ކެޕްޓަން ސާޖިއޯ ރާމޯސް ފޮނުވާލި ހިތްގައިމު ފްރީ ކިކް ގޯލާ އެކު ފަސޭހަކަމާއެކު މަޔޯކާ ބަލިކޮށް، ރެއާލް މެޑްރިޑް އަނެއްކާވެސް ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ރެއާލްގެ ދެވަނަ ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ހޯމް ޓީމް ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުން ލިބުނު މޮޅާ އެކު ރެއާލް ތާވަލުގެ އެއްވަނައަށް އަލުން އެރީ ކުޅުނު 31 މެޗުން ކާމިޔާބުކުރި 68 ޕޮއިންޓާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތް ބާސެލޯނާއަށްވެސް 31 މެޗުން 68 ޕޮއިންޓު ވަނީ ލިބިފައެވެ. ރެއާލަށް އެއްވަނަ ލިބެނީ ހެޑް ޓު ހެޑުން ކުރި ލިބޭތީއެވެ. ލީގު ތާވަލުގެ ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 31 މެޗުން ލިބިފައިވަނީ 55 ޕޮއިންޓެވެ.
ރޭގެ މެޗުގައި ރެއާލަށް ލީޑް ނަގައި ދިނީ 19 އަހަރުގެ ފޯވާޑް ވިނީޝިއަސް ޖޫނިއާއެވެ. އިތުރު ގޯލްތަކެއް ޖަހަން މި ހާފްގައި ވިނީޝިއަސް އަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ބްރެޒިލް ކުޅުންތެރިޔާ ފޮނުވާލި ހަމަލާތައް ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ.
މެޗުގައި ރެއާލުން ލީޑު ފުޅާކުރީ ކެޕްޓަން ސާޖިއޯ ރާމޯސް ކާމިޔާބުކޮށްދިން ހިލޭ ޖެހުމަކުންނެވެ. މި ލަނޑާއެކު ސާޖިއޯ ރާމޯސް ވަނީ މި ސީޒަނުގައި ރެއާލަށް ދެވަނައަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި އަށްވަނަ ގޯލެވެ. ރަމޯސްގެ ޑިފެންޑިންގް ހުނަރުތަކާ އެއްވަރަށް އޭނާ އެޓޭކުތަކުގައި ވެސް ބައިވެރިވަމުން އަންނަ އިރު މިއީ ރަމޯސް އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ސީޒަނެވެ.
"އޭނާ ފްރީ ކިކަކުން ގޯލެއް ޖެހުމަށް މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެ. ޓްރެއިނިންގްގައި ވެސް ވަރަށް ޕްރެކްޓިސް ކުރޭ،" ރަމޯސްގެ ގޯލާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ރެއާލް ކޯޗު ޒައިނުއްދީން ޒިދާން ބުންޏެވެ.
ޒިދާން ބުނީ، ރާމޯސް އަކީ ޓީމުގެ ލީޑަރު ކަމަށާއި އޭނަގެ ކެޕްޓަން ކަމުގެ ދަށުގައި އަބަދުވެސް ޓީމު ކާމިޔާބީއަށް ކުރާ ދަތުރު ފަސޭހަ ކަމަށެވެ.
މީގެ އިތުރުން ރާމޯސް ވަނީ މިދިޔަ އާދީއްތަ ދުވަހު ރެއާލް ސޮސިއެޑާޑް ކޮޅަށް ގޯލް ޖަހައި ސްޕެނިޝް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ޑިފެންޑަރުގެ ރެކޯޑް ވެސް ހަދައިފަ އެވެ.