ހަޔާތެއް ބަދަލުކޮށްލި ކަޗަޕޫރީ

ކަޗަޕޫރީ ކާނީ ކައިރިފަށުން ޕާންކޮޅެއް ނައްޓާލުމަށްފަހު މެދުގައިވާ ޗީޒްއާއި ބިހުގައި ޖައްސައިގެން -- ފޮޓޯ/ ޖިންޖާބޭކްސް

ދަތުރުވެރިއަކު އޭނާގެ ދަތުރުމަތީގައި އުޅޭއިރު އެތަކެއް ތަފާތު މަންޒަރުތަކއް ފެންނާނެ އެވެ. ތަފާތު މީހުންނާ ބައްދަލުވެ އެވެ. އަދި އެތަކެއް މީރު ރަހަތަކާއި ވަސްތައް ވެސް ބެލިފައި ހުންނާނެ އެވެ.

މި ހަފްތާގައި ޖިންޖާބޭކްސްގެ ފާތިމަތު ޝާދްނީ (ޝާ)އާއެކު އަހަރެމެން ކިޔައިދޭން މި އުޅެނީ އެފަދަ ދަތުރެއް މަތީ އުޅުމުގެ ތެރެއިން އެނގުނު ހިތްގައިމު ރަހައެއްގެ ވާހަކައެކެވެ. އެއީ ދެ ބައްރު ގުޅޭ ހިސާބުގައި އޮންނަ ޖޯޖިއާއޭ ކިޔާ ގައުމުގެ ހާއްސަ ކާއެއްޗެކެވެ. ނަމަވެސް ޝާގެ މި ވާހަކައިގެ "ސެޓިންގް"އަކީ ޖޯޖިއާއެއް ނޫނެވެ-- ސީނުކަރަ އެވެ.

ޗައިނާގެ ގުއަންޖޯ ސިޓީއަށް ގޮސް، ހަލާލް ކާނާ ލިބޭނެ ރެސްޓޯރަންޓެއް ހޯދުމުގެ އުނދަގޫ މަސައްކަތް ކުރުމުގެ ތެރެއިން، "ޓްރިޕްއެޑްވައިޒާ"ގެ އެހީގައި ތުރުކީވިލާތުގެ ކާނާ ވިއްކާ ތަނެއް ފެނިއްޖެ އެވެ. ވަރުބަލިވެ، ރަނގަޅު ކެއުމެއް ކާލުމަށް ޝާމެން ބޭނުންވެފައި ތިބުމުން އެ ޓާކިޝް ރެސްޓޯރަންޓުގެ އެންމެ ފުރިހަމަ ފުޑްސް ގެނެސްދިނުމަށް ވެއިޓަރު ނިންމި އެވެ.

ވާހަކައިގެ ކުންނަކީ މިއީއެވެ--އޭނާ ސްޓާޓަރއަކަށް ގެނެސްދިން ޕާނެވެ. ޖޯޖިއާއަށް ނިސްބަތްވާ، "ކަޗަޕޫރީ" ކިޔާ، ބަލާލަންވެސް އެހާ ހިތްގައިމު ޕާނެކެވެ. އެތެރެއަށް ޗީޒް އަޅައި، އަދި މައްޗަށް ބިހެއްގެ ގޮބޮޅި ލައި ފިހެލާފަ އެވެ.

ޖިންޖާބޭކްސް ފިހުނު ކަޗަޕޫރީ ޕާންތަކެއް -- ފޮޓޯ/ ޖިންޖާބޭކްސް

ޝާ ބުނި ގޮތުގައި މި ކަޗަޕޫރީގެ ރަހަ ބަލައިލި ފުރަތަމަ ފަހަރާއެކު އޭނާގެ މުޅި ހަޔާތް ބަދަލުވިއެވެ--އެއީ މީގެ ކުރިން ތަޖުރިބާ ނުކުރާ، އަދި ސިފަކޮށްދޭންވެސް ނޭނގޭ ފަދަ މީރު ރަހައެކެވެ.

މި މީރު ޗީޒީ ޕާން ފިހެލަން މިއަދު ހިނގާބަލާށެވެ.

ބޭނުންވާ ތަކެތި

ފުށްގަނޑަށް:

  • 50 މިލިލީޓަރު ފެން
  • 1/2 ސައިސަމުސާ ހަކުރު
  • 7 ގްރާމް އިންސްޓަންޓް ޔީސްޓް
  • 350 ގްރާމް ފުށް
  • 1/2 ސައިސަމުސާ ލޮނު
  • 2 ބިސް
  • 90 މިލިލީޓަރު ކިރު
  • 2 މޭޒުމަތީސަމުސާ ތެޔޮ

ކަޗަޕޫރީ ހެދުމަށް ބޭނުންވާ ބައެއް ތަކެތި -- ފޮޓޯ/ ޖިންޖާބޭކްސް

ފިލިންގްއަށް:

  • 400 ގްރާމް މޮޒަރެލާ ޗީޒް (ގާނާފައި)
  • 200 ގްރާމް ފެޓާ ޗީޒް (ކުދިކޮށްލާފައި)
  • 2 ބިހުގެ ގޮބޮޅި
  • 1 މޭޒުމަތީސަމުސާ ބަޓަރު

*މި ރެސިޕީގައި ފިލިންގްއަށް ބޭނުންވާ ދެ ވައްތަރުގެ ޗީޒް ބޭނުންކުރާނީ އެއްކޮށްލައިގެންނެވެ.

ތައްޔާރުކުރާނެ ގޮތް

ފުށްގަނޑު މޮޑުން

އެންމެ ފުރަތަމަ ތާފަނާ ފެންފޮދެއްގައި ހަކުރުކޮޅު ގިރުވާލުމަށްފަހު ޔީސްޓް އަޅައި، ޔީސްޓްކޮޅު އެކްޓިވޭޓުވަންދެން ބަހައްޓާށެވެ. މިކަމަށް ގާތްގަނޑަކަށް 10 ވަރަކަށް މިނިޓު ނަގާފާނެއެވެ. ދެން ބޯތައްޓެއްގައި ފުށާއި ލޮނު އެއްކޮށްލުމަށްފަހު، އޭގެ ތެރެއަށް 2 ބިހާއި، ކިރުފޮސާއި، ތެޔޮފޮދާއި ޔީސްޓް މިކްސްޗާ އަޅާލައި އެއްކޮށްލާށެވެ. އެކުވާން ފެށުމުން ތަށިން ފުށްގަނޑު ނެގުމަށްފަހު މޭޒު (ނުވަތަ ވޯކް ސާފޭސް)މަތީގައި ބާއްވައި، ރަނގަޅަށް މޮޑޭށެވެ. ރަނގަޅަށް އެކުވަންދެން 10 މިނިޓެއްހާ އިރު ވަންދެން މޮޑޭށެވެ. ސްޓޭންޑް މިކްސަރެއް ހުރި ނަމަ އޭގެ ބޭނުންވެސް ކުރެވިދާނެ އެވެ.

ޔީސްޓް އެކްޓިވޭޓުވެ، ފުށުގެ ތެރެއަށް އެޅުމަށް ތައްޔާރުވެފައި -- ފޮޓޯ/ ޖިންޖާބޭކްސް

ފުށްގަނޑު ރަނގަޅަށް މޮޑެވުމުން، ބޯތައްޓެއްގައި ތެޔޮފޮދެއް ހާލާކުމަށްފަހު ފުށްގަނޑު ބޯތައްޓަށް ލައި، ކަވަރ ކޮށްލާށެވެ. މިއީ ފުށްގަނޑަށް އެއްކޮށްލި ޔީސްޓްގެ މަސައްކަތް ކުރުމަށް ދޭންވީ ވަގުތެވެ--ދޮޅު ގަޑިއިރާއި ދެ ގަޑިއިރާ ދެމެދުގެ ވަގުތަކަށް ބޯތަށި ކަވަރުކޮށްފައި ބަހައްޓާށެވެ. އެހާ ވަގުތު ފާއިތުވުމުން ފުށްގަނޑު ހުންނާނީ އޭގެ ދެގުނަ ސައިޒަށް ފުފިފަ އެވެ.

އެކުލަވާލުން

ފުފިފައިވާ ފުށްގަނޑު ނެގުމުގެ ކުރިން އަވަން އޮން ކޮށްލައި، 220 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން ޖައްސާލާށެވެ. އަދި އަވަނުގެ މެދު ރެކަށް ބޭކިންގް ޝީޓެއްވެސް ލައި، ތައްޔާރީ ހާލަތުގައި އަވަން ބަހައްޓާށެވެ.

އަތް ގޮށްމުއްކަވާލާފައި ފުށްގަނޑުގެ މެދަށް މަޑުމަޑުން ފިތާލައި، އޭގައި އުފެދިފައިވާ ގޭސް ނެރެލާށެވެ. އަދި ފުށްގަނޑު ދެބަޔަށް ބައިކޮށްލައި، ފަހަރަކު ފުށްގަނޑެއް ދަމާލާށެވެ. ފުށްގަނޑު މޮޑޭނީ ބޯ، އަދި ބޮޑު ރޮއްޓެއްގެ ބައްޓަމަށެވެ.

ވަށް ބައްޓަމަށް ފުށްގަނޑު ދަމާލުމަށްފަހު، މައްޗާއި ތިރީގައި ޗީޒްގެ ރޮނގެއް އަތުރާލާށެވެ. އެއަށްފަހު ޗީޒްތައް އެތެރެއަށް ވާ ގޮތަށް ދެ ފަރާތުން ފުށްގަނޑު އޮޅާލާށެވެ. މަތިންނާއި ތިރިން ފުށްގަނޑު އޮޅަމުން، މެދާ ހަމައަށް ގެންދާށެވެ. މިހާރު އޮންނަން ވާނީ ޗީޒް އަޅާފައިވާ ދެ ސިލިންޑާގެ ބައްޓަމަށެވެ.

ފުށްގަނޑުގެ ދެ ފަރާތަށް ޗީޒް އަޅައި، އޮޅުމަށްފަހު ބައްޓަންކުރާނީ މިފަދައިން. އަދި ދެ ފަރާތުން އެއްކޮށްލައި، ގުޅުވާލުމަށްފަހު މެދުތެރެއިން ޖާގައެއް ހަދައި، ޗީޒް އަޅާނީ މިފަދައިން -- ފޮޓޯ/ ޖިންޖާބޭކްސް

ދެން ފުށްގަނޑުގެ ދެ ފަރާތުން، ދެ ސިލިންޑާގެ ކޮޅު އެއްކޮށްލައި، ގުޅުވާލާށެވެ. އަދި ދެ ސިލިންޑާގެ މެދުން ޖާގައެއް ހެދުމަށްޓަކައި މެދުން ދުރުކޮށްލާށެވެ. މިހާރު ފުށްގަނޑު އޮންނާނީ ލޮލެއްގެ ބައްޓަމަށް، އަދި މެދުން ހުސް ޖާގައެއް އޮންނަ ގޮތަށެވެ. މިއީ ކަޗަޕޫރީގެ ބައްޓަމެވެ. މެދުގައި އޮތް ހުސް ތަންކޮޅަށްވެސް ޗީޒްކޮޅެއް އަޅާލައި، ފިހެލުމަށް ތައްޔާރުކޮށްލާށެވެ.

ކަޗަޕޫރީ ޕާނަކީ ބޭނުން ގޮތަކަށް ކަސްޓަމައިޒްކޮށްލެވޭނެ އެއްޗެކެވެ. އެ މީހަކު ބޭނުން ނަމަ މީރު ރަހަ ގެނެސްދޭ އެހެނިހެން ތަކެތިވެސް ޗީޒްގަނޑުގެ މައްޗަށް އެޅިދާނެއެވެ. ޓޮމާޓޯފޮތި، ކޮރިއެންޑާ ފަތް ނުވަތަ ސްޕިނަޗް، އަދި އެމީހަކަށް ކަމުދާ މަހުގެ ބާވަތެއްވެސް ހަމަ އަޅަންވީ އެވެ.

ފިހުން

ބިހަކާއި މޭޒުމަތީސަމްސަލެއްގެ ފެންފޮދެއް ގިރާލުމަށްފަހު "އެގްވޮޝް"އެއް ތައްޔާރުކުރާށެވެ. އަދި ކަޗަޕޫރީގެ ފުށްގަނޑުގައި އެގްވޮޝް ހާކާލުމަށްފަހު، އަވަނުގައި އޮތް ބޭކިންގް ޝީޓަށް ލައި ފިހެލާށެވެ. ރީތި، މަޑު މުށި ކުލައެއް އަރަންދެން ފިހާށެވެ--މިކަމަށް ހޭދަވާނީ އަށް ވަރަކަށް މިނެޓެވެ.

ޗީޒްތައް ވިރި، ޕާނަށް މުށި ކުލައެއް އަރަންދެން ފިހެލުމަށްފަހު އަވަނުން ނަގައި، މެދަށް ބިހެއްގެ ގޮބޮޅިއެއް ލާފައި އަލުން އަވަނަށް ލައި ފިހުމަށް ތައްޔާރުވެފައި -- ފޮޓޯ/ ޖިންޖާބޭކްސް

ދެން އަވަނުން ކަޗަޕޫރީ ނެގުމަށްފަހު، އޭގެ މެދުގައި ހެދި ޖާގައަށް އެޅި ޗީޒްގެ މައްޗަށް ބިހެއްގެ ގޮބޮޅި ވައްޓާލުމަށްފަހު އަނެއްކާވެސް އަވަނަށް ލައި ފިހެލާށެވެ. ގާތްގަނޑަކަށް ތިން މިނިޓު ވަންދެން، ނުވަތަ މުޅި ޕާނުގެ ކުލަ ގަދަ މުށި ކުލައަށް އަރައި އަދި ޗީޒްކޮޅު ވިރެންދެން ފިހެލާށެވެ. ފިހެ ނިމުމުން އަވަނުން ނަގައި، ވަޔާ ރެކެއް މަތީގައި ބާއްވާލާށެވެ. އަދި މައްޗަށް ބަޓަރުކޮޅެއް ޖެހުމަށްފަހު ކަޗަޕޫރީގެ އުފާވެރިކަން ހޯދައިގަންނަންވީ އެވެ.

ކަޗަޕޫރީއަކީ ޗީޒް އެޅި ޕާނެކެވެ. ޖޯޖިއާ ބަހުން ކަޗަޕޫރީގެ މާނައިންވެސް ދޭހަވަނީ ޗީޒްއާއި ޕާނެވެ. ޝާ ބުނާ ގޮތުގައި މިއީ އޮޑިފަހަރު ބަނދެ އުޅުމުގެ ފަޚުރުވެރި ތާރީޚެއް އޮތް، ޖޯޖިއާގެ އަޑްޖާރާއޭ ކިޔާ ރީޖަންގައި ކަޗަޕޫރީ ހަދާ ގޮތެވެ.

އުފާވެރިކަން! ކެއުން!

މި ޕާން ކާންޖެހޭނީ ހޫނުކޮށް ހުއްޓައެވެ. މައްޗަށް ލާފައިވާ ގޮބޮޅިއާއި، ބަޓަރުކޮޅާއި ވިރިފައިވާ ޗީޒް އެއްކޮށްލައިގެންނެވެ--ސަމުސަލަކުން އެ އެއްޗެހި އެއްކޮށްލާށެވެ. އަދި ކަޗަޕޫރީގެ އެއްފަރާތުން ޕާންކޮޅެއް ނައްޓާލުމަށްފަހު، މެދުގައިވާ ދިޔާ ބިސް-ޗީޒް-ބަޓަރުގެ ތެރެއަށް ޖައްސާލައިގެން ކާލާށެވެ.

ކަޗަޕޕޫރީ ޕާން ފިހެވި، އެއަށް އިންސާފުކުރެވެނީ -- ފޮޓޯ/ ޖިންޖާބޭކްސް

ޖޯޖިއާގައި ކަޗަޕޫރީގެ އިތުރުން އެހެނިހެން ސޭވޮރީ ޕޭސްޓްރީޒް ހެދުމަށް ބޭނުންކުރަނީ އެ ގައުމުގައި ހަދާ ޗީޒްގެ ދެ ބާވަތެއް ކަމުގައިވާ، އިމެރުލީ އަދި ސުލްގުނީ ޗީޒް އެވެ. އެހެން ނަމަވެސް މިއީ ރާއްޖެއިން ލިބެން ހުންނަ ބާވަތްތަކަކަށް ނުވާތީ، މި ރެސިޕީގައި ޝާ ބޭނުންކޮށްފައިވަނީ ރާއްޖެއިން ގަންނަން ލިބޭ މޮޒަރެލާ އަދި ފެޓާ ޗީޒް އެވެ.

comment ކޮމެންޓް