ޔާމީންގެ މައްސަލައާ ގުޅިގެން ހައިކޯޓުގެ އިސް ފަނޑިޔާރާ ބައްދަލުކުރަން އެދިއްޖެ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވާއިރު، މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އާ އެހެނިހެން ކަންބޮޑުވުންތައް ހިއްސާކުރުމަށް ހައިކޯޓުގެެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާ ބައްދަލުކުރަން އިދިކޮޅު ކޯލިޝަނުން އެދިއްޖެއެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވައި ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުކޮށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނުނިމި، ގިނަ ދުވަސްތަކެއް ފާއިތުވަމުން ދާތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

އަދި ދިވެހި ރައްޔިތުންގެ ކުރިމަތީގައި ހިނގައިދިޔަ ޝަރީއަތެއްގައި ރައީސް ޔާމީނަށް ކޮށްފައިވަ ހުކުމަކީ ސިޔާސީ ހަސަދަވެރިކަމެއްގެ ތެރެއިން ސިޔާސީ ނުފޫޒުން ކޮށްފައިވާ ހުކުމެއް ކަމަށް އެތައް ހާސް ރައްޔިތުން ގަބޫލުކުރާ ކަމަށް އެ ސިޓީގައިވެއެވެ.

އެހެންކަމަށް ވީއިރު، ރައީސް ޔާމީން ޖަލުގައި ހޭދަކުރައްވާ ކޮންމެ ދުވަހަކީ ގާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ އިންސާފުގެ ހައްގުން އެމަނިކުފާނު މަހްރޫމްވުން ކަމަށެވެ.

އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ހައިކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ކަމަށާއި އޭގެ ފަހުން ހަތަރު މަސް ވެގެން ދިޔައިރު މައްސަލައާ ގުޅިގެން ހައިކޯޓުން އަޑުއެހުމެއް ބާއްވާފައި ނުވާތީ ކަންބޮޑުވެވަޑައިިގަންނަވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ، ސިޔާސީ ނުފޫޒުން، ބޭއިންސާފުން ކޮށްފައިވާ ހުކުމެއް ކަމަށް އެތައް ހާސް ރައްޔިތުން ގަބޫލުކުރާއިރު، ރައީސް ޔާމީން ކަފާލާތުގެ ދަށުން ވެސް ގެއަށް ބަދަލުކުރުމުގެ ފުރުސަތު ނުލިބި އިސްތިއުނާފު މަރުހަލާ ދިގުދެމިގެން ދިއުމަކީ ގައުމުގެ އަދުލު އިންސާފުގެ ދާއިރާއާމެދު ރައްޔިތުންގެ ހިތުގައިި ޝައްކާއިި ވަހުމު އުފެދި ގައުމުގެ ހަމަޖެހުމަށް އެކަމުގެ ސަބަބުން އަސަރުކުރާނެ ކަމެއް ކަމަށް ވެސް ސިޓީގައިި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ކޮވިޑް19 ގެ ފުރަބަންދުގައި ވެސް ހައިކޯޓުގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް އުސޫލުތަކެއް ކަނޑައަޅައި ހައިކޯޓުގެ މައްސަލަތައް ކުރިއަށް ގެންދާ ދަނޑިވަޅެއްގައި، ފަސް އަހަރުގެ ރިޔާސީ ހިދުމަތްތެރި ދައުރެއް ފުރިހަމަ ކުރެއްވުމަށްފަހު މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި ހަމައެކަނި އިދިކޮޅު ލީޑަރު އިންސާފު ނުލިބި ޖަލުގައި ހުންނަން ޖެހުމަކީ އެތައް ހާސް ރައްޔިތުންގެ މަސްލަހަތާ ގުޅިފައި އޮތް ކަމެއް ކަަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެެހެންކަމުން ރައީސް ޔާމީންގެ މައްސަލަ މިހާރު ގޮސްފައިވާ ހިސާބު ސާފުކުރެއްވުމަށާއި، މި މައްސަލައާ ގުޅޭގޮތުން ކޯލިޝަންގެ ކަންބޮޑުވުންތައް ހިއްސާކުރަން ބޭނުންވާތީ، ވީ އެންމެ އަވަހަކަށް އިސް ފަނޑިޔާރު ޝުޖާއު އުސްމާނާ ބައްދަލުކުރަން އެދޭކަމަށް ސިޓީގައި ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް