުކުރުމަށް ފަހު މިއަދު ވަނީ ސްކޫލްތަކުގެ ކިޔެވުން އަލުން ފަށައިފަ އެވެ. މާލޭގައި ގްރޭޑް ނުވަޔަކުން މައްޗަށް ކިޔަވައިދޭން ފެށި ނަމަވެސް ކޮވިޑް ނެތް ރަށްރަށުގައި ގްރޭޑް އެކަކުން ފެށިގެން މިއަދު ވަނީ ކިޔަވައިދޭން ނިންމައިފަ އެވެ.

އަހުމަދިއްޔާގެ ދަރިވަރުން މިއަދު ސްކޫލަށް ވަނުމުގެ ކުރިން ހުން ހުރިތޯ ބަލަނީ-- ފޮޓޯ: އަހުމަދިއްޔާ

މިއަދު ކިޔަވައިދޭން ފެށި ނަމަވެސް އަދިވެސް ބޮޑަށް ކްލާސްތައް ރާވާލައިފައިވަނީ ޑިސްޓެންސް މޯޑްގައި ކިޔަވައިދޭށެެވެ.

" އަޅުގަނޑުމެން ބޮޑަށް މި ކްލާސްތައް ބާއްވަނީ ކޮންމެ ގްރޭޑަކަށްވެސް ހަފްތާއަކު ދެ ދުވަހު. ބާކީ ދުވަސްތަކުގައި ކްލާސްތައް މިގެންދަނީ ޑިސްޓެންސް މޯޑްގައި. ގްރޭޑް 9،10،11 އަދި 12 އިގެ 1018 ދަރިވަރުން މި ސްކޫލްގައި ކިޔަވަމުންދާ މިގޮތަށް ޖުމްލް" އަހުމަދިއްޔާ އިންޓަނޭޝަލް ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

ސްކޫލް އަލުން ފެށުމަށް އަހުމަދިއްޔާއިން ވަނީ ވަރަށް ބޮޑަށް ތައްޔާރީތައް ވެފަ އެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ގައިޑްލައިންތަކާ އެއްގޮތަށް ސްކޫލުން ވަނީ އަމިއްލަ ގައިޑް ލައިންތަކެއްވެސް ތައްޔާރުކޮށްފަ އެވެ.

މިއަދު ހެނދުނު 7:30 ގައި އަހުމަދިއްޔާ ސްކޫލްގެ ގޭޓްތައް ކައިރީގައި ބެލެނިވެރިން ދަރިވަރުން ގޮވައިގެން އޮތީ ޖަމާވެފައެވެ. ކޮވިޑްއިން ރައްކާތެރިވުމުގެ ގޮތުން ސްކޫލްގެ ގޭޓް އަދި ވަށާފާރު ކައިރީގައި "މާކް" ތަކެއް ވެސް ވަނީ ޖަހައިފަ އެވެ. ސްކޫލަށް ދަރިވަރުން ވެއްދީވެސް ހުން ހުރިތޯ ބަލާ ޗެކް ކުރުމަށް ފަހު ސެނެޓައިޒާއިން އަތް ދޮވުމަށްފަހު އެވެ.

ސްކޫލްގެ އެތެރެއަށް ވަނުމުން އެންމެ ބޮޑަށް ފާހަގަވީ އަތް ދޮންނަން ގޯތި ތެރޭގައި ހަދާފައި ހުރި ސިންކުތަކެވެ. ދުރުދުރުގައި ހަދާފައި ހުރި އެ ސިންކްތައް ހުރީ ގިނަ ކުދިންނަށް އެއްފަހަރާ ބޭނުންކުރެވޭ ގޮތަށެެވެ.

އަހުމަދިއްޔާގެ ދަރިވަރުން މިއަދު ކްލާހުގައި ކިޔަވަނީ-- ފޮޓޯ: އަހުމަދިއްޔާ

ސްކޫލްގައި އުޅޭއިރު އިޖުތިމާއި ގައިދުރުކަން ބަހައްޓަން ފާރުތަކުގައި އެކި މައޫލޫމާތުތަކާއި އިރުޝާދުތައް ހިމެނޭ ލިޔުންތައްވެސް ހިމަނާފައި ހުއްޓެވެ. ކްލާސްތެރޭގައި ގޮނޑިތަކާއި މާސްކުތައް އަތުރާފައި ހުރިއިރު ހުރީ ދުރުދުރުގަ އެވެ. އެ ތަންތަން ހުރީ މާކް ވެސް ކޮށްފަ އެވެ. ކްލާހުގައި ކުދިން ތިބެން ޖެހެނީ މަސްކްވެސް އަޅައިގެންނެވެ. ހައްތާވެސް ރައްކާތެރިކަމަށް ބަލައިގެންނެވެ.

މާލޭގެ އެހެން ސްކޫލްތަކުގައިވެސް ކިޔެވުން ފެށީ ހަމަ މިފަދަ ގޮތަކަށް ކަންތައްތައް ރާވައި އިންތިޒާމްކޮށްގެންނެވެ.

މާލޭގެ އެންމެ ދުވަސްވީ އެއް ސްކޫލް ކަމަށްވާ ޖަމާލުއްދީން ސްކޫލްގައި ވަނީ ބަލި ހުންނަ ކުއްޖަކު ފެނިއްޖެނަމަ އައިސޮލޭޝަން އަށް ގެންދަން ވަކި ކޮޓަރިއެއްވެސް ތައްޔާރުކޮށްފަ އެވެ. އެ ކޮޓަރި ހުންނަ ތަނުން ސީދާ ސްކޫލުން ބޭރަށް ނުކުމެވެެ އެވެ. ކުރިން ކުއްޖަކު ބަލިވެއްޖަމަ ދަރިވަރު ގެއަށް ގެންދާނީ މުޅި ސްކޫލްގެ ގޯތިތެރެ ވަށައިލާފަ އެވެ.

ސްކޫލްތަކުގެ ކްލާސްރޫމްތަކަކީ ވީހާވެސް ބޮޑަށް ރައްކާތެރިތަނަކަށް ހެދުމަށް ޖަމާލުއްދީން ސްކޫލުން ވަނީ ވަކީ އުސޫލެއް ކަނޑައަޅައިފަ އެވެ.

"ޑިސްއިންފެކްޓް ކުރަން މި އޮންނަ ގޮތަކީ ކޮންމެ ދުވަހަކުވެސް ކިޔެވުން ނިމުނީމަ ދެން އެ ކްލާސް ބަންދުކުރާނީ. ދެން ޑިސްއިންފެކްޓް ކޮށްފަ އެތަނުގަ ސްޓިކާ ޖަހާނީ. ދެން އެތަނަށް އިތުރު އެއްވެސް ބަޔަކު ނުވަންނާނެކަމުގެ ޔަގީންކަން ދޭނެ،" ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް ހަސަން މުހައްމަދު ވިދާޅުވި އެވެ.

މާލޭގެ އެހެން ސްކޫލެއް ކަމަށްވާ އިސްކަންދަރު ސްކޫލުންވެސް ކިޔެވުން އަލުން ފެށުމުގެ ގޮތުން ދުރާލާ ފިޔަވަޅުތަކެއް އަޅައިފައެވެ. ސްކޫލްގެ ދަރިވަރުންގެ އިތުރުން ޓީޗަރުންގެ ރައްކާތެރިކަމަށްވެސް އެ ސްކޫލުން ވަނީ ފިޔަވަޅު އަޅައިފަ އެވެ.

އެގޮތުން އެ ސްކޫލްގައި ޓީޗަރުން ތިބޭ ކޮޓަރީގައި ތިބެވޭނެ އިންތިޒާމްއަށް ވަނީ ބަދަލުގެނެސްފަ އެވެ.

"މިތާ (ޓީޗަރުންގެ ރޫމް)ގައި މިހާރު ދެން ތިބޭނީ ހަމައެކަނި ގްރޭޑް 10 ގެ ޓީޗަރުން. އެހެންޏާ ހަމަ ޖެހިޖެހިގެން ޓީޗަރުން ތިބޭއިރު މިތަން އޮންނާނީ ފުރިފަ.ދެން އެހެން ޓީޗަރުންނަށް ހުންނާނީ ހޯލް ތައްޔާރުކޮށްފަ. ކޮންމެ ޓީޗާއަކަށް އޮންނާނީ ވަކި ސްޓޭޝަނެއް ބަހައްޓާފަ." އިސްކަންދަރު ސްކޫލްގެ ޓީޗަރެއް ކަމަށްވާ އައިޝަތު ޝިފްލާ ވިދާޅުވި އެވެ.

ނިއު ނޯމަލްގައި އަލުން ސްކޫލްތައް ފެށޭއިރު ވީހާވެސް ބޮޑަށް ދަރިވަރުން ސްކޫލްތަކަށް އަލުން ފޮނުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ބާރު އަޅަ އެވެ. އެހާ ގިނަ ދުވަހު ސްކޫލަށް ނުގޮސް ކުދިން ތިބެ އަނެއްކާވެސް ކުދިން ކިޔެވުން މަހުރޫމު ވެއްޖެނަމަ އެ ކުދިންގެ ކިޔަވުމަށް ބޮޑެތި އަސަރުތަކެއް ކުރާނެކަން މިނިސްޓަރު ޑރ. އައިޝަރު އަލީ ދަނީ ކެނޑިނޭޅި ހަނދާން ކޮށްދެމުންނެވެ.

comment ކޮމެންޓް